ބޮލީވުޑް ފިލްމުތަކުންނާއި ޓީވީ ޑްރާމާތަކުން ފެނިގެން ގޮސްފައިވާ އާޝީޝް ޗޯދަރީއާއި އޭނާގެ އަނބިމީހާ އަދި އެކްޓްރެސް ސަމީތާ ރާއްޖޭގެ ލިލީ ބީޗް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށް ފަހު "އުފަލުން ފޮޅިފައި" ތިބެ އެނބުރި އިންޑިއާ އަށް ހިނގައްޖެ އެވެ.

ހަތަރު އަހަރު ފަހުން މަސައްކަތުން ބްރޭކެއް ނެގުމަށް ފަހު ޗުއްޓީއަށް ރާއްޖެ އާދެވުނު ގޮތް ކިޔައިދެމުން އާޝީޝް ބުނީ، ޗުއްޓީއަކަށް ދާން އެންމެ ރަނގަޅު ތަންތަން ބަލަމުން ދަނިކޮށް، ރާއްޖެއަށް ދިއުމަށް ހިޔާލު ދިނީ "ގޫގުލް" އިން ކަމަށެވެ.

"ޗުއްޓީއަށް ދާން ރަނގަޅު ތަނެއް ހޯދަން އަހަރެން އިންޓަނެޓް ބަލަމުން ދަނިކޮށް ފެނުނީ ވަރަށް ރީތި ފޮޓޯއެއް. ދެން އަހަރެން އެ ފޮޓޯ ޓުވީޓު ކޮށްލީ. ދެން އެ ރިސޯޓުން އަހަރެންގެ ފޮޓޯ ރީޓުވީޓު ކޮށްފައި ރިސޯޓަށް ދިއުމަށް ދައުވަތު ދިނީ،" ލިލީ ބީޗް ރިސޯޓަށް އާދެވުނު ގޮތް ކިޔައިދެމުން އާޝީޝް ބުނެފައިވެ އެވެ.

އާޝީޝް އަދި އޭނާގެ އަންހެނުން ސަމީތާ --

މީގެ ކުރިންވެސް އާޝީޝް ވަނީ ރާއްޖެ އައިސްފަ އެވެ. އެފަހަރު އޭނާ ރާއްޖެ އައީ ސޮހޭލް ޚާން އާއި ޑީނޯ މޯރިއޯ އާއެކު "ފައިޓް ކްލައިބް" ގެ މަންޒަރުތަކެއް ނެގުމަށެވެ.

އާޝީޝް ބުނީ ފުރަތަމަ ދަތުރާ ހިލާފަށް، މިފަހަރުގެ ދަތުރަކީ އޭނާގެ ހަނދާނުން ދުވަހަކުވެސް ފިލައިގެން ނުދާނެ ދަތުރެއް ކަމަށެވެ. އެގޮތުން ލިލީބީޗް ރިސޯޓުން ދެމަފިރިންނަށް ކީ ވަރަށް ހޫނު މަރުހަބާއެއް ކަމަށާއި، ދިނީވެސް އެންމެ މަތީ ފެންވަރުގެ ހިދުމަތެއް ކަމަށް އޭނާ ބުންޏެވެ. ކެއުމާއި ހުރުން ވަރަށް ފުރިހަމަ ކަމަށާއި، މޫދު ކުޅިވަރު ކުޅުމުގެ ފުރުސަތު ލިބުނު ކަމަށްވެސް ބުނެފައިވެ އެވެ.

އާޝީޝް ޗޯދަރީ ރާއްޖޭގައި. އެނބުރި ދިޔައީ ހިތުން ނުފިލުވޭ ވަރުގެ ހަނދާންތަކާއި އެކު --- ފޮޓޯ: އިންސްޓަގްރާމް

"އަހަރެން އަބަދުވެސް ބޭނުންވީ ލަންޑަން ކަހަލަ ތަންތަނަށް ދާން. އެކަމަކު ރާއްޖެ އަކީ ދުނިޔެމަތީގެ ސުވަރުގެ ކަމަށް އަހަރެން ގަބޫލުކޮށްފިން. އަރާމުކޮށްލައި ސިކުނޑިއަށް ލުއިކަމެއް ބޭނުން ނަމަ ދާންވީ ރާއްޖެ ކަހަލަ ތަނަކަށް،" އޭނާ ބުނެފައިވެ އެވެ.

މި މަހުގެ ބާރަ ވަނަ ދުވަހު ރާއްޖެ އައުމަށްފަހު އާޝީޝް އާއި އޭނާގެ އަންހެނުން އެނބުރި ދިޔައީ 19 ވަނަ ދުވަހު އެވެ.

އާޝީޝް ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި، ފައިޓް ކްލަބް، ބޫތުނާތު، ދަމާލް، ސްޕީޑް، އަދި ގަޔާމަތު ފާހަގަކޮށްލެވެ އެވެ.