21 May 2016, 17:28
ސަން އޮންލައިންގެފޭސްބުކް ޕޭޖަށްލައިކް ދިން މީހުންގެ އަދަދު މިއަދު ދެލައްކަ އަށް އަރައިފި އެވެ. މިއީ ރާއްޖޭގެ އޮންލައިން މީޑިއާ ތަކަށް ބަލާ އިރު ރެކޯޑް އަދަދެކެވެ. ސަން އޮންލައިން އަށް އެއް ލައްކަ ލައިކްސް ހަމަވީ މީގެ އަހަރެެއްހާ ދުވަސް ކުރީންނެވެ. އޭރު ވެސް އެއީ ނޫސް މީޑިއާ ތަކުގެ ތެރެއިން އެންމެ މަތީ އަދަދެވެ.
ޒަމާނީ ވަސީލަތްތަކާ އެކު ޓެކްނޮލޮޖީ އާއި ސޯޝަލް މީޑިއާއާ ރައްޓެހި ގޮތެއްގައި ޚަބަރާއި މައުލޫމާތު ފެތުރުމަށް ސަން އިން އަންނަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.
ފާއިތުވި އަހަރު ތަކަށް ބަލާ އިރު ޚަބަރާއި މައުލޫމާތު އާންމު ރައްޔިތުންނާ ހިއްސާ ކުރުމުގައިސަން އޮންލައިންގެ ފޭސްބުކް ޕޭޖުމުހިންމު ދައުރެެއް އަދާކޮށްފައިވެ އެވެ. އެގޮތުން ރާއްޖޭގައި ހިނގާފައިވާ ބޮޑެތި ހާދިސާ ތަކާއި ހަރަކާތްތައް ކަވަރު ކުރުމުގައި ސަންގެ ކިޔުންތެރިންނާ ސަންގެ ނޫސްވެރީން ގުޅުވައިލަދޭ އެންމެ މުހިންމު އެއް ޕްލެޓޮފޯމަކަށް ވެސް ވެފައި ވަނީސަންގެ ފޭސްބުކް ޕޭޖެވެ. ކޮންމެ ދުވަހަކު ވެސް އާންމު ރައްޔިތުން ޚަބަރާ ގުޅޭ ގިނަ މައުލޫމާތު ތަކާއި އެކަންކަމާ ގުޅޭ ވީޑިއޯ އަދި ފޮޓޯތައް ސަން އޮންލައިންގެފޭސްބުކް ޕޭޖަށްފޮނުއްވަމުން ގެންދަވަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންނާ ގުޅުން ހުންނަ މުހިންމު މައްސަލަތައް ދެނެގަނެ އެކަންކަން ކަމާ ބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެންނަން އަވަސްވެގަތުމުގެ ފުރުސަތު ސަންގެ ނޫސްވެރީންނަށް ލިބިފައިވެ އެވެ.ފޭސްބުކް ޕޭޖްމެދުވެރިކުރައްވައި ސަން އާ އެކި މައުލޫމާތުތައް ހިއްސާ ކުރައްވަމުން ގެންދަވާ ހުރިހާ ފަރާތްތަކަށް މި ފުރުސަތުގައި ސަން ޓީމުގެ ފަރާތުން ޝުކުރު އަދާކުރަމެވެ.
މީގެ އިތުރުން ރާއްޖޭގައި ހިނގާފައި ބޮޑެތި ބައެއް ހާދިސާތަކުގެ ލައިވް ކަވަރޭޖު ވެސް ސަން އިން ވަނީފޭސްބުކްމެދުވެރިކޮށް ގެނެސްދީފަ އެވެ.
ސަން މީޑިއާ ގުރޫޕުގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) މިއަދު ވިދާޅުވީ، ފޭސްބުކް ލައިކްސް އެންމެ ގިނަ އަދަދަކަށް ލިބުނު ރާއްޖޭގެ އޮންލައިން މީޑިއާ އަކަށް ސަން އޮންލައިން ވެގެން ދިއުމުގެ މައިގަނޑު ސަބަބަކީ ސަން އިން ގެނެސްދޭ ޚަބަރާއި މައުލޫމާތަށް ރައްޔިތުން ކުރައްވާ އިތުބާރު ކަމަށެވެ. އެހެން ކަމުން އެ އިތުބާރު ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށް ހިރިގާ ވިދާޅުވި އެވެ.
"ލައިކް ދިނުމުގެ މާނަ އަކީ ކަމުދެއޭ ބުނުން ދެއްތޯ! އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދެލައްކަ ކިޔުންތެރީން ސަން ކަމުދެއޭ އެ ބުނަނީ ސަބަބުތަކެއް ހުރެގެން. އޭގެ މައިގަނޑު ސަބަބަކީ ނޫހެއްގެ ގޮތުގައި އަޅުގަނޑުމެންނަށް އުފެއްދިފައި މި އޮތް އިތުބާރު،" ހިރިގާ ވިދާޅުވި އެވެ.
ސަން މީޑިއާ ގުރޫޕުގެ ޖެނެރަލް މެނޭޖަރ ސޭލްސް އެންޑް މާކެޓިން މިންހާ ފާއިޒް ރަޝާދު ވިދާޅުވީ، ފޭސްބުކް އަކީ މިއަދު ރާއްޖޭގެ އެންމެ ގިނަ މީހުން ޚަބަރާއި މައުލޫމާތު ހޯދާ އެއް ޕްލެޓްފޯމު ކަމަށާއި އެހެން ކަމުން އެ ޕްލެޓްފޯމުގައި ސަން އިން އަދާ ކުރާ ދައުރު ފުޅާ ކުރުމަށް އަބަދުވެސް މަސައްކަތް ކުރެވެމުންދާ ކަމަށެވެ. ސަން އޮންލައިނަށް ވަންނަ ވަރަށް ގިނަ ބަޔަކު މިއަދު ވަންނަނީ ފޭސްބުކް މެދުވެރިކޮށް ކަން ފާހަގަކުރައްވަމުން މިންހާ ވިދާޅުވީ ފޭސްބުކްގައި ސަންގެ ދައުރު ފުޅާ ކުރުމަށް ކުރިޔަށް އޮތް ތަނުގައި ވެސް އެކި ކަހަލަ ހަރަކާތްތައް ހިންގަން ރާއްވަވާފައިވާ ކަމަށެވެ.