21 May 2016, 15:47
ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މިދިޔަ އަހަރު ލިބުނު އާމްދަނީ 20 ޕަސެންޓު ދަށަށް ހިނގައްޖެ އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯ އިން އާންމު ކުރި އެ ކުންފުނީގެ މިދިޔަ އަހަރު ގެ އަހަރީ ރިޕޯޓު ދައްކާ ގޮތުން، މިދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 7.31 ބިލިއަން ރުފިޔާ އެވެ. އެއީ 2014 ވަނަ އަހަރު ލިބުނު އާމްދަނީ އާ އަޅާބަލާ އިރު 20.3 ޕަސެންޓު ދަށް އަދަދެކެވެ.
ދެހާސް ސާދަ ވަނަ އަހަރު އާމްދަނީގެ ގޮތުގައި 9.17 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އެސްޓީއޯ އިން ބުނީ މިދިޔަ އަހަރު ލިބުނު އާމްދަނީ ދަށްވެފައި ވަނީ ތެލުގެ އަގު ދަށަށް ދިއުމުން ކަމަށެވެ. ތެލަކީ އެސްޓީއޯގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރާ ވިޔަފާރި ކަމަށް ވީ އިރު، ތެލުގެ ވިޔަފާރިން މިދިޔަ އަހަރު އެސްޓީއޯ އަށް ލިބިފައި ވަނީ 4.8 ބިލިއަން ރުފިޔާ އެވެ. އޭގެ ކުރީ އަހަރު ތެލުގެ ވިޔަފާރިން 7.2 ބިލިއަންގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ.
ތެލުގެ ވިޔަފާރި ދަށްވެ، ލިބުނު އާމްދަނީ ދަށްވުމުގެ އިތުރުން، މިދިޔަ އަހަރު އެސްޓީއޯ އަށް ލިބުނު ސާފު ފައިދާ ވެސް ވަނީ ދަށަށް ގޮސްފަ އެވެ. ދެހާސް ސާދަ ވަނަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 573 މިލިއަން ރުފިޔާ ލިބިފައިވާ އިރު މި އަހަރު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 520 މިލިއަން ރުފިޔާ އެވެ. އެއީ ނުވަ ޕަސެންޓު ދަށް އަދަދެކެވެ.