އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި އަލަށް އިމާރާތްކުރާ އިންޓަނޭޝަނަލް ޕަސެންޖާ ޓާމިނަލާ އެކު ދެތިން ހާހުން ގުނާލެވޭވަރަށް އެމްއޭސީއެލްގައި ވަޒީފާ އުފެދޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވެއްޖެ އެވެ.

އާ ޓާމިނަލް އެޅުމުގެ މަސައްކަތް ސައުދީ އަރަބިއާގެ ސައުދީ ބިންލާދިން ކުންފުންޏާ ހަވާލުކޮށް މަސައްކަތް ފެށުމަށް މިރޭ އައިއެންއައިއޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާދިލް ވިދާޅުވީ، އެކި ދާއިރާތަކުން ޒުވާނުންނަށް ގިނަ ވަޒީފާތަކެއް އެތަނުގައި އުފެދޭނެ ކަމަށެވެ.

"ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް މި އެއާޕޯޓްގެ މަޝްރޫއާ ގުޅިފައިވާ އިރު، އަދި ދުނިޔޭގެ އެންމެ މަގުބޫލު ބްރޭންޑްތަކުގެ ޑިއުޓީ ފިހާރަތަކާއި ކެއުންބުއިންތައް އާ އެއާޕޯޓުން ފުރިހަމަކޮށްދޭއިރު ރިސޯޓްތަކާއި ހޮޓެލްތަކުގެ އޮފީސްތައް ގާއިމްކުރެވޭ އިރު އަދި އެއާޕޯޓާ ގުޅިފައިވާ މިނޫން ހުރިހާ ހިދުމަތްތައް ފުރާ ފުރިހަމަވާ އިރު މި މަޝްރޫއާ އެކު ޒުވާނުންނަށް އުފެދޭ ވަޒީފާގެ އަދަދު ދެތިންހާހުން ގުނާލެވޭނެ،" އާދިލް ވިދާޅުވި އެވެ.

އާދިލް ވިދާޅުވީ، އެއާޕޯޓުން މިހާރު ލިބޭ އާމްދަނީ މިރޭ ފެށި މަޝްރޫއާ ގުޅިގެން އެތައް ނުގައެއް އިތުރުވާނެ ކަމަށާއި ދައުލަތުން އެދޭފަދަ އާމްދަނީއެއް އެއާޕޯޓުން ނެރެދޭނެކަމަށެވެ. އެގޮތުން އެއާޕޯޓް ތަރައްގީކުރުމުގެ ބޮޑު ޕްރޮޖެކްޓަށް ހަރަދުވާ ފައިސާ ކުރު މުއްދަތެއްގެ ތެރޭގައި ފޫބެއްދި ބޮޑު ފައިދާއެއް ދައުލަތަށް ދައްކަމުން ގެންދަމުންގެންދާނެ ކަމުގެ ގާބިލްކަން އެމްއޭސީއެލްގެ މުވަޒަފުންގެ ގައިގައި ހުންނާނެ ކަމަށް އާދިލް ވިދާޅުވި އެވެ.

އިތުރަށް ވާހަކަ ދައްކަވަމުން އާދިލް ވިދާޅުވީ މަޝްރޫތައް ފެށިގެން ކުރިއަށް ދިޔަ ނަމަވެސް އެއާޕޯޓުގައި ހިންގާ އެއްވެސް އޮޕަރޭޝަނެއް ހުއްޓައިނުލާނެ ކަމަށާއި އެއިން އެއްވެސް ކަމަކަށް އެ މަސައްކަތްތަކުގެ ސަބަބުން ބުރުލެއް ނާރާނެ ކަމަށެވެ.

"އެއާޕޯޓްސް ކޮމްޕެނީގެ ޓީމުން އެއާޕޯޓުގެ އާ ޓާމިނަލްއާއި އާ ރަންވޭއާއި އާ ސީޕްލޭން ޓާމިނަލް އަދި އާ ޖެޓް ޓާމިނަލްއާ އެކު ތަރައްގީއާ ގުޅިފައިވާ މުޅި އިންފްރާސްޓްރަކްޗާ ބިނާކުރަމުންދާނީ އެކުއެކީގައި. އެއާޕޯޓުން މިހާރުދޭ ހިދުމަތްތައް ބަރާބަރަށް ދެމުން ގެންދިއުމާވެސް އެކީ،" އާދިލް ވިދާޅުވި އެވެ.