21 May 2016, 11:27
ސިއްހީ ވަރުގަދަ އުސޫލުތަކަކާ އެކު މަސްމާރުކޭޓު މޮނީޓާކުރަން އަލުން ފެށުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.
މަސްމާރުކޭޓުގެ ސާފްތާހިރުކަން ދަށްވެފައިވާތީ އާންމުން ފާޅުކުރަމުން އަންނަ ކަންބޮޑުވުންތަކާ ގުޅިގެން ސަން އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވި މަސްމާރުކޭޓު ރައްކާތެރިތަނަކަށް ހެދުމުގެ ޑްރާފްޓް މިހާރު ވަނީ ނިމި ގެޒެޓް ކުރުމުގެ މަގުމަތީ ކަމަށެވެ.
އެއަށް ފަހު އެޗްޕީއޭގެ ދަށަށް އެތަން ގެނެވޭނެ ކަމަށާއި އެއާ އެކު މަސް މާރުކޭޓުން ޚިދުމަތްދެމުންދާނީ އެޗްޕީއޭގެ ސިއްހީ މިންގަނޑުތަކަށް ރަޖިސްޓްރީ ކުރެވިގެންކަމަށް އަހުމަދު ވިދާޅުވި އެވެ.

މަސްކަނޑާ އަށިތައްކައިރި ހުރެ އެކަކު ދަތް އުނގުޅާއިރު އަނެކަކު ފެންވަރަނީ-- ފޮޓޯ: އެފްބީ
"ސާފްތާހިރުކަމުގެ އަޅުގަނޑުމެން ބަލާ މިންގަނޑަށް ފެތިގެން ދެން އެތައް ކުރިއަށްދާނީ އޭރުން، ދެން އޭރުން އަޅުގަނޑުމެން ބަރާބަރަށް އެތަން އިންސްޕެކްޓްކުރުމާއި ހަމައެހެންމެ އަޅުގަނޑުމެން ބޭނުންވާގޮތަށް އެތަން ބައްޓަންކުރާނީ،" އަހުމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތް ދެ މަސް ތެރޭގައި އެޗްޕީއޭއިން މާރުކޭޓު އެއުސޫލުތަކުގެ މަތިން މޮނީޓާކުރުމަށް ހަވާލުވާނެ ކަމަށެވެ.
މަސްމާރުކޭޓު ހިންގުން ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތް އިރު އެތަން އަމިއްލަ ފަރާތަކާ ވަނީ ހަވާލުކޮށްފަ އެވެ. މިހާރު ވެސް މަސްމާރުކޭޓު ހިންގަމުން އަންނަނީ އެ އަމިއްލަ ފަރާތުންނެވެ.
އެފަރާތާއި ވާހަކަދައްކައިގެން މިހާރުން މިހާރަށްވެސް މަސްމާރުކޭޓަށް ބަދަލުތަކެއް ގެންނަމުން އަންނަ ކަމަށް ވެސް އަހުމަދު ވިދާޅުވިއެވެ.

މަސްމާރުކޭޓުގައި ފެންވަރައި ދަތް އުނގުޅާ ހަދާ މައްސަލައެއް މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ފެންމަތިވެފަ އެވެ. މާރުކޭޓުގައި ސާފުތާހިރުކަން ކުޑަ މައްސަލަ މީގެ ކުރިން ވެސް "ސަން"އިން ވާނީ އާންމުންގެ ސަމާލު ކަމަށް ގެނެސްފަ އެވެ. މާރުކޭޓުގައި ވިއްކާ މަސް ބަހައްޓަން އަށިތަކެއް ހަދާފައި ހުރި ނަމަވެސް މީހުންހިނގާ ސަރަހައްދުގައި ކިލާ ތަކާއެކު މަސްވިއްކަން ބަހައްޓާފައި ހުންނަކަން ފާހަގަކުރެވެއެވެ. ހަމައެއާއެކު އެތަނުގެ ވެންޓީލޭޝަންގެ ހާލަތު ވެސް ވަރަށް ދަށެވެ.