މެކްސިކޯ ސިޓީ (މޭ 21): ދުނިޔޭގެ ފެންވަރުގައި މަސްތުވާތަކެތީގެ ވިޔަފާރި ކޮށްފައިވާ މެކްސިކޯގެ ހުއާކިން "އެލް ޗާޕޯ" ގުޒްމަން އެމެރިކާ ސަރުކާރާ ހަވާލު ކުރަން މެކްސިކޯ އިން ނިންމައިފި އެވެ.

އެމެރިކާ އިން އެލް ޗާޕޯގެ މައްޗަށް މަސްތުވާތަކެތި ޓުރެފިކް ކުރުމާއި ހިޔާނާތްތެރިވުމާއި ގަސްތުގައި މީހަކު މެރިކަމުގެ ދައުވާ ކުރާނެ ކަމަށް މެކްސިކޯގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. ނަމަވެސް، ގުޒްމަންގެ މައްޗަށް މަރުގެ ހުކުމް ނުކުރާނެ ކަމުގެ ޔަގީންކަން އެމެރިކާގެ ސަރުކާރުން ވަނީ ދީފަ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެލް ޗާޕޯގެ ވަކީލުން ވަނީ އޭނާ އެމެރިކާ އަށް ފޮނުވުން ހުއްޓުވުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

މެކްސިކޯގެ ބާރު ގަދަ ސިނަލޯއާ ކާޓެލްގެ ވެރިޔާ، އެލް ޗާޕޯ ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން އޭނާ ހައްޔަރުކޮށްފައި ހުރި ޖަލުން ފިލާފަ އެވެ. މެކްސިކޯގެ ޖަލަކުން އޭނާ އެންމެ ފުރަތަމަ ފިލީ 2001 ވަނަ އަހަރުގައެވެ. އޭގެ 13 އަހަރު ފަހުން އޭނާ ހައްޔަރު ކުރުމުން އެ އަހަރު ތެރޭގައި އޭނާ އަނެއްކާ ވެސް ޖަލުން ފިލި އެވެ. އެލް ޗާޕޯ އެންމެ ފަހުން ހައްޔަރު ކުރީ އޭގެ ހަމަސް ފަހުން މިދިޔަ ޖެނުއަރީ މަހުއެވެ. (ރޮއިޓާސް)