އަށްޑިހަ ވަރަކަށް މީހުންނާ އެކު މާލެ އިން ފުރައިގެން އދ. މީމިގިއްޔަށް ދަތުރު ކުރަނިކޮށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އަލިހުރަސް ކަނޑަށް އަޑިއަށް ދިޔަ މާމިގިލީ "ސަން ފެރީ" ބޮޑު މަރާމާތުތަކެއް ކުރުމަށް ފަހު މިއަދު ބާލައިފި އެވެ.

ސަން ފެރީގެ އެއް އޮޑިވެރިއެއް ކަމަށްވާ މާމިގިލީ އދ. މާމިގިލީ، ރަންގަލީ އަބްދުލްހަންނާނު އިބްރާހީމް މިއަދު ސަން އަށް ވިދާޅުވީ ފެރީ ބޭލީ ހަތް މަސް ދުވަސްވަންދެން މާމިގިއްޔަށް އެހެލާފައި ބަހައްޓައިގެން ބޮޑެތި މަރާމާތުތަކެއް ކުރުމަށް ފަހު ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ބޯޓުގައި ކުރި މަރާމާތުތަކުގެ ތެރޭގައި މުޅި ފެރީގެ ވަށައިގެން އިތުރަށް ތިން މަޑޫޖަހައި ބޯޓު އިތުރަށް އުސް ކުރުމުގެ އިތުރަށް މުޅި ކަމަރާގެ އެއްކޮށް މަރާމާތު ކުރުމާއި އަދި ބޯޓުގެ ތައްޓުގަނޑު މަރާމާތުކުރުން ހިމެނޭ ކަމަށެވެ. އޭނާ ވިދާޅުވީ އެ މަސައްކަތަށް މިލިއަނެއްހާ ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު 15 ވަނަ ދުވަހުގެ ރޭ މާލެ އިން ފުރައިގެން މާމިގިއްޔަށް ދަތުރު ކުރަނިކޮށް ސަން ފެރީ އަޑިއަށް ދިޔައީ، ދިރުނބާކޮޅުން ރާޅެއް އެރި އިރު ބޯޓުގެ ކުރީ ތައްޓުގަނޑެއްގެ މަތި ނަގާފައި ހުރުމުން، ބޯޓުގެ ތެރެ އަށް ރާޅު އަރައިގެންނެވެ. އެ ބޯޓް އަޑި އަށް ގޮސް އޮތީ އަލިހުރަސް ކަނޑަށް ނުކުންނަ ކަނޑުއޮޅީ ތެރޭގައި ގާތްގަނޑަކަށް 40 މީޓަރު އަޑީގަ އެވެ.

ބޯޓު އަޑިން ނެގީ ސިފައިންނާއި އަދި ބައެއް އެ ނޫން ފަރާތްތަކުގެ އެހީތެރިކަމާ އެކު މަހެއްހާ ދުވަހު ކުރި މަސައްކަތުން ކަމަށް ބޯޓުގެ ވެރިން ސަން އަށް އޭރު ވިދާޅުވި އެވެ.

ހަންނާނު ވިދާޅުވީ މަސައްކަތް ކުރަނީ ރޯދަ މަހުގެ ކުރިން މާލެ އަށް ދަތުރެއް ކުރެވޭ ވަރަށް އޮޑި ތައްޔާރުކުރަން ކަމަށެވެ. އޭނާ ވިދާޅުވީ އެއީ ބޯޓު މޫދަށް ބޭލުމަށް ފަހު ކުރަން ޖެހޭ ބައެއް ކުދިކުދި މަރާމާތުތައް ކުރަން ހުރުމުން ކަމަށާއި ނަމަވެސް އެކަންކަމަށް ނަގާނީ ހަތަރު ފަސް ދުވަސް ކަމަށެވެ.