އަންނަ މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކުރިއަށް އޮތް ހަތަރު އަހަރަށް އިންތިހާބުކުރާ ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީއަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ މަގާމުތަކަކީ ރައީސް އާއި ނައިބު ރައީސް އާއި ހަޒާންދާރު އަދި އާންމު ހަތަރު މެންބަރުންގެ މަގާމެވެ.

އޭގެ ތެރެއިން އާންމު ހަތަރު މެންބަރުންގެ ތެރޭގައި ހިމެނެނީ ފުރިހަމަ މެންބަރުންގެ ތެރޭގައި ހިމެނޭ ކްލަބު ޖަމިއްޔާތަކުން އެއް މެންބަރާއި ފަރުދީ މެންބަރުންގެ ތެރެއިން ފިރިހެން މެންބަރަކާއި އެސޯސިއޭޓް މެންބަރުން ތަމްސީލުކުރާ އެއް މެންބަރު އަދި ފަރުދީ މެންބަރުންގެ ތެރެއިން އެއް އަންހެން މެންބަރެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އެ އެސޯސިއޭޝަނުގެ ފުރިހަމަ މެންބަރުންނަށެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ފުރިހަމަ މެންބަރުންގެ ގޮތުގައި ބެލެވޭނީ 2016 ވަނަ އަހަރުގެ އަހަރީ ފީ ދައްކާފައިވާ އުމުރުން 18 އަހަރު ފުރިފައިވާ މެންބަރުންނާއި އަހަރީ ފީ ދައްކާފައިވާ ކްލަބު ޖަމިއްޔާތަކެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ބުނީ، ފުރިހަމަ މެންބަރުންގެ ގޮތުގައި ހިމެނޭ ކްލަބު ޖަމިއްޔާތަކުން ހިންގާ ކޮމިޓީގައި ހިމެނުމަށް ހުށަހަޅަން ޖެހޭނީ އެ ކުލަބެއްގައި ނުވަތަ ޖަމިއްޔާއެއްގައި ރަޖިސްޓަރީވެފައިވާ މެންބަރުންގެ ތެރެއިން އެއް މެންބަރު ކަމަށެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ މެންބަރުންގެ ތެރެއިން ކުރިމަތިލުމަށް އެދޭ ފުރިހަމަ މެންބަރުން އަންނަ މަހުގެ 19 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން ކުރިމަތިލާ މަގާމު ބަޔާންކޮށް، އެ އެސޯސިއޭޝަނަށް ސިޓީ ފޮނުވުމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަނުން އެދެ އެވެ. އެ ސިޓީގައި މަގާމަށް ކުރިމަތިލާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހެޅުމަށް ވެސް އެ އެސޯސިއޭޝަނުން އެދެ އެވެ.