21 May 2016, 12:43
މީގެ ހަތަރު އަހަރު ކުރިން، ޕްރޮފެޝަނަލް ސޯޝަލް ނެޓްވޯކް "ލިންކްޑްއިން" ހެކު ކުރި އެވެ. އޭރު ހީވެފައި އޮތީ، ލިންކްޑްއިންގެ 6.4 މިލިޔަން އެކައުންޓްގެ ޕާސްވޯޑް ވަގަށް ނެގި ކަމަށެވެ.
އެހެން ނަމަވެސް، ލިންކްޑްއިން އިން މިދިޔަ ހަފްތާގައި ވަނީ ހައިރާން ކުރުވަނިވި މައުލޫމާތުތަކެއް އާންމު ކޮށްފަ އެވެ. އެ ނެޓްވޯކްގެ ޔޫޒަރުންގެ ޕާސްވޯޑްތައް ހެކް ކުރި ފަރާތްތަކުން ދަނީ ކަޅު ބާޒާރުގައި އެތަކެތި ވިއްކަމުންނެވެ. އަދި އޭގެ ތެރޭގައި، 117 މިލިޔަން މީހުންގެ އީމެއިލްތަކަށާއި ބޭންކް އެކައުންޓްތަކަށް ވަނުމުގެ އެކްސެސް ލިބޭ ޕާސްވޯޑްތައް ވެސް ހިމެނެ އެވެ.
މި ދަނޑިވަޅުގައި، ލިންކްޑްއިން ބޭނުންކުރާ ފަރާތްތަކަށް އެ ނެޓްވޯކުން ދޭ އިރުޝާދަކީ، ޕާސްވޯޑް ޗޭންޖް ކުރުމާ އެކު، ޓޫ ފެކްޓާ އޮތެންޓިފިކޭޝަން ނުވަތަ، އާ ކޮމްޕިއުޓަރެއް ނުވަތަ ޑިވައިސަކުން އޮންލައިންވާ ނަމަ ފޯނަށް ޓެކްސްޓް މެސެޖު އަންނަ ގޮތް ހެދުމެވެ.
އެ ނެޓްވޯކުން ބުނާ ގޮތުގައި، އެފަރާތުން މީގެ ކުރިން ބޭނުންކުރި ސެކިއުރިޓީ ޕޮލިސީއަކީ، ހެކަރުންގެ ޝިކާރައަކަށް ލިންކްޑްއިން ވާ އެންމެ ބޮޑު ސަބަބެވެ.
ލިންކްޑް އިން އިން މިހާރު ދަނީ، ވަގަށް ނަގާފައިވާ ޕާސްވޯޑްތަކުގެ އަސްލު ވެރިފަރާތްތައް ކަމުގައިވާ، އެ އެކައުންޓްތަކުގެ ޔޫޒަރުންނާ ވަކިވަކިން ވާހަކަ ދައްކައި، މައްސަލަ ހައްލު ކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރަމުންނެވެ.