22 May 2016, 01:17
ރައީސް ޔާމީންގެ މި ފަސް އަހަރު ދުވަހުގެ ވެރިކަން ނިމިގެންދާ އިރު، އަލަށް ހުޅުވާ 50 ރިސޯޓާއެކު ޓޫރިޒަމުން ލިބޭ އާމްދަނީ އަހަރަކު 4.9 ބިލިއަން އެމެރިކާ ޑޮލަރު ނުވަތަ 75.6 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އައިއެންއައިއޭގައި ގާއިމްކުރާ އާ އިންޓަނޭޝަނަލް ފަސިންޖާ ޓާމިނަލްގެ މަސައްކަތް ފެށުމަށް މިރޭ ހުޅުލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް ދުވަހަކަށް ފަހު ދުވަހެއް ކުރިއަރަމުން އަންނަ އިރު އެއިން ލިބޭ އާމްދަނީ އިތުރުވަމުން އަންނަ ކަމަށެވެ.
އެގޮތުން މިހާރު ރާއްޖޭގައި 26500 ޓޫރިސްޓް އެނދު ހުރި އިރު، 65 ޕަސެންޓްގެ އޮކިއުޕަންސީ ރޭޓާ އެކު އަހަރަކު 3.2 ބިލިއަން ޑޮލަރު ރާއްޖެއަށް ލިބޭ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ. އަދި ނުހެދި ހުރި ރިސޯޓްތަކަށް ސަރުކާރުންދޭ ސޮވަރިން ގެރެންޓީއާ އެކު އެ ރިސޯޓްތައް ހުޅުވުމާއި މުޅިން އަލަށް ހުޅުވާ ރިސޯޓްތަކާ އެކު އިތުރު 50 ރިސޯޓް މާކެޓަށް އަންނާނެ ކަމަށް ސައީދު ވިދާޅުވި އެވެ.
އިތުރަށް ތަފްސީލް ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އަލަށް ހުޅުވާ 50 ރިސޯޓާ އެކު 12،500 އެނދު އިތުރުވާނެ ކަމަށެވެ. އެއާ އެކު އޮކިއުޕަންސީ މިހާރު ހުރި ރޭޓުން ބަލާނަމަ ޓޫރިޒަމުން އިތުރު 1.7 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ސައީދު ވިދާޅުވި އެވެ. އެހެން ކަމުން ޓޫރިޒަމްގެ އާމްދަނީ 4.9 ބިލިއަން ޑޮލަރަށް އަރާނެ އެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ އެއާޕޯޓްގެ މަޝްރޫއަކީ ހަގީގަތުގައި ވެސް ބޮޑު އިންވެސްޓްމަންޓެއް ކަމަށާއި ހަތް މިލިއަން ފަސިންޖަރުންނަށް އެއްފަހަރާ ހިދުމަތް ދެވޭނެ އެ އެއާޕޯޓަށް ފަންޑު ހޯދުމުގައި އެކި ގޮންޖެހުންތައް ކުރިމަތިވި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އަލަށް އިމާރާތް ކުރާ ޓާމިނަލުގައި 78000 އަކަ މީޓަރުގެ ފްލޯ އޭރިއާ، 40 ޑިޕާޗާ ޗެކިން ކައުންޓަރު، 38 އިމިގްރޭޝަން ކައުންޓަރު، 12 ހިޔާކުރި ޖެޓީ، މަތީ ފަންގިފިލާއިން ފްލައިޓަށް އެރޭގޮތަށް ހަ އޭރޯ ބްރިޖްގެ އިތުރުން ބެގެޖް ފެސިލިޓީ އަދި ފިއުލް ހައިޑްރިން ސިސްޓަމްއާއި ހައި ސެކިއުރިޓީ އެކްސްޕްލޯސިވް ޑިޓެކްޝަން ސިސްޓަމް ފަދަ އެތައް މުހިންމު ޒަމާނީ ވަސީލަތްތަކެއް ހުންނާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ބޮޑެތި މަޝްރޫއުތައް ހިންގުމަށް ނަގާ ބޮޑެތި ލޯނުތައް ދައްކަން މިކަމުގެ ސަބަބުން އިތުރު ފައިސާ ލިބޭނެ އެވެ. އަދި ލޯނުތައް ދައްކާނީ މިގޮތަށް އިގްތިސާދު ފުޅާކޮށްގެން ލިބޭ އާމްދަނީގެ ތެރެއިން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.