މުޅި ދުނިޔެ އިން ޕޯލިއޯ ނައްތާލުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން، އިރު ދެކުނު އޭޝިޔާ ސަރަހައްދުގައި ހިމެނޭ ޑަބްލިއުއެޗްއޯގެ އެގާރަ ގައުމުގައި ބޭނުން ކުރަމުން އައި ޕޯލިއޯ ވެކްސިން ބަދަލުކޮށްފި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޕޯލިއޯ އަށް ކުރިން ދެމުން އައި "ޓްރައިވެލަންޓް އޯރަލް ޕޯލިއޯ ވެކްސިން"ގެ ބަދަލުގައި "ބައިވެލަންޓު އޯރަލް ޕޯލިއޯ ވެކްސިން" އަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އެ ވެކްސިން ބޭނުން ކުރުމަށް ހުއްދަ ލިބިފައި ވަނީ މިދިޔަ އަހަރު އެވެ. މި އަހަރުގެ އޭޕްރީލް މަހުން ފެށިގެން ކުޑަކުދިންނަށް އެ ވެކްސިން ވަނީ ދޭން ފަށައިފަ އެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ އެ ބަދަލަކީ އޯރަލް ޕޯލިއޯ ވެކްސިންގެ ސަބަބުން މަދުން ނަމަވެސް ކުޑަކުދިން ޕެރަލައިޒް ވާން ދިމާވާ މައްސަލަ ހައްލު ކުރުން ކަމަށެވެ.

އަދި ދުނިޔެއިން ޕޯލިއޯ ނައްތާލަން ކުރެވޭ މަސައްކަތް ވަރަށް ކާމިޔާބު ކަމަށާއި މިހާރު ގެނެވިފައިވާ ބަދަލަކީ "ޕޯލިއޯ އެންޑްގޭމް ސްޓްރެޓެޖީ"ގެ ތެރެއިން ދުނިޔެ އިން ޕޯލިއޯ އެއްކޮށް ފޮހެލުމުގެ ލަނޑުދަނދި ހާސިލް ކުރުމަށް ވަރަށް މުހިންމު ކަމެއް ކަމަށްވެސް ޑަބްލިއުއެޗްއޯ އިން ވަނީ ބުނެފަ އެވެ.

އިރު ދެކުނު އޭޝިޔާ ސަރަހައްދަކީ ޕޯލިއޯ މުޅިން ނައްތާލެވިފައިވާ ސަރަހައްދެއް ކަމަށް އިއުލާނުކޮށްފައި ވަނީ 2014 ވަނަ އަހަރުގެ މާޗު މަހު އެވެ. މިއަދާ ހަމައަށް ވެސް އެ ސަރަހައްދުން ޕޯލިއޯގެ އެއްވެސް ކޭސް އެއް ފެންމަތިވެފައި ނުވި ނަމަވެސް، ޕޯލިއޯ ޖެހިފައި ހުރި މީހުން އެ ސަރަހައްދުގެ ގައުމުތަކަށް އެތެރެވުމުގެ ފުރުސަތު އެބަ އޮތް ކަމަށް ޑަބްލިއުއެޗްއޯ އިން ގަބޫލު ކުރެ އެވެ.