ދިވެހިވަންތަ ގޮތްތަކަށް ފަރުމާކޮށް ބ. އަތޮޅު މިލައިދޫގައި ތަރައްގީކޮށް ފަރުމާކޮށްފައިވާ ލަގްޒަރީ ރިސޯޓް މިއަހަރު ނޮވެމްބަރު މަހު ހުޅުވަން ނިންމައިފި އެވެ.

ދުނިޔޭގެ ޓޫރިޒަމް ޚަބަރުތައް ގެނެސްދޭ ޔޫކޭގެ ވެބްސައިޓެއްގައިވާ ގޮތުން އެ ރިސޯޓުގެ ދިގުމިނުގައި ހުންނާނީ 300 މީޓަރެވެ. އަދި ފުޅާމިނުގައި ހުންނާނީ 180 މީޓަރެވެ.

ދިވެހިވަންތަ ގޮތްތަކަކަށް ފަރުމާކޮށްފައިވާ އެ ރިސޯޓްގައި ޓޫރިސްޓުން ތިބުމަށް ޖުމްލަ 50 ކޮޓަރި ހަދާފައިވެ އެވެ. އެއީ 30 ވޯޓާވިލާ އާއި 20 ބީޗްވިލާ އެވެ. ވޯޓާވިލާ އެއްގެ ބޮޑުމިނަކީ 245 އަކަމީޓަރެވެ. އަދި ބީޗްވިލާ އެއްގެ ބޮޑުމިނަކީ 290 އަކަމީޓަރެވެ. ކޮންމެ ވިލާއެއްގައި ޕްރައިވެޓް ސްވިމިންޕޫލެއް ހުންނާނެ އެވެ.

މިލައިދޫ ރިސޯޓް ޚާއްސަކޮށްފައި ވަނީ ލޯބިވެރިންނަށެވެ. ނުވަ އަހަރުން މަތީގެ ކުޑަކުދިންނަށް އެ ރިސޯޓުން މަރުހަބާ ކިޔާއިރު، ބ. އަތޮޅުގައި އޮންނަ ޑައިވްކުރުމަށް އެންމެ މަގުބޫލު އެއް މަންޒިލް ކަމަށްވާ "ހަނިފަރު ބޭ" އަށް އެ ރިސޯޓުގެ ޓޫރިސްޓުންނަށް ދެވޭނެ އެވެ. ހަނިފަރު ބޭ އަކީ "މަންތާ" އަދި "ވޭލްޝާކް" ބެލުމަށް ރާއްޖެ ސަރަހައްދުން އެންމެ މަގުބޫލު އެއް މަންޒިލެވެ.

ދިވެހި ފަރުމާކުރުންތެރިއެއްކަމަށްވާ މުހައްމަދު ޝަފީގު ފަރުމާކޮށްފައިވާ އެ ރިސޯޓުގައި ގެސްޓުން މުނިފޫހި ފިލުވުމަށް ވެސް ގިނަ ހަރަކާތްތަކެއް ހިންގާނެ އެވެ.