21 May 2016, 21:45
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ އާ އިންޓަނޭޝަނަލް ޓާމިނަލްގެ މަސައްކަތް ސައުދީ އަރަބިއްޔާގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނިސައުދީ ބިންލާދިން ގްރޫޕް އާ ހަވާލުކޮށްފި އެވެ.
އާ ޓާމިނަލް އިމާރާތް ކުރަނީ އެއާޕޯޓްގެ ހުޅަނގު ދެކުނު ފަރާތުން އަލަށް ހިއްކި 73،000 އަކަމީޓަރުގެ ސަރަހައްދުގަ އެވެ.
އެ ސަރަހައްދުގައި މިރޭ ކުރިއަށްދިޔަ ރަސްމިއްޔާތުގައި އިމާރާތުގެ މަސައްކަތް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެވެ.
އައިއެންއައިއޭ ތަރައްގީ ކުރުމުގެ ގޮތުން ފެށި އެ މަޝްރޫއަކީ 800 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެކެވެ. އެ މަޝްރޫއުގެ ތެރޭގައި ހިމެނޭ އާ އިންޓަނޭޝަނަލް ޓާމިނަލް އެޅުމުގެ މަސައްކަތް ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކޮށްފައި ވަނީ ކިހާވަރަކަށް ކަމެއް ހާމައެއް ނުކުރެ އެވެ.
އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ އާ އިންޓަނޭޝަނަލް ޕަސެންޖާ ޓާމިނަލްގެ މަސައްކަތް ރައީސް ޔާމީން ފައްޓަވައިދެއްވަނީ -- ސަން ފޮޓޯ: މުހައްމަދު އަފްރާހް
މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރީ މިރޭ ކުރިއަށްދާ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އެމްޑީ އާދިލް މޫސާ އާއި ސައުދީ ބިންލާދިން ގްރޫޕުގެ މަންދޫބު އަބްދުލްއަޒީޒް ބީ ބިންލާދިން އެވެ.
އައިއެންއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 3400 މީޓަރުގެ ދިގު އަދި 65 މީޓަރުގެ ފުޅާ ރަންވޭއެއް ވެސް ގާއިމް ކުރާނެ އެވެ.
މިރޭ ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ މިރޭ ފެށި މަޝްރޫއަކީ އެއާޕޯޓުގެ ތަރައްގީއަށް އެންމެ ބޮޑު ފަންޑެއް ކުރާ އެއް ޕްރޮޖެކްޓް ކަމަށެވެ.