އެޕަލްގެ އޮޕަރޭޓިންގް ސިސްޓަމް އައިއޯއެސްގެ އެންމެ ފަހުގެ އަޕްޑޭޓު 9.3.2، އެންމެ ފަހުގެ އައިޕެޑް ޕްރޯއަށް ޑައުންލޯޑު ކުރުމުން މައްސަލަތަކެއް ކުރިމަތިވާތީ، އެ ޑިވައިސްއަށް އަޕްޑޭޓު 9.3.2 ޑައުންލޯޑު ނުކުރެވޭ ގޮތް ހަދައިފި އެވެ.

ސައިޒުގައި 9.7 އިންޗި ހުންނަ، އައިޕެޑް ޕްރޯއަށް އައިއޯއެސް 9.3.2 އަޕްޑޭޓު ޑައުންލޯޑު ކުރުމުން، ޑިވައިސް އެއްކޮށް ސްޓަކުވެ، "އެރަރ 56" ޖަހާފައިވާ އެރާ މެސެޖެއް އަރަ އެވެ. އެޕަލްއިން ބުނާ ގޮތުގައި އެ އެރަރ މެސެޖު އަރަނީ ހާޑްވެއާ އަދި ސޮފްޓްވެއާ ރަނގަޅަށް އެކުގައި މަސައްކަތް ނުކުރާތީ އެވެ. ނަމަވެސް 9.7 އިންޗީގެ އައިޕެޑް ޕްރޯގައި ދިމާވެފައިވާ މައްސަލައެއް ނޭނގޭ ކަމަށް އެޕަލްއިން ބުނެ އެވެ.

އައިއޯއެސް 9.3.2، އެހެން ސައިޒުތަކުގެ، ކުރީގެ އައިޕެޑް މޮޑެލްތަކުގައި ވަރަށް ރަނގަޅަށް މަސައްކަތް ކުރެ އެވެ. އަދި އައިފޯނުތަކަށް ވެސް މަސައްކަތް ކުރެ އެވެ.

ކުޑަ އައިޕެޑް ޕްރޯއަށް އަޕްޑޭޓު މަސައްކަތް ނުކުރާތީ، އެޕަލްއިން ވަނީ އެ ޑިވައިސްއަށް ދޫކުރި އައިއޯއެސް އަޕްޑޭޓު 9.3.2 އަނބުރައި ގެންގޮސްފަ އެވެ. އަދި އެ ޑިވައިސްއަށް އާ އަޕްޑޭޓެއް ވީހާވެސް އަވަހަކަށް ފޯރުކޮށްދޭނެ ކަމަށް އެޕަލްއިން ބުނެ އެވެ.

މިދިޔަ ހަފްތާގައި ލޯންޗުކުރެވުނު އެޕަލް އައިއޯއެސް 9.3.2ގެ އެންމެ ޚާއްސަ ސިފަ އަކީ، ލޯ ޕަވާ މޯޑުގައި ބޭނުންކުރާ އިރު، ނައިޓް ޝިފްޓު ބޭނުންކުރެވުމެވެ. އަދި، ބްލޫޓޫތު ހެޑްސެޓް ބޭނުންކޮށްގެން ފޯނު ކޯލުތައް ނަގާ އިރު އަޑުގެ ކޮލިޓީގެ މައްސަލަތަކެއް ކުރިމަތި ކުރުވާ ބަގެއް ވަނީ ނައްތާލައިފަ އެވެ.

އޭގެ އިތުރުން، ޖަޕަނީޒް ކަނާ ކީބޯޑުން އީމެއިލް އެޑްރެސް ޖަހާ އިރު މައްސަލަތަކެއް ކުރިމަތި ކުރުވި ބަގަކާއި ބައެއް އެހެނިހެން މައްސަލަތަކެއް ވެސް އައިއޯއެސް 9.3.2 ގައި ވަނީ ހައްލު ކޮށްފަ އެވެ.