ގާހިރާ (މޭ 21): މިދިޔަ ބުރާސްފަތި ދުވަހު ފްރާންސުގެ ޕެރިހުން މިސްރުގެ ގާހިރާއަށް ދަތުރު ކުރި އިޖިޕްޓްއެއާގެ އެމްއެސް804 މެޑިޓެރޭނިއަން ކަނޑަށް ވެއްޓުމުގެ ކުރިން ބޯޓުގެ ކެބިން އިން ދުން އެރިކަމުގެ އެލާޓްކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފި އެވެ.

ފްލައިޓުތަކަށް ދިމާވާ މައްސަލަތަކާ ބެހޭ ގޮތުން ރިޕޯޓު ކުރާ ވެބްސައިޓެއް ކަމަށްވާ އޭވިއޭޝަން ހެރަލްޑުގައިވާ ގޮތުން ބޯޓާ ގުޅުން ކެނޑުމުގެ ކުރިން ބޯޓުގެ ފާހާނާ އާއި ކެބިންއިން ދުން ފެނިފައިވެ އެވެ.

ރިޕޯޓުގައިވާ ގޮތުން ބޯޓުގެ ފާހާނައިން ދުން އެރީ މިސްރުގެ ގަޑިން އެ ރޭ 02:26ގަ އެވެ. އަދި ބޯޓުގެ ކެބިން އިން ދުން ފެނުނު ކަމަށް އެލާޓް ކޮށްފައި ވަނީ އޭގެ މިނިޓެއް ފަހުންނެވެ.

އެމްއެސް804އާ ގުޅުން ކެނޑުނީ މިސްރުގެ ގަޑިން ރޭގަނޑު 02:33ގަ އެވެ.

އޭވިއޭޝަން ހެރަލްޑަށް އެމައުލޫމާތު ލިބިފައި ވަނީ އެއާކްރާފްޓް ކޮމިއުނިކޭޝަންސް އެޑްރެސިން އެންޑް ރިޕޯޓިން ސިސްޓަމް (އޭސީއޭއާރްއެސް)ގެ ޒަރިއްޔާއިން ކަމަށް ރިޕޯޓުގައިވެ އެވެ. އޭސީއޭއާރްއެސް އަކީ ދަތުރު ކުރަމުންދާ ބޯޓުތަކާ އެއްގަމުގައިވާ އިދާރާތަކާ ދެމެދު މެސެޖުތައް ފޮނުވުމަށް ބޭނުން ކުރާ ސިސްޓަމެކެވެ.

އެރިޕޯޓާ ބެހޭ ގޮތުން މިސްރުން އަދި ރަސްމީ ގޮތުން ބަހެއް ބުނެފައި ނުވެ އެވެ.

ބޯޓު ހޯދުމަށް މިސްރާއި ގްރީސްއިން ކުރި މަސައްކަތުން އިއްޔެ ބޯޓުގެ ބައިތަކެއް ވަނީ މިސްރުގެ އިސްކަންދަރިއްޔާގެ 290 ކިލޯ މީޓަރު އުތުރުން ފެނިފަ އެވެ. އެއާބަސް 320 މަރުކާގެ އެބޯޓުން ގެއްލުނީ ބޯޓުގައި ދަތުރު ކުރަމުންދިޔަ 66 މީހުންނާ އެއްކޮށެވެ. (ބީބީސީ)