ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމްގެ ސޮއިދިމާނުވެގެން އޭނާގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފު މައްސަލަ ސުޕްރީމް ކޯޓުން އަނބުރާ ފޮނުވާލައިފި އެވެ.

އާޒިމްގެ ކޮއްކޮ އާދަމް އާޒިމް މިއަދު ސަން އަށް ވިދާޅުވީ އެ މައްސަލަ އަނބުރާ ފޮނުވާލީ އައިޑީކާޑުގައިވާ ނާޒިމްގެ ސޮޔާއި ދައުވާ ފޯމްގައިވާ ސޮއި ދިމާނުވެގެން ކަމަށާއި އަލުން ސޮއިކުރުމަށް ފަހު މާދަމާ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުގެ ރޭ ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުގެ ކަބަޑެއްގެ ތެރެއިން ފުލުހުން ނެގި ފިސްތޯލަ އަކީ ފުލުހުން އެކަބަޑުތެރެއަށް ލާފައިވާ އެއްޗެއްކަން މިހާރު ޔަގީން ކުރެވިފައިވާ ކަމަށާއި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަނީ އެ ހެއްކާ އެކު ކަމަށެވެ.

"ސުޕްރީމް ކޯޓުން ފުރުސަތު ދެއްވައިފި ނަމަ އަޅުގަނޑުމެން ސާބިތުކޮށްދޭނަން. އެއީ ފުލުހުން އެގޭތެރެއަށް ވެއްދި ފިސްތޯލައެއްކަމާއި އެއީ ނާޒިމްގެ އެއްޗެއް ނޫންކަން،" އާޒިމް ވިދާޅުވި އެވެ.

ނާޒިމްގެ ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވީ ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓަށް ހަތިޔާރުވެއްދީ ކާކުކަން މިހާރު އެނގިއްޖެ ކަމަށާއި އެމީހާގެ މައުލޫމާތު އެބަހުރި ކަމަށެވެ.

މިދިޔަ އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަހުގެ ރޭ ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ އޭނާ ދިރިއުޅުއްވި އެޕާޓްމަންޓުން ފިސްތޯލަ އަކާއި ދެ ވަޒަން ފެނުނު ކަމަށް ފުލުހުން ހެކިބަސް ދީފައިވާތީ އާއި އަދި އެ ފިސްތޯލަ އާއި ވަޒަންތަކަކީ އޭނާގެ އެއްޗެއް ނޫން ކަމަށް ނާޒިމަށް ސާބިތުކޮށްދެވިފައި ނުވާތީ އެވެ.