މާލޭ ހުޅަނގު ދެކުނު ފަރާތުގައި ތަރައްގީކޮށްފައިވާ ސުނާމީ ބިނާ މައިޒާނުގައި ދޯންޏަކުން ޖެހި ގެއްލުންވި މައްސަލާގައި ހައްޔަރު ކުރި އެ ދޯނީގެ ކެޕްޓަން ކޯޓުން ދޫކޮށްލައިފި އެވެ.

އިއްޔެ ހެނދުނު 10:30 އެހާކަންހާއިރު ހިނގި އެ ހާދިސާގައި ސުނާމީ ބިނާ މައިޒާނުގެ ވަށައިގެން ޖަހާފައިވާ ރެއިލިންއަށް ގެއްލުންތަކެއް ލިބިފައިވެ އެވެ. އެގޮތުން ރެއިލިންގެ 25 ފޫޓެއްހާ ހިސާބަށް ވަނީ ގެއްލުންވެފަ އެވެ.

ފުލުހުން ރޭ ބުނެފައިވަނީ ދޯނީގެ ކެޕްޓަން ކުރީ މަސްތުގެ ހާލަތުގައި ކަމަށާއި އޭނާގެ އަތުގައި ކަނޑުއުޅަނދު ދުއްވުމުގެ ހުއްދައެއް ވެސް ނެތް ކަމަށެވެ. އަދި އޭނާގެ ޔޫރިން ޓެސްޓު ކުރުމުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ވަގުތީ ނަތީޖާއިން ދައްކާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް ރޭގެ ވަގުތެއްގައި މުއްދަތު ޖެހުމަށް އޭނާ ކޯޓަށް ހާޒިރު ކުރުމުން ކޯޓުން އޭނާ ދޫކޮށްލާފައިވާ ކަން ފުލުހުން ވަނީ 'ސަން' އަށް ކަށަވަރުކޮށްދީފަ އެވެ.

ފުލުހުން ބުނީ، އޭނާ ދޫކޮށްލާފައި ވަނީ ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށް ޝަރުތުކުރުމަށްފަހު ކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދޯނި އިއްޔެވެސް ދޫކޮށްލާފައިވާކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު ޗީފް ސްޓޭޝަން އިންސްޕެކްޓަރު އިސްމާއިލް އަލީ ރޭ ވިދާޅުވީ، އެ ހާދިސާއާ ގުޅިގެން ހައްޔަރު ކުރި މީހާގެ ފަރާތުން މީގެ ކުރިން ވެސް "އެފަދަ ކަންތައްތައް" ތަކުރާރުވެފައިވާ ކަަމަށާއި އެކަންތައްތަކާ ގުޅިގެން ނަސޭހަތްތެރިވެފައިވާނެ ކަމަށެވެ.

"ހުއްދައެއް ނެތި ކަނޑުއުޅަނދު އެ ގޮތަށް ނުދުއްވުމަށް މީގެ ކުރިން ވަނީ ނަސޭހަތްތެރިވެފައި. ކޮންމެހެން އެކްސިޑެންޓާ ގުޅިގެނެއް ނޫން އޭނާ ހައްޔަރު ކުރީ. އޭނާގެ އަމަލުތައް ވެސް ހުރި ގޮތުން ހައްޔަރުކުރީ،" އިސްމާއިލް އަލީ ވިދާޅުވި އެވެ.

ސުނާމީ ބިނާ މައިޒާނަކީ ގާތްގަނޑަކަށް ތިން މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ ތަނެކެވެ. އެތަން ހުޅުވާފައި ވަނީ މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހު ކުލަ ގަދަ ރަސްމިއްޔާތަކާ އެކުގަ އެވެ.