21 May 2016, 10:12
ކުރިޔަށްއޮތް އަހަރުތަކުގައި އިންސާނުންގެ ސިއްޙަތަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އެންޓިބަޔޮޓިކް އަށް ނުގުޑާ ބެކްޓީރިޔާތައް (އެންޓި ބަޔޮޓިކް ރެސިސްޓެންޓް ބެކްޓީރިޔާ) ކަމަށާއި މިއީ ބޭހެއް އީޖާދު ނުކުރެވިއްޖެ ނަމަ މިބިމުގައި އިންސާނީ ނަސްލު ނެތިގެން ދާވަރުގެ ބޮޑު ނުރައްކަލަކަށް ކުރިމަގުގައި ވެގެންދާނެ ކަމަށް ސިއްޙަތާ ބެހޭ ބައިނަލްއަގްވާމީ ތަޖްރިބާކާރުން އިންޒާރު ކުރައްވައިފި އެވެ.
ސިއްޙަތާ ބެހޭ ބައިނަލްއަގްވާމީ ތަޖްރިބާކާރުންނާ އަދި އިގްތިސާދީ ތަޖްރިބާކާރުން ހިމެނޭ ޓީމަކުން ކުރިޔަށް ހިނގާނެކަމަށް ބެލެވޭކަންކަމަށް ލަފާކޮށް ނެރެފައިވާ ރިޕޯޓެއް ބުނާގޮތުން އެންޓިބަޔޮޓިކް އަށް ނުގުޑާ ބާވަތުގެ ބެކްޓީރިޔާތަކުގެ ނުރައްކާ ދުނިޔޭގެ އެކިގައުމުތަކުން ދަނީ އިތުރުވަމުންނެވެ. މިއާ އެކު 2050 ވަނަ އަހަރާ ހަމައަށްދާ އިރު މިބާވަތުގެ ބެކްޓީރިޔާތަކުން ޖެހޭބަލިތަކުގައި އަހަރެއްގެ މައްޗަށް 10 މިލިޔަން އިންސާނުން މަރުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
މިބާވާތުގެ ބެކްޓީރިޔާއަށް ބޭހެއް ހޯދިދާނެކަމުގެ އުންމީދު ވަރަށް ކުޑަވެފައިވާއިރު އެމެރިކާގައި އެކަނި ވެސް އަހަރެއްގެ ތެރޭގައި ދެމިލިޔަން މީހުން މިފަދަ ބެކްޓީރިޔާގެ ޝިކާރައަކަށްވެ އޭގެތެރެއިން 23،000 މީހުން އަހަރެއްގެ ތެރޭގައި މަރުވާކަން އެމެރިކާގައި ދާދިފަހުން އާންމު ކުރި ތަފާސް ހިސާބުތަކުން ހާމަވެފައިވެ އެވެ. އެންޓިބަޔޮޓިކް އަށް ނުގުޑާ ބެކްޓީރިޔާ ނުވަތަ މައިކްރޯ އޮގަނިޒަމް އުފެދެމުންދަނީ ބެކްޓީރިޔާ އޭގެ ޒާތުގައި އޭތީގެ ދިފާއީ ބާރު ވަރުގަދަކޮށް ޑިވެލޮޕްވެ އިވޯލްވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.
މިގޮތަށް ދިމާވާ ސަބަބުތަކުގެ ތެރޭގައި ބެކްޓީރިޔާއިންޖެހޭ ބަލިތަކަށް (ބަލިމީހާއަށް) އެންޓިބަޔޮޓިކް ދިނުމުން އެބޭނުން ކުރަން ޑޮކްޓަރުން އިރުޝާދުދެއްވާ ގޮތަށް ގަވައިދުން އެންޓިބަޔޮޓިކް ބޭނުން ނުކުރެވުމާއި އަދި ބެލްޓީރިޔާ އިން ޖެހޭ އާދައިގެ ބަލިތަކާ ދެކޮޅަށް ވެސް ތަކުރާރުކޮށް އެންޓިބަޔޮޓިކް ބޭނުންކުރުން (މާގިނައިން އެންޓިބަޔޮޓިކް ބޭނުންކުރުން) ހިމެނޭކަމަށް ސިއްޙަތާބެހޭ ތަޖްރިބާކާރުން ވިދާޅުވެ އެވެ.
މި ރިޕޯޓް ބުނާ ގޮތުން ކުރިޔަށް އޮތް 15 ވަރަކަށް އަހަރު ތެރޭގައި ކެންސަރާއި އެއިޑްސް ބަލިފަދަ ބަލިތަކަށްވުރެ ވެސް އެންޓިބަޔޮޓިކް އަށް ނުގުޑާ ބެކްޓީރިޔާގެ ބާވަތްތަކުން އިންސާނުންގެ ސިއްޙަތަށް ނުރައްކާވާނެ އެވެ. ކެންސަރުގެ ގިނަ ބާވަތްތަކަށް މިހާރު ފަރުވާ އިޖާދުކޮށްފައިވާ އިރު ކުރިޔަށްއޮތް 10 ވަރަކަށް އަހަރުތެރޭގައި ކެންސަރަކީ ފަސޭހައިން އަދި ހެޔޮއަގުގައި ފަރުވާލިބިގެންދާނެ ބައްޔެއް ކަމަށް ސިއްޙަތާ ބެހޭ ތަޖްރިބާކާރުން ދެކެ އެވެ.
މިރިޕޯޓް ބުނާ ގޮތުން ބެކްޓީރިޔާ އަށް ނުގުޑާ ކެއްސުން ބައްޔާއި އެނޫންބަލިތަކަށް ކުރެވޭނެ މާބޮޑު ފަރުވާއެއް ނެތުމުން އެބަލިތަކުގައި މީހުން މަރުވާ އަދަދު ދަނީ ކޮންޓްރޯލެއްނެތި އިތުރުވަމުންނެވެ. މިރިޕޯޓް ގޮވާލަނީ އެންޓިބަޔޮޓިކް އަށް ނުގުޑާ ބެކްޓީރިޔާގެ ބާވަތްތަކުގެ ނުރައްކަލާބެހޭ ގޮތުން އަދުގެ ކުޑަކުދިންނާއި ޒުވާނުން ހޭލުންތެރި ކުރުމަށެވެ. މީގެއިތުރުން މިފަދަ ބެކްޓީރިޔާގެ ބާވަތްތަކާ އާ ދެކޮޅަށް ބޭހެއް އީޖާދު ކުރުމަށްޓަކައި ކުރާ ރީސާޗްތައް މިހާރަށް ވުރެ އިތުރު ކުރުމަށް ޓަކައި އެކަމަށްކުރާ ޚަރަދު އެތަށްގުނައަކަށް އިތުރު ކުރުމަށް ވެސް މި ރިޕޯޓް ގޮވާލާފައިވެ އެވެ.
އެންޓިބަޔޮޓިކް އަށް ނުގުޑާ ބެކްޓީރިޔާގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް މިހާރު ލިބޭ ގެއްލުންތައް ގާތްގަނޑަކަށް އަހަރަކު ފަސްވަރަކަށް ޓްރިލިޔަން ޑޮލަރަށް އަރާއިރު 2050 ވަނަ އަހަރާ ހަމައަށްދާއިރު މިފަދަ ބެކްޓީރިޔާއިން ދުނިޔޭގެ އިގްތިސާދަށް ލިބޭ ގެއްލުން 100 ޓްރިލިޔަން ޑޮލަރަށް އަރާނެކަމަށް ވެސް މިރިޕޯޓްގައި ތަޖްރިބަކާރުން އަންދާޒާކޮށްފައިވެ އެވެ. (ދި އިންޑިޕެންޑެންޓް)