12 May 2011, 10:53
ކުޑަކުދިންނަށް އަނިޔާކުރާ ފަރާތްތަކަށް ހައްގު އަދަބު ލިބޭނެ މަގު މިހާރުން މިހާރަށް ތަނަވަސް ވާން ޖެހޭ ކަމަށް ހިއުމަންރައިޓްސް ކޮމިޝަނުން ބުނެފި އެވެ.
ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާ ސަބަތާ ގުޅިގެން ހިއުމަންރައިޓްސް ކޮމިޝަނުން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ކުޑަކުދިންގެ ދުވަހެއް ފާހަގަ ކުރަމުންދާ އިރު އެ ކުދިންނަށް ލިބިދޭން ޖެހޭ ހާއްސަ ރައްކާތެރިކަމާއި އަޅާލުން ދެވޭ މިންވަރާ މެދު ވިސްނައި ފިކުރުކޮށްލުމަކީ ޤައުމުގެ ކޮންމެ ފަރުދަކާއި ދަޢުލަތުގެ ކޮންމެ މުޢައްސަސާއަކުން ވެސް ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ.
"ކުށް ކުރާ ކުޑަކުދިން އަލުން މުޖްތަމަޢުއަށް ގެނައުމަށް އެފަދަ ކުށްތައް ކުރާ ބޮޑެތި މީހުންނާ ތަފާތު ނިޒާމެއްގެ ތެރެއިން މަސައްކަތްތަކެއް ކުރެވެން އެބަޖެހެއެވެ. އަދި މިފަދަ ކުދިންގެ ބެލެނިވެރިން ޒިންމާދާރު ކުރުވޭނެ ފަދަ އިންތިޒާމެއް ހަމަޖެހުން މުހިއްމެވެ. މިއާ އެކު ސްކޫލް މާހައުލަކީ އެކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ލިބިދެވޭ ތަނަކަށް ވެގެން ދާން އެބަޖެހެ އެވެ." އެ ބަޔާނުގައިވެ އެވެ.
ހިއުމަންރައިޓްސް ކޮމިޝަންގެ ބަޔާނުގައި ދަޢުލަތުގެ މުއައްސަސާތަކުން ކުޑަކުދިންނާ ގުޅޭ ގޮތުން ކުރާ ކޮންމެ މަސައްކަތެއްގައި، ކުދިންނަށް އެންމެ ފައިދާކުރާނެ ގޮތް އިސްކުރުމާ އެކު، އެކަމުގައި ޢާއްމު ފަރުދުން އަދާކުރަން ޖެހޭ މަސްޢޫލިއްޔަތުތައް އަދާކުރަމުން ދިއުން މުހިންމުކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ. އަދި ބެލެނިވެރިން ވެސް ދަރިން އުޅޭ ނޫޅޭ ގޮތްބަލައި ކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށް އިސްކަން ދިނުމަކީ ކުދިން ކުށްތަކަށް އަރައިގަތުމުން ދުރުހެލިކުރެވި، ރައްކާތެރިކަމާ އެކު ބޮޑުވުމަށް އެޅެން އޮތް އެއްމެ މުހިއްމު ފިޔަވަޅު ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"އިސްލާމީ ރިވެތި އުސޫލުތަކާ އެއްގޮތަށް ރަނގަޅު ތަޢުލީމަކާއި ތަރުބިއްޔަތެއް ލިބިގެން، އަނެކާއަށް އިޚްތިރާމްކުރާ ޚުލްޤު ހެޔޮ ޖީލެއްކަމުގައި ހެދުމަށް އެންމެން ގުޅިގެން މަސައްކަތްކުރަން އެބަ ޖެހެއެވެ. އެކުދިންނަކީ ރައްކާތެރިކަމާއެކު އަމާން މާހައުލެއްގައި ބޮޑުވާބައެއް ކަމުގައި ހަދަން އެބަޖެހެއެވެ. މިކަންކަން ކުރުމަށްޓަކައި ކޮންމެ ފަރާތަކުން ވެސް އަދާކުރަން ޖެހޭ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުން މަތީ ދެމިތިބެންޖެހޭނެ އެވެ." ހިއުމަން ރައިޓްސް ކޮމިޝަންގެ ބަޔާނުގައި ބުނެފައިވެ އެވެ.