22 May 2016, 08:57
ލިޔެފައި ހުންނައިރު އެއް އަކުރު ބޮޑުވެފައި އަނެއް އަކުރު ކުޑައެވެ. އެއް އަކުރު އަނެއް އަކުރު ހުންނަނީ އޮޅުވާލައިފަ އެވެ. އަކުރަށްވުރެ ފިލި ބޮޑުކޮށް ލިޔެފައިހުރެ އެވެ. ދެބަސް ދޭތެރޭ ހުސްތަން ދޫނުކޮށް ވެސް ލިޔެފައިހުރެ އެވެ. މިއީ ބައެއް ކުދިންގެ ފަރާތުން ފެންނަ ކަމެއް ނޫންތޯ އެވެ؟ ހީވާގޮތުގައި މިއީ ކީއްވެންވާ ގޮތެއްތޯ އެވެ؟ ކުއްޖާ ފަރުވާ ކުޑައީބާ އެވެ؟ ނޫނީ ހަގީގަތުގައި ވެސް ކުއްޖާ އަށް ލިޔަން ނޭނގެނީބާ އެވެ؟
ތޫނުފިލިކަމުގައި އެންމެން ހަމަހަމައެއް ނުވާނެ އެވެ. އެއް ބައި މީހުން ފަސޭހައިން ކަންކަން ދެނެގަންނަ އިރު އަނެއް ބަޔަކަށް ކަންކަން ދެނެގަތުމަށް އުނދަގޫވެދާނެ އެވެ. އެއީ ޝައުގުވެރިކަމާ އެކު އުނގެނެން އުޅެގެން ރަނގަޅު ކުރެވިދާނެ ކަންކަމެވެ. އެއަށް މިކިޔަނީ "ލާނިން ޑިފިކަލްޓީ" އެވެ. އެއީ އެއްވެސް ގޮތަކަށް މައްސަލައެއް ނޫނެވެ. ނަމަވެސް އެއްވެސް ވަރަކަށް ދޭހަނުވުމާއި ކިޔައިދޭ އެއްޗެހި ނޭނގުމުގެ އިތުރުން ލިޔުންތަކުގައި ބޮޑެތި މައްސަލަތައް ހުންނަ ނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. ނަފްސާނީ އިލްމުވެރިން އެކަމަށް ކިޔަނީ "ލާނިން ޑިސެބިލިޓީ" އެވެ.

އެއީ ކިހިނެއްވާ، ކޮން ބައްޔެއް؟
"ލާނިންގް ޑިސެބިލިޓީ" ނުވަތަ އުނގެނުމުގެ އުނިކަމަކީ އެމީހަކަށް ކިޔައިދޭ މައުލޫމާތު ނަގައިގަތުމުގައި ދިމާވާ މައްސަލަތަކަށް ކިޔާ ނަމެކެވެ. އެފަދަ އުނިކަމެއް ހުންނަ ފަރާތެއް ނަމަ ކިޔުމާއި ލިޔުމުގައި އުނދަގޫތަކެއް ދިމާވާނެ އެވެ. އަދި ހާއްސަކޮށް ހިސާބު ހެދުމުގައި ބޮޑެތި މައްސަލަތަކެއް ދިމާވެ އެވެ.
އެ މައްސަލަ ދިމާވާ ކުދިން، ވާހަކަ ދައްކަން ފަށާ އުމުރުގެ އެހެން ކުދިންނަށް ވުރެ ބޮޑު ވާނެ އެވެ. އަދި އަކުރު ކިޔުމުގައި އަޅައިގަންނަ ގޮތެއް ހުންނާނެ އެވެ. އެހެންމީހުންނާ އެކު އުޅެން އުނދަގޫވުމުގެ އިތުރުން، ސަމާލުކަން ގެއްލުމަކީ ވެސް އަލާމާތްތަކެވެ.
މިކަން ވަރަށް އާންމު، މިއޮތީ އަލާމާތްތައް!
