12 May 2011, 12:42
ދައުރުގެ ބާކީ އޮތްތަނުގައި ސަރުކާރުގެ ބޮޑު އަމާޒަކަށް ވަނީ ވަޒީފާގެ ފުރުސަތުތައް އިތުރުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އައްޑޫ ކައުންސިލްގައި ރޭ ބޭއްވި އެމްޑީޕީގެ އާއްމު ޖަލްސާގައި ދެއްކެވި ވާހަކަ ފުޅުގައި، ރެ އަކީ ރައީސް ނަޝީދުގެ ވެރިކަން ދެބައިވި ރޭ ކަން ފާހަގަ ކުރައްވައި އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ވަޒީފާގެ ރަނގަޅު ފުރުސަތުތަކެއް އުފެދޭނެ ބާވަތުގެ މަސައްކަތްތައް ފެއްޓެން ޖެހޭ ކަމަށެވެ.
"ދައުރު ދެބައިވާ މިރޭ، ދަންނަވާލަން ބޭނުން ވަނީ، ދައުރުގެ ބާކީ އޮތް ތަނުގައި ސަރުކާރުގެ ވަރަށް ބޮޑު އަމާޒަކަށް ވަނީ ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުން. އައްޑޫ ސިޓީގައި އުފެދިފައިވާ ވަޒީފާތައް މަދެއް ނޫން. ނަމަވެސް، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ވަޒީފާގެ ފުރުޞަތުތަކެއް އުފެދޭނެ ބާވަތުގެ މަސައްކަތްތައް ފެއްޓޭން ޖެހޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ދެ ހާސް އަށް ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިންގައި، އައްޑޫގައި ވާހަކަ ދައްކަވަމުން މިޑްޓާމް އިލެކްޝަނެއް ބާއްވާނެ ކަމަށް ވިދާޅުވި ވާހަކަ އަށް އިޝާރާތް ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ މިހާރު އެ އިންތިހާބު ވޭއްވިފައިވާ ކަމަށެވެ. އަދި އެ އިންތިހާބުގެ ނަތީޖާ ހަޖަމު ނުކުރެވިގެން ވާދަވެރި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
"އައްޑޫ ގައި މީގެ ދެ އަހަރެއް ކުރީގައި އަޅުގަނޑު ދަންނަވާފައިވާނެ، ދައުރު މެދުން މިރާއްޖޭގެ ސިޔާސީ މަސްރަޙު އިނގުމަކީ ބޭނުންތެރި ކަމެއް ކަމަށް. އެކަމަށް އިންތިޚާބެއް ބޭނުންވާނެ ކަމަށް. މިއަދު މިވަނީ އެއިންތިޚާބު ބޭއްވިފައި. އޭގެ ނަތީޖާ ހަޖަމު ނުކުރެވިގެން، ވާދަވެރިން ތިރިވެފައި މިތިބަ ހިސާބަކީ، ރެއާ ދުވާލު ހަތަރުދަމު، ފަނޑިޔާރުގެކައިރިން ކުސްތަޅަމުން ހިނގުމުގެ ހާލަތަށް ވެއްޓުން،" ލޯކަލް ކައުންސިލް އިންތިހާބަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ވާހަކާގައި އިދިކޮޅު ފަރާތްތަކަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ސިޔާސީ ސިފަތަކާއި މަންޒަރު ލޯހުޅުވާ ބަލައިފި ކޮންމެ މީހަކަށް އިދިކޮޅު ވާދަވެރިން އުޅެމުންގެންދާ ހާލު އެނގިގެން ދާނެ ކަމަށެވެ.
"ވާދަވެރިން އެ އުޅުއްވަނީ އެއް ބޭފުޅެއް އަނެއްބޭފުޅެއްގެ ފުރާނައަށް ޓަކައި. އެބޭފުޅުން އެއްބޭފުޅެއް އަނެއްބޭފުޅެއް ވީދާ ކަމުންދާއިރު، މިޕާޓީ (އެމްޑީޕީ)ން ކުރިކަމަކީ އެންމެން ނުކުމެ ވޯޓް ދީ ކާމިޔާބު އިންތިޚާބެއް ބާއްވާލީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ، އިދިކޮޅު ފަރާތްތަކާ ހިލާފަށް އެމްޑީޕީގެ އަމާޒެއް އެބަ އޮތް ކަމަށާއި ހަރުދަނާ ސިޔާސަތުތަކެއް އެބަހުރި ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރު ވެރިކަމަށް އައީ އުންމީދުތަކަކާއެކުގައި ކަމަށާއި އެކަން ހާސިލްކުރުމަށް، ޑިމޮކްރެޓިކް މިނިޒާމުގެ ތެރެއިން، އެންމެން ގުޅިގެން މުޅިން އާ ޤައުމިއްޔަތެއް ބިނާކުރުމަށް، ވެސް ރައީސް ނަޝީދު އިލްތިމާސް ކުރެއްވި އެވެ.
ރޭގެ ވާހަކަފުޅުގައި ވެސް ރައީސް ނަޝީދު ވަނީ ގައުމުގެ މާލީ، އަދި އިގްތިސާދީ ސިޔާސަތަށް ގެންނަވަމުން ގެންދަވާ ބަދަލުތަކުގެ މައްޗަށް އަލި އަޅުއްވައި ލައްވައިފަ އެވެ.
އެމަނިކުފާނު ވިދާޅުވީ، އެ ބަދަލުތަކަކީ ރާއްޖެ މިހާރު ވެއްޓިފައި މިވާ ވަޅުގަނޑުން ނެގުމަށް ކޮންމެހެން ގެންނަން ޖެހޭ ބަދަލުތަކެއް ކަމަށެވެ. އަދި އެ ބަދަލުތަކުގެ އެންމެފަހުގެ މަސައްކަތް، މި މެއި މަހުގެ ނިޔަލަށް ނިންމުމަކީ، ސަރުކާރުގެ އަމާޒު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.