މެންޗެސްޓާ ޔުނައިޓެޑުގެ ފްރާންސް ފޯވަޑް އެންތޮނީ މާޝިއަލް ކުރަމުންދާ ކަމަކީ ގޯލު ޖެހުން ކަމަށާއި ގޯލު ޖެހުމަކީ އޭނާ އަށް ހިތްހަމަޖެހުން ލިބޭ ކަމެއް ކަމަށް މާޝިއަލް ބުނެފި އެވެ.

މޮނާކޯ އިން ޔުނައިޓެޑާ ގުޅުމަށް ފަހު، އެ ކްލަބުގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި މާޝިއަލް ވަނީ 17 ލަނޑު ކާމިޔާބުކޮށް، 11 ލަނޑު ކާމިޔާބު ކޮށްދިނުމަށް މަގުފަހިކޮށްދީފަ އެވެ.

"އަހަރެން ކުރާ ކަމަކީ ގޯލު ޖެހުން. އަހަރެންނަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމަކީ ވެސް އެއީ. އަހަރެން އެކަމާމެދު ވަރަށް އުފާކުރަން،" އުމުރުން 20 އަހަރުގެ ފޯވަޑް މާޝިއަލް ބުންޏެވެ.

މާޝިއަލް ބުނީ، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޔުނައިޓެޑަށް ޖާގަ ނުލިބުނު ކަމުގައި ވިޔަސް، އެ ކްލަބުގައި މަޑުކުރަން ބޭނުންވާ ކަމަށާއި އެ ކްލަބުގައި އޭނާ ހުރީ އުފަލުގައި ކަމަށެވެ.

"އަހަރެންނަށް މެންޗެސްޓާ ވަރަށް ކަމުދޭ. އަހަރެން ކްލަބުގައި މިހުރީ އުފަލުގައި. ކުރިއަށް އޮތް ތަނުގައި ވާނެ ގޮތެއް ނޭނގޭނެ. ކްލަބުގެ ސަޕޯޓަރުން ވަރަށް ރަނގަޅަށް އަހަރެން ބަލައިގަނެފި. ދެން އަހަރެން ކްލަބުގައި މަސައްކަތްކުރާނީ އިތުރަށް ސަޕޯޓަރުން ހިތްހަމަޖައްސައި ދިނުމަށް،" އޭނާ ބުންޏެވެ.

މޮނާކޯ އިން 36 މިލިއަން ޕައުންޑަށް ޔުނައިޓެޑާ ގުޅުނު މާޝިއަލްއަކީ ފްރާންސް ގައުމީ ޓީމުގެ ވެސް މުހިންމު ކުޅުންތެރިއެކެވެ.