21 May 2016, 12:37
އިޓަލީގެ ޔުވެންޓަސް އަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ފޯވާޑް ޕައުލް ޕޮގްބާ ބޭނުން ވަނީ ކުރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީ ފަދަ ކުޅުންތެރިންގެ ހުނަރު އެއްކޮށްލައި އެއަށް ވުރެ މޮޅު ފޯވާޑަކަށް ވާން ކަމަށް އޭނާ ބުނެފި އެވެ.
މެންޗެސްޓާ ޔުނައިޓެޑުން 2012 ވަނަ އަހަރު ޔުވެންޓަސް އަށް ބަދަލުވި ފަހުން ހަތަރު ފަހަރު ޔުވެންޓަސްއާ އެކު އިޓަލިއަން ސެރީއާ ކާމިޔާބުކޮށް، ހުނަރުވެރި މޮޅު ކުޅެމެއް ދައްކަމުން އަންނަ އުމުރުން 23 އަހަރުގެ ޕޮގްބާ ބުނީ، އޭނާ ބޭނުން ވަނީ ފުޓްބޯޅައިގެ އެންމެ އުސްމިނަށް އަރައި މުޅިން ފުރިހަމަ ކުޅުންތެރިއަކަށް ވުމަށް ކަމަށެވެ.
"އަހަރެން ބޭނުން ހުރިހާ ކަމެއް ކުރަން. ޑިފެންޑް ކުރަމުން، އެޓޭކް ކުރަމުން، ލަނޑު ޖަހަމުން، ޓެކުލްކޮށް ބޯޅަ ވެސް ހޯދަން. