ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތަށް ނެގި އާޖެންޓީނާ ގައުމީ ޓީމުގެ ސްކޮޑުން ކާލޮސް ޓެވޭޒް އާއި ޕައުލޯ ޑިބާލާ ބާކީކޮށްފި އެވެ.

ބޮކާ ޖޫނިއާސްގެ ތަރި ޓެވޭޒް އާއި ޔުވެންޓަސްގެ މުހިންމު ކުޅުންތެރިޔާ ޑިބާލާއަށް ކޯޗު ޖެރާޑޯ މާޓިނޯގެ ޓީމުން ޖާގަ ދީފައިނުވާ އިރު، މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ޕަބްލޯ ޒަބަލެޓާ ވެސް 23 ކުޅުންތެރިންގެ ސްކޮޑުގައި ހިމަނައިފައެއް ނުވެ އެވެ.

އާޖެންޓީނާގެ ފޯވަޑް ލައިނުން ޓެވޭޒް އާއި ޑިބާލާ ބާކީ ކުރި އިރު، ޗައިނީސް ސުޕާ ލީގުގައި ކުޅެމުންދާ އުމުރުން 31 އަހަރުގެ އިޒެކުއީލް ލަވޭޒީ ވަނީ ޓީމުގައި ހިމަނައިފަ އެވެ.

ފޯވަޑު ލައިނުގައި ހިމެނޭ ކުޅުންތެރިންގެ ތެރޭގައި ލިއޮނެލް މެސީ އާއި ސާޖިއޯ އަގުއެރޯ އަދި ގޮންޒާލޯ ހިގައިން ފާހަގަކޮށްލެވެ އެވެ. ދެން އެ މަގާމަށް ނެގި ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ނިކޮލަސް ގައިޓަން އާއި އެންހެލް ޑި މަރީއާ އަދި އެރިކް ލަމޭލާ އެވެ.

ގޯލްކީޕަރުންގެ ތެރޭގައި ހިމެނޭ ސާޖިއޯ ރޮމޭރޯ، މެންޗެސްޓާ ޔުނައިޓެޑުގައި ގިނަ މެޗުތަކެއް ނުކުޅުނު ކަމުގައިވިޔަސް، އާޖެންޓީނާގެ އެއް ނަންބަރު ކީޕަރުގެ ގޮތުގައި އޭނާ ބޭނުންކުރާނެ ކަމަށް ބެލެވެ އެވެ. ދެން ޓީމަށް ނެގި ދެ ގޯލްކީޕަރުންނަކީ ނަހުއެލް ގުޒްމަން އާއި މާރިއާނޯ އަންޑުޖާ އެވެ.

ކޮޕާ އެމެރިކާގެ އެންމެ ފަހުގެ ރަނަރަޕް އާޖެންޓީނާ، މި ފަހަރުގެ މުބާރާތުގައި އޮތީ ޕެނަމާ އާއި ބޮލީވިއާ އަދި އެންމެ ފަހުގެ ޗެމްޕިއަން ޗިލީއާއެކު ގްރޫޕް ޑީ ގައެވެ.

ކޮޕާ އެމެރިކާއަށް ނެގި އާޖެންޓީނާގެ ސްކޮޑު

ގޯލްކީޕަރުން –މާރިއާނޯ އަންޑުޖާ (އެސްޓުޑުއަންޓެސް)، ނަހުއެލް ގުޒްމަން (ކްލަބު ޓިގްރެސް)، ސާޖިއޯ ރޮމޭރޯ (މެންޗެސްޓާ ޔުނައިޓެޑް).

ޑިފެންޑަރުން –ވިކްޓާ ކުއެސްޓާ (އިންޑެޕެންޑިއެންޓޭ)، ރަމީރޯ ފުނެސް މޯރީ (އެވަޓަން)، ޖޮނަތަން މައިޑާނާ (ރިވާ ޕްލޭޓް)، ގެބްރިއެލް މާކާޑޯ (ރިވާ ޕްލޭޓް)، ނިކޮލަސް އޮޓަމެންޑި (މެންޗެސްޓާ ސިޓީ)، މާކޮސް ރޮހޯ (މެންޗެސްޓާ ޔުނައިޓެޑް)، ފަކުންޑޯ ރޮންކަގްލިއާ (ފިއޮރެންޓީނާ).

މިޑްފީލްޑަރުން –އެވާ ބަނޭގާ (ސެވިއްޔާ)، ލޫކަސް ބިގްލިއާ (ލާޒިއޯ)، އޮގަސްޓޯ ފެނާންޑޭޒް (އެތުލެޓިކޯ މެޑްރިޑް)، މަޓިއަސް ކްރަނެވިޓާ (އެތުލެޓިކޯ މެޑްރިޑް)، އެރިކް ލަމޭލާ (ޓޮޓެންހަމް)، ހާވިއާ މަޝެރާނޯ (ބާސެލޯނާ)، ހާވިއާ ޕަސްޓޯރޭ (ޕެރިސް ސެއިންޓް ޖާމެން).

ފޯވަޑުން –ސާޖިއޯ އަގުއެރޯ (މެންޗެސްޓާ ސިޓީ)، އެންހެލް ޑި މަރިއާ (ޕެރިސް ސެއިންޓް ޖާމެން)، ނިކޮލަސް ގައިޓަން (ބެންފީކާ)، ގޮންޒާލޯ ހިގައިން (ނަޕޯލީ)، އިޒެކުއިލް ލަވޭޒީ (ހެބެއި ފޯޗުން)، ލިއޮނެލް މެސީ (ބާސެލޯނާ).