12 May 2011, 11:16
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނެރެ އަމަލު ކުރަމުން އަންނަ މަނިޓަރީ ގަވާއިދުގައިވާ ގޮތުގެ މަތިން ރާއްޖޭގައި ދިވެހި ފައިސާ ވިޔަފައި އެހެން އެއްވެސް ފައިސާއަކުން މުއާމަލާތް ނުކުރުމަށް ބާރު އަޅައި، އެއޮތޯރިޓީން ކުރަމުން އަންނަ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެ އެވެ.
އެމްއެމްއޭ ގަވާއިދުގެ ފަސް ވަނަ މާއްދާގެ ދަށުން ރާއްޖޭގައި ކުރާ ހުރިހާ ވިޔަފާރިއެއްގެ ހުރިހާ އެއްޗެއްގެ އަގާއި، މަސައްކަތުގެ އަގާއި، ހިދްމަތުގެ އަގާއި، ފީ އަދި ކުލިފަދަ ތަކެތީގެ އަގު އަދާކުރުމަށް، ރާއްޖޭގެ ރުފިޔާ ފިޔަވައި އެހެން ފައިސާއެއް ބޭނުންކުރުމަކީ މަނާ ކަމެކެވެ.
މިމަހުގެ އަށް ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވާނަރު ފަޒީލް ނަޖީބް މުހައްމަދާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ކުރާ ހުރިހާ ވިޔަފާރީގެ މުއާމަލާތްތައް ހިނގަންވާނީ ގަވާއިދުގައިވާ ގޮތުގެ މަތިން، ރާއްޖޭގެ ފައިސާއިން ކަމަށް ވިދާޅުވެ، މިކަމަށް ބާރުއަޅުއްވައި ހާއްސަ މަސައްކަތްތަކެއް ކޮށްދެއްވުމަށް، ގަވަނަރުގެ އަރިހުން ވަނީ އެދިވަޑައިގެންފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި އެދިވަޑައިގެން އެދިވަޑައިގަތުމުގެ މަތިން، އެމްއެމްއޭ އިން ވަނީ އެކަމާބެހޭ ގޮތުން އިއްލާނެއް ނެރެ، މަސައްކަތްތަކެއް ފަށްޓާފަ އެވެ.
" އެކަން ރައީސުލްޖުމްހޫރިއްޔާ ހާއްސަ ގޮތެއްގައި ފާހަގަކުރައްވާ، އަދި އެމްއެމްއޭގެ އެމަސައްކަތަށް، އެމަނިކުފާނު ކާމިޔާބީއަށް އެދިވަޑައިގަންނަވާ" ރައީސް އޮފީހުން ބުންޏެވެ.