21 May 2016, 15:30
މިސްރުގެ ފާމަސިސްޓެއް ކަމުގައިވާ އަހްމަދު އަޝްއަރީ އަދި އޭނާގެ އަންހެނުންނަކީ މިދިޔަ ބުރާސްފަތި ދުވަހު ފްރާންސުގެ ޕެރިހުން މިސްރުގެ ގާހިރާއަށް ދަތުރު ކުރި އިޖިޕްޓްއެއާގެ އެމްއެސް804 އިން ދަތުރުކުރަމުން ދިޔަ ދެ ފަސިންޖަރުންނެވެ.
އެ ދެ ފަސިންޖަރުން ވެސް އެ ދުވަހު ފްލައިޓަށް އެރީ ގައުމުގައި ތިބި އެ ދެމީހުންގެ ދެ ދަރިންނާއި މައިންބަފައިންނާ ބައްދަލުވެ އެމީހުންނަށް އުފާވެރި ހަބަރެއް ދިނުމަށެވެ. ނަމަވެސް އަރަބި ނޫހެއް ކަމުގައިވާ އަލް އަރަބިޔާގައި ގެނެސްދީފައިވާ އެ ދެ މީހުންގެ ވާހަކަ އަކީ ހިތާމައިން ފުރިގެންވާ ވާހަކަ އެކެވެ.
އަޝްއަރީގެ އަންހެނުންނަކީ ކެންސަރު ބަލީގައި އުޅެމުން ދިޔަ މީހެކެވެ. މިސްރުގައި ހުރި އަޝްއަރީގެ އަމިއްލަގެ އާއި އޭނާގެ ކާރު ވެސް ވިއްކާލީ އަނބިމީހާގެ ބައްޔަށް ފަރުވާ ކުރުމަށް ފައިސާ ހޯދާށެވެ. މީގެ ތިން މަސް ކުރިން އެ ދެ މަފިރިންގެ ހުރިހާ މުދަލެއް ވިއްކާލުމަށް ފަހު، ތިން ކުދިން އަޝްއަރީގެ މައިންބަފައިންނާ ހަވާލުކުރުމަށް ފަހު ފްރާންސަށް ދިޔައީ އަނބިމީހާ ކެންސަރު ބަލިން ސަލާމަތް ކުރުމަށެވެ.
ހަބަރުތައް ބުނާ ގޮތުން ފްރާންސްގައި ފަރުވާ ކުރުމަށް ފަހު އަޝްއަރީގެ އަންހެނުން ކެންސަރުން ސަލާމަތްވި އެވެ. އަދި އެ އުފާވެރި ހަބަރާ އެކު ދެމަފިރިން އެނބުރި ގައުމަށް ދާން ތައްޔާރުވީ އެތައް އުންމީދަކާ އެކު އެވެ. ތިން މަހަށް ފަހު ދަރިންނާއި މައިންބަފައިން ފެންނާނެ ކަމުގެ އުންމީދު ގަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފްރާންސްގެ އެއާޕޯޓުން ފްލައިޓު ނައްޓާލުމުގެ ކުރިން އަޝްއަރީ ވަނީ އޭނާގެ މައިންބަފައިންނަށް ގުޅައި، އުފާވެރި ހަބަރަކާ އެކު އެނބުރި އާއިލާގެ ގާތަށް ދާ ވާހަކަ ބުނެފަ އެވެ.
ނަމަވެސް، ދެމަފިރިން ދަތުރު ކުރަމުން ދިޔަ ު މެޑިޓޭރިއަން ކަނޑަށް ވެއްޓި ހިނގި ހާދިސާއާ އެކު އެ ދެމަފިރިންގެ އުންމީދުތައް ވެސް މިވަނީ ގެނބިގެން ގޮސްފަ އެވެ. މިސްރުގައި ދެމަފިރިންގެ ތިން ދަރިން ތިބީ މަންމައާއި ބައްޕަ އަންނާނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.
ބޯޓު ހޯދުމަށް މިސްރާއި ގްރީސްއިން ކުރި މަސައްކަތުން އިއްޔެ ބޯޓުގެ ބައިތަކެއް ވަނީ މިސްރުގެ އިސްކަންދަރިއްޔާގެ 290 ކިލޯ މީޓަރު އުތުރުން ފެނިފަ އެވެ. އެއާބަސް 320 މަރުކާގެ އެބޯޓުން ގެއްލުނީ ބޯޓުގައި ދަތުރު ކުރަމުންދިޔަ 66 މީހުންނާ އެއްކޮށެވެ.