އިނގިރޭސި އެންމެ ކާމިޔާބު ކްލަބު މެންޗެސްޓާ ޔުނައިޓެޑުން 12 ވަނަ ފަހަރަށް އިނގިރޭސި އެފްއޭ ކަޕް ކާމިޔާބުކޮށްފި އެވެ.

ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލު މެޗުގައި ކްރިސްޓަލް ޕެލަސްގެ މައްޗަށް ޔުނައިޓެޑު ކުރި ހޯދީ ފަހަތުން އަރައި، 2-1 ލަނޑުގެ ނަތީޖާއަކުންނެވެ.

އިނގިރޭސި އެފްއޭ ކަޕުގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑް: ޔުނައިޓެޑުން 12 ވަނަ ފަހަރަށް އެފްއޭ ކަޕު ކާމިޔާބުކުރީ ފައިނަލުގައި ކްރިސްޓަލް ޕެލަސް އަތުން 2-1 ލަނޑުން މޮޅުވުމަށްފަހު --- ފޮޓޯ: އޭޕީ

މިރޭ ކުޅުނު މެޗުގެ 15 ވަނަ މިނެޓުގައި ޔުނައިޓެޑަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ޔުނައިޓެޑުގެ ކެޕްޓަން ވޭން ރޫނީ، 30 ޔާޑު ދުރުން އުފެއްދި ހަމަލާ ދިޔައީ ކްރިސްޓަލް ޕެލަސް ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ބޭރަށެވެ.

މެޗުގެ 22 ވަނަ މިނެޓުގައި ވެސް ޔުނައިޓެޑަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. އެންޓޯނިއޯ ވެލެންސިއާ ދިން ބޯޅައަކުން ސްޕެއިން މިޑްފީލްޑަރު ހުއާން މަޓާ އުފެއްދި ހަމަލާ، ކްރިސްޓަލް ޕެލަސްގެ ގޯލްކީޕަރު ވޭން ހެނެސީ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފަ އެވެ.

ކްރިސްޓަލް ޕެލަސްއަށް ލީޑު ހޯދައިދިނުމަށްފަހު ޕަންޗިއޮން އުފާފާޅުކުރަނީ: ޔުނައިޓެޑުން 12 ވަނަ ފަހަރަށް އެފްއޭ ކަޕު ކާމިޔާބުކުރީ ފައިނަލުގައި ކްރިސްޓަލް ޕެލަސް އަތުން 2-1 ލަނޑުން މޮޅުވުމަށްފަހު --- ފޮޓޯ: އޭޕީ

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ލަނޑުޖަހާނެ އިތުރު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އެގޮތުން ބެލްޖިއަމް މިޑްފީލްޑަރު މާރުއާން ފެލާނީ އާއި އިނގިރޭސި ފޯވަޑް މާކަސް ރެޝްފޯޑް އުފެއްދި ހަމަލާތަކުގެ ބޭނުން ވެސް އެންމެ އެދެވޭ ގޮތުގައި ހިފިފައެއް ނުވެ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓިމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ 61 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލަނޑުޖަހާނެ ފުރުސަތެއް ލިބިގެންދިޔަ އެވެ. ވެލެންސިއާ ނަގައިދިން ހުރަހަކުން ފްރާންސް ފޯވަޑް އެންތޮނީ މާޝިއަލް ބޮލުން އުފެއްދި ހަމަލާ އަމާޒުވީ، ކްރިސްޓަލް ޕެލަސް ގޯލުގެ ހުރަސް ދަނޑިއަށެވެ.

މެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ކްރިސްޓަލް ޕެލަސްއިންނެވެ. މެޗުގެ 78 ވަނަ މިނެޓުގައި ޖޯލް ވޯޑް ދިން ބޯޅައަކުން ކްރިސްޓަލް ޕެލަސްއަށް ލީޑު ހޯދައިދިނީ ބަދަލު ކުޅުންތެރިޔާ ޖޭސަން ޕަންޗިއޮން އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޔުނައިޓެޑުގެ ޕެނަލްޓީ އޭރިޔާ ތެރެއިން އުފެއްދި ހަމަލާއަކުންނެވެ.

އިނގިރޭސި އެފްއޭ ކަޕުގެ ފައިނަލުގައި ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދިނުމަށްފަހު ޓީމުގެ ބައެއް ކުޅުންތެރިންނާއެކު މަޓާ (މ) އުފާފާޅުކުރަނީ: ޔުނައިޓެޑުން 12 ވަނަ ފަހަރަށް އެފްއޭ ކަޕު ކާމިޔާބުކުރީ ފައިނަލުގައި ކްރިސްޓަލް ޕެލަސް އަތުން 2-1 ލަނޑުން މޮޅުވުމަށްފަހު --- ފޮޓޯ: އޭޕީ

ކްރިސްޓަލް ޕެލަސްއަށް މާގިނަ ވަގުތު ލީޑުގައި އޮވެވޭ ގޮތެއް ނުވެވުނެވެ. ކްރިސްޓަލް ޕެލަސްއިން ލީޑު ހޯދިތާ ތިން މިނެޓު ފަހުން ޔުނައިޓެޑުން ވަނީ ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. ރޫނީ ނަގައިދިން ބޯޅަ، ފެލާނީ މެއިން ކޮންޓްރޯލް ކޮށްލުމަށްފަހު ކްރިސްޓަލް ޕެލަސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ދިން ބޯޅައަކުން ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދިނީ މަޓާ އެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން 1-1 ލަނޑުން އެއްވަރުވެގެން ނިމުމުން ނަތީޖާ ނެރެން ޖެހުނީ އިތުރު ވަގުތުގެ ދެ ހާފު ކުޅެގެންނެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނު އިރު، އެ ހާފު ނިންމާލީ ޔުނައިޓެޑުގެ ޑިފެންޑަރު ކްރިސް ސްމޯލިންގް އަށް ދެއްކި ރަތް ކާޑާއެކު އެވެ. އޭނާއަށް ރަތް ކާޑު ދެއްކީ ޔެނިކް ބޮލަސީއަށް ކުރި ފައުލާ ގުޅިގެން ދެ ރީނދޫ ކާޑު ހަމަވެގެންނެވެ.

މެޗުގައި ޔުނައިޓެޑުން ލީޑު ނެގީ 110 ވަނަ މިނެޓުގައެވެ. ވެލެންސިއާ ދިން ބޯޅަ ކްރިސްޓަލް ޕެލަސްގެ ޑާމިއަން ޑެލެނީ ދިފާއުކުރުމާއެކު ލިބުނު ބޯޅައިން ޔުނައިޓެޑަށް ލީޑު ނަގައިދިނީ ބަދަލު ކުޅުންތެރިޔާ ޖެސީ ލިންގާޑް އެވެ. ކްރިސްޓަލް ޕެލަސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ލިންގާޑް އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

އިނގިރޭސި އެފްއޭ ކަޕުގެ ފައިނަލުގައި ޔުނައިޓެޑަށް ލީޑު ހޯދައިދިނުމަށްފަހު ޓީމުގެ ބައެއް ކުޅުންތެރިންނާއެކު ލިންގާޑް އުފާފާޅުކުރަނީ: ޔުނައިޓެޑުން 12 ވަނަ ފަހަރަށް އެފްއޭ ކަޕު ކާމިޔާބުކުރީ ފައިނަލުގައި ކްރިސްޓަލް ޕެލަސް އަތުން 2-1 ލަނޑުން މޮޅުވުމަށްފަހު --- ފޮޓޯ: އޭޕީ

ޔުނައިޓެޑުން ކާމިޔާބުކުރި އެފްއޭ ކަޕަކީ 2013 ވަނަ އަހަރު އެ ކްލަބުގެ ކޯޗުކަމުން ސާ އެލެކްސް ފާގަސަން ވަކިވި ފަހުން އެ ކްލަބުން ހޯދި ފުރަތަމަ ޓްރޮފީ އެވެ. ޔުނައިޓެޑުގެ ކާމިޔާބު ކޯޗު ފާގަސަން، ޔުނައިޓެޑަށް ފުރަތަމަ ޓްރޮފީއެއް ހޯދައިދީފައި ވަނީ 1990 ވަނަ އަހަރުގެ އެފްއޭ ކަޕެވެ. އެ ފަހަރުގެ ފައިނަލުގައި ޔުނައިޓެޑުން ޗެމްޕިއަންކަން ހޯދީ ވެސް ކްރިސްޓަލް ޕެލަސް އަތުން މޮޅުވެގެންނެވެ.