ދުނިޔޭގައި ތައުލީމް ހާސިލްކުރާ ކުދިންގެ 12 ޕަސެންޓް ކުދިންނަކީ ލާނިން ޑިސެބިލިޓީ ކުދިންނެވެ. މިކަން ރާއްޖޭގައި ވެސް އާންމެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ޑިވެލޮޕްމެންޓް އޮފިސަރު އަހުމަދު އާތިފް ވިދާޅުވީ އެފަދަ ކުދިން ރާއްޖޭގެ ސުކޫލުތަކުގައި ވެސް ގިނަ ކަމަށެވެ.
"އަޅުގަނޑުމެންނަށް ދިމާވޭ ވަރަށް ގިނައިން، މިސާލަކަށް ފާފު އަކުރު އަލިފު އަކުރު ގޮތަށް ލިޔުން، ލިޔުމުގެ އުނދަގޫތައް ނުވަތަ ސިނކުޑިން ވިސްނައިގެން ލިޔަން ޖެހޭ ބައެއް ކަހަލަ ލަފްޒުތައް ވައްޓާލުން." އާތިފް ވިދާޅުވި އެވެ.
އެފަދަ ކުދިންގެ ފަރާތުން ފެންނަ އަލާމާތްތަކަށް ބަލާ އިރު ބައިވަރު ކަންކަން ހިމެނޭ ސުވާލެއްކޮށްފި ނަމަ އެއްކަންތައް އަނެއްކަންތަކާ ގުޅިވައިގެން ދޭން ޖެހޭ ޖަވާބު ދޭކަށް ނޭނގެ އެވެ. ލިޔާއިރު ދެ ބަސް ދޭތެރޭ ހުސްތަންތަން ނުދިނުމާއި އަކުރު ނުބައިކޮޅަށް އެޅުމާއި ސްޕެލިންގައި ބޮޑެތި މައްސަލަތައްޖެހުން ހިމެނެ އެވެ. ހަމައެހެންމެ މީހުން ދައްކާ ވާހަކަ އެއްވެސް ގޮތަކަށް ނަގައިނުގަނެވުމުގެ މައްސަލަ ފާހަގަވެ އެވެ.
ހަމައެހެންމެ ސިނކުޑިއަށް އަންނަ ވާހަކަތައް ލިޔަން ނޭނގުމާއި ކިޔަމުންދާ އިރު ބައެއް ބަސްތައް ދޫކޮށްލެވުމާއި ޖުމުލަ ކިޔައި ނިމޭ ޖުމުލައިގެ ކުރީކޮޅުގައި އޮންނަ ވާހަކަ ނޭނގުމުގެ މައްސަލަ ކުރިމަތިވެ އެވެ.

އެކަންކަމުގެ ސަބަބުން އެކަހަލަ ގިނަކުދިން ކުލާހުގައި މަޑުން ނުހުރެއެވެ. ސަކަރާތްބޮޑުވެ އެވެ. ފިލާވަޅު ދަސް ކުރަން ނޫޅުމާއި ފިލާވަޅުހަދަން ނޫޅުން ފަދަ މައްސަލަތައް ފާހަގަވެ އެވެ.
ނަފްސާނީ އިލްމުވެރިން ބުނާގޮތުން ލާނިން ޑިސެބިލިޓީ ހުންނަ ކުދީންގެ ކިބައިން އެކަންކަން ފާހަގަވަނީ ޕްރައިމަރީ ގުރޭޑްތަކުން ފެށިގެންނެވެ. ހާއްސަކޮށް ހަތް އަހަރާއި 10 އަހަރާ ދެމެދުގެ ކުދީންގެ ކިބައިން ބޮޑަށް އެކަން ފާހަގަވެ އެވެ.
އެއީ ކީވެއްވެ ވާގޮތެއް؟ އެކަން ދެނެގަންނާނީ ކިހިނެއް؟
އުފެދުމުގައި ސިނކުޑިއަށް ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން ވެސް އެކަން އެގޮތަށް ކުރިމަތިވެދާނެ އެވެ. ހަމައެހެންމެ ކުއްޖާގެ ތޫނުފިލިކަމުގެ މައްސަލައެއްގެ ސަބަބުންނާއި ދިރިއުޅުމުގެ އާދަތަކުގެ ސަބަބުން ކިޔަވަން އުނދަގޫވަމުން ގޮސް އެކަން ނުކުޅެދުންތެރިކަމަކަށް ބަދަލުވާ ކަމަށް ނަފްސާނީ ބަލީގެ ދިރާސާތަކުން ދައްކަ އެވެ.
އިންސްޓިޓިއުޓް ފޯ ކައުންސެލިން އެންޑް ސައިކޮތެރަޕީ (އައިސީޕީ)ގެ ޓެކްނިކަލް ޑިރެކްޓަރު އަދި ނަފްސާނީ ބަލިތަކަށް ތެރަޕީ ދެއްވާ ފާތިމަތު ސައުދާ ވިދާޅުވާ ގޮތުގައި އެއީ ލާނިން ޑިސެބިލިޓީ ހުރިކުއްޖެއްތޯ ދެނެގަތުމަށް ބެލެނިވެރިއާއަށް ދަތިތަކާއި ކުރިމަތިވެދާނެ އެވެ. އޭގެ އެންމެ ރަނގަޅުގޮތަކީ ނަފްސާނީ އިލްމު ކިޔަވައިގެން ތިބި ފަރާތްތަކުން ހަދާ ޓެސްޓްތަކަށް ފަހު އެކުދިންނަށް ދިމާވެފައިވާ މައްސަލަ ދެނެގަތުން ކަމަށް ސައުދާ ވިދާޅުވި އެވެ.
"ޑިސެބިލިޓީ ހުރޭތޯ ބަލާ ޓޫލްސްތައް ހުންނާނެ، އެ ޓޫލްސްތަކުން އެނގޭނެ މިވެނިކަމެއް ހުރީ މިވެނި ލެވަލްއެއްގައިކަން. ރީޑިން، ރައިޓިން، ސްޕީކިން، ހުރިހާ އެއްޗެއްހުރި ލެވަލްތައް އެނގޭނެ،" ސައުދާ ވިދާޅުވި އެވެ.
ކުއްޖާއަށް އެބަލި ޖެހިފައިވާކަން ދެނަގަންނަން ޓެސްޓްތައް ނަހަދައި ނަފްސާނީ ބައްޔަށް ބޭސް ދޭ ޑޮކްޓަރުންނަށް ދެއްކުމުން ބައެއް ފަހަރު އެކުއްޖާއަށް ޖެހިފައި ވަނީ އިންތިހާއަށް ހަލަބޮލި ކުދިންގެ ބައްޔެއްކަމަށްވާ، އެޓެންޝަން ޑެފިސިޓް ހައިޕާއެކްޓިވް ޑިސްއޯޑާ (އޭޑީއެޗްޑީ) ކަމަށް ބަލައި ބޭސް ދޭ ފަހަރު އަންނަ ކަމަށް ސައުދާ ވިދާޅުވި އެވެ.
ކުއްޖާގެ ވިސްނުން ފުރިހަމަކުރެވިދާނެ، އެންމެން އެއްބާރުލުން ބޭނުންވޭ!
މިއީ ފަރުވާ ކުރެވިދާނެ މައްސަލައެކެވެ. ކުދިންގެ ޅަ އުމުރުގައި މައްސަލައެއް ހުރިކަން ދެނެގަނެ، ރަނގަޅު ފަރުވާ ދެވިއްޖެ ނަމަ، އެ މައްސަލަ ވަރަށް ބޮޑަށް ހައްލުވެ އެވެ. އޭޑީކޭ ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ނަފްސާނީ ޑޮކްޓަރު ޑރ. ބައްޝާރު އަބްދުﷲ ވިދާޅުވި ގޮތުގައި އެމައްސަލަ ދިމާވެފައިވާ ކުދިންނަށް ދޭން ޖެހެނީ ބޭހެއް ނޫނެވެ. އޭގެ ބަދަލުގައި އެކުދިންނަށް ދޭންޖެހެނީ ތެރަޕީ ކަމަށް އޭނާ ވިދާޅުވި އެވެ. ހަމައެއާ އެކު ބެލެނިވެރިން އެކަންކަމަށް ހޭލުންތެރިކުރުން މުހިންމުކަމަށް ވެސް ވިދާޅުވި އެވެ.

ނަފްސާނީ ބައްޔަށް ތެރަޕީދޭ ސައުދާ ވިދާޅުވީ ފަރުވާ ދިނުމުގެ ގޮތުން ފުރަތަމަ ކުރާކަމަކީ އެކުއްޖަކަށް ދިމާވެފައިވާ މައްސަލަތަކަކީ ކޮބައިތޯ ބަލައި ވަކިވަކި ކަންކަމަށް ފަރުވާދިނުން ކަމަށެވެ. އެގޮތުން ރިމީޑިއަލް ކުލާސްތައް ދިނުމާއެކު ކުއްޖާގެ ތޫނިފިލިކަމަށް އިތުރުކަން ގެނެވޭނެ ކަމަށް ސައުދާ ވިދާޅުވި އެވެ. އެއާއެކު އުނގެނުމަށް ދިމާވާ މައްސަލަތައް ހައްލުކުރެވޭކަމަށް އޭނާ ވިދާޅުވި އެވެ.
ގޭގައި ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ކިޔަވަން ބޭނުންކުރާ އުކުޅުތައް ބަދަލުކޮށްލުން މުހިންމެވެ. މިސާލަކަށް ކުއްޖާ ޝައުގުވެރިވާ ކަހަލަ ކުޅޭ އެއްޗެއް ބޭނުންކޮށްގެން ކިޔަވައިދިނުން މުހިންމެވެ. ހަމައެހެންމެ ކިޔެވުމުން ކުއްޖާއަށް ތައުރީފް ކުރުންފަދަ ކުއްޖާ މޯޓިވޭޓްވާކަންކަން ކުރުން މުހިންމެވެ.
އެފަދަ ކުދިން ރާއްޖޭގައި ގިނައިރު ސްކޫލްތަކުން ވެސް އެކަމަށް ތައްޔާރުކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ޑިވެލޮޕްމެންޓް އޮފިސާ އަހުމަދު އާތިފް ވިދާޅުވީ ކަރިކިއުލަމްގެ ތެރެއިން އެފަދަ ކުދިންނަށް ކިޔަވައިދޭގޮތާއި ޓެސްޓް ދިނުމުގެ އިތުރުން ވަޒަންކުރުމުގައި ވައްޓަފާޅިތައް ޓީޗަރުންނަށް ކިޔައިދޭ ކަމަށެވެ. އެގޮތުން ލިޔަން ދަތި ކުދިންގެ ޓެސްޓް ޕޭޕަރުގައި ލިޔުމުގެ ކަންކަން ހިމެނުމާއި މާކްސް ދިނުމުގައި ކަނޑައަޅާ އުސޫލްތައް ތަފާތު ކުރާކަމަށް އޭނާ ވިދާޅުވި އެވެ.
އާނއެކެވެ. އެއީ ނަފްސާނީ މައްސަލައެކެވެ. ކުއްޖާގެ ލިޔުމާއި ކިޔުމުގައި މައްސަލަތައް އުޅޭނަމަ އެއީ ކުއްޖާ ގޯސްކަމުން ކުރާކަމެއްކަމަށް ނުދެކޭށެވެ. ކުއްޖާއަށް އެއްޗެހި ކިޔައި ނުހަދާށެވެ. ހައްލުހޯދަން މަސައްކަތް ކުރާށެވެ. ފަރުވާ ކުރާށެވެ. ﷲ އިރާދަފުޅާއެކު އެފަދަ ބަލިތަކަށް ފަރުވާ ހޯދެ އެވެ.