21 May 2016, 09:02
ހއ. ހޯރަފުށީގައި އެއާޕޯޓެއް އަޅަން ނިންމާފައިވާކަން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިއުލާން ކުރައްވައިފި އެވެ.
އެމަނިކުފާނު އެކަން އިއުލާން ކުރެއްވީ، ރައީސްގެ ރިޔާސީ ދައުރު ދެބައިވުން ފާހަގަކުރުމަށް ބޭއްވި "ފަހި 913" ފެސްޓިވަލް ނިންމުމުގެ ގޮތުން ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، އެ ރަށުގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތަކީ ވަރަށް ބޮޑު އިސްކަމެއްދެއްވައިގެން ކުރަމުން އަންނަ ކަމެއް ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ރައީސް ނުދެއްވަ އެވެ.
ހޯރަފުށީގައި އެއާޕޯޓެއް އަޅާނެ ކަމަށް ރައީސް އިއުލާން ކުރެއްވި އިރު އުތުރު ދެ ރަށެއް ކަމަށްވާ ހދ. ކުޅުދުއްފުއްޓާއި ށ. ފުނަދޫ އެއާޕޯޓް އެޅުމަށް ވެސް މި ސަރުކާރުން ވަނީ ނިންމާފައިވެ އެވެ. ހދ. ކުޅުދުއްފުށީގައި އެއާޕޯޓެއް ހަދާއިރު، ހދ. ހަނިމާދޫގައި ވެސް އެއާޕޯޓެއް އޮވެ އެވެ.
ހއ. އަތޮޅުގެ ގިނަ ރަށްތަކަށް މިހާރު މީހުން ދަނީ ހދ. ހަނިމާދޫ އެއާޕޯޓް މަގުންނެވެ.
ދެހާސް ތޭރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމު މުހައްމަދު ވެސް ވިދާޅުވެފައި ވަނީ ހޯރަފުށީ ދާއިރާގައި އެއާޕޯޓެއް އަޅުއްވާނެ ކަމަށެވެ.
މިރޭ ރައީސް ޔާމީން ވަނީ މާދަމާރޭ އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގެ މަސަކަތްތައް ފަށަން ހަމަޖެހިފައިވާކަން ވެސް އިއުލާން ކުރައްވައިފަ އެވެ.