މިދިޔަ ހަފްތާގެ ހޯމަ ދުވަހު ރާއްޖޭގެ އިރުމަތީ ފަރާތުގައި އުފެދުނު ކޮޅިގަނޑު ބާރުގަދަވެ، އުފެދުނު "ރޯނު" ތޫފާން ބަންގުލަދޭޝް އަށް އަރައި ބޯކޮށް ވާރޭވެހި، ބައި މިލިއަނަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިއްޖެ އެވެ.

އެ ތޫފާނުގެ ސަަބަބުން މިހާތަނަށް، 24 މީހުން ވަނީ މަރުވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި ބަންގުލަދޭޝްގެ ދެކުނުގައި އޮންނަ ޗިތަގޮންގު ޑިސްޓްރިކްޓުގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއެއްގައި މަރުވި މަޔަކާ އޭނާގެ އަންހެން ދަރިއަކު ހިމެނެ އެވެ.

ބަންގުލަދޭޝްގައި މަސައްކަތްކުރާ އިދާރާތަކުން ދަނީ، އިއްޔެގެ ވަގުތެއްގައި އެ ގައުމުގެ އުތުރު އައްސޭރިފަށަށް އެރި "ރޯނު" ތޫފާންގައި ހާލުގައި ޖެހުނު 500،000 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ އެވެ.

ތޫފާނުގައި ބަންގުލަދޭޝްއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ގޮސް ބައެއް ގެތައް ވަނީ ފެންގަނޑަށް ގަބައިގެން ގޮސްފަ އެވެ.

މީގެ އިތުރުން ބައެއް ޕޯޓުތައް ބަންދުކޮށްފައިވާ އިރު، ބަންގުލަދޭޝްގެ އެކި ހިސާބުތަކުން ކަރަންޓް ވަނީ ކެނޑިފަ އެވެ.

މޫސުމާ ބެހޭ އިދާރާތަކުން ބުނާ ގޮތުން، "ރޯނު" ތޫފާންގެ ބާރު ކެނޑިފައިވީ ނަމަވެސް ބަންގުލަދޭޝް އަށް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.