21 May 2016, 09:11
ރެއާލް މެޑްރިޑުގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަކީ ލޯބިވެރިޔާއަށްވުރެ ވެސް ފުޓްބޯޅައަށް އިސްކަންދޭ ކުޅުންތެރިއެއް ކަމަށް ރެއާލްގެ ކުރީގެ ކޯޗު ކާލޯ އެންޗެލޮޓީ ބުނެފި އެވެ.
ރޮނާލްޑޯ ވަނީ އެންޗެލޮޓީގެ އިރުޝާދުގެ ދަށުން ދެ އަހަރު ދުވަހު ކުޅެ، 2014 ވަނަ އަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. ރެއާލްގެ ކޯޗުކަމުން އެންޗެލޮޓީ ދުރުކޮށްފައިވަނީ ޗެމްޕިއަންސް ލީގު ހޯދައިދިންތާ 12 މަސް ފަހުންނެވެ.
ރޮނާލްޑޯއާ ބެހޭގޮތުން އެންޗެލޮޓީ ބުނީ، މޮޑެލް އަދި ރޮނާލްޑޯގެ ކުރީގެ ލޯބިވެރިޔާ އިރީނާ ޝައިކް ގޭގައި ހުރި ކަމުގައި ވިޔަސް އޭނާ އެކަމުގައި މާ ބޮޑު ފަރުވާލެއް ނުބަހައްޓާ ކަމަށެވެ.
"ރޮނާލްޑޯއަކީ ފައިސާއަށް ވިސްނާ ކުޅުންތެރިއެއް ނޫން. އޭނާ ހަމައެކަނި ބޭނުންވާނީ އެންމެ ކުރީގައި ހުންނަން،" އެންޗެލޮޓީ ބުންޏެވެ.
މިދިޔަ އަހަރު ރެއާލްގެ ކޯޗުކަމުން ދުރުކުރި އެންޗެލޮޓީ، އަންނަ ސީޒަނުގައި ފެންނާނީ ޖަރުމަން ޗެމްޕިއަން ބަޔާން މިއުނިކުގެ ކޯޗުކަމުގެ މަގާމުންނެވެ.