21 May 2016, 16:14
ދެހާސް ދެވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރަށް ސްޓާ ޕްލަސް އިން ގެނެސްދިން "ކުމްކުމް" އަކީ ދިވެހިންގެ މެދުގައި އޭރު އެންމެ މަގުބޫލު އެއް ސީރީޒް އެވެ. އެ ސީރީޒްގެ ލީޑު ރޯލުން ފެނުނު ޖޫހީ ޕަރްމާރު، ނުވަތަ "ކުމްކުމް" އަކީ ވެސް ދިވެހިން ވަރަށް ސަޕޯޓު ކުރި ފަންނާނެކެވެ.
ޖޫހީ ޓީވީ އިން ނުފެންނަތާ މިހާރު މިވަނީ ހަތަރު ވަރަކަށް އަހަރު ވެފަ އެވެ. ޖޫހީ އެކްޓިންގް އާ ދުރަށް ޖެހިލީ، 2009 ވަނަ އަހަރު ކައިވެނި ކުރުމަށް ފަހު ކުއްޖަކު ލިބުނު ހިސާބުންނެވެ.
ނަމަވެސް މިހާރު މިއޮތީ ޖޫހީގެ ސަޕޯޓަރުންނަށް އުފާވެރި ހަބަރެކެވެ. ޖޫހީ އެނބުރި ޓީވީ އަށް އަންނަނީ އެވެ.
ކަލާސް ޓީވީ އިން އަލަށް ފަށާ ސިދާރްތު ކުމާރު ތެވާރީގެ ޑްރާމާ ސިލްސިލާ "ޝާނީ" އިން ޖޫހީ ފެންނާނެކަން މިހާރު ވަނީ ޔަގީންވެފަ އެވެ. އެ ސިލްސިލާގައި ޖޫހީ އަދާކުރާނީ ޑްރާމާގެ ލީޑު "ޝާނީ"ގެ މަންމަގެ ރޯލު ކަމަށް ހަބަރުތައް ބުނެ އެވެ.

ޖޫހީ އޭނާގެ ދަރިފުޅާ އެކު. އެކްޓިންގ އިން ބްރޭކެއް ނެގީ ދަރިފުޅަށް ވަގުތު ދިނުމަށް ---
"އަހަންނަށް ތަފާތު ރޯލުތަކެއް ހުށަހެޅި. އެކަމަކު އަހަރެން އަދި މަޑުކޮށްލީ އަހަރެންގެ ދަރިފުޅު ތަންކޮޅެއް ބޮޑުވަންދެން. ދަރިފުޅަށް އަހަންނަކީ ވަޒީފާއެއް ނުވަތަ މަސައްކަތެއް ކުރާ މަންމައެއް ކަން ވިސްނެން ދެން. އަހަރެން އަބަދުވެސް އަހަރެންގެ މަސައްކަތައް ވަރަށް ފަރުވާ ބަހައްޓަން. އަދި އެއަށް ވުރެ އަހަރެންގެ ދަރިފުޅާ މެދު އަހަރެން ފަރުވާތެރިވަން،" އިންޑިއާގެ ނޫހަށް ޖޫހީ ބުނެފައިވެ އެވެ.
ޓީވީ އަށް އެނބުރި އައުމަށް ޖޫހީ 17 ކިލޯ ލުއިކޮށްފައިވެ އެވެ.
ޖޫހީ އެންމެ ފަހުން ފެނިގެން ދިޔައީ ރިއަލިޓީ ޓީވީ ޝޯވ "ބިގް ބޯސް"ގެ ފަސް ވަނަ ސީޒަނުގަ އެވެ. ދެހާސް ސާދަ ވަނަ އަހަރުގެ އެ ސީޒަން ކާމިޔާބު ކުރީ ވެސް ޖޫހީ އެވެ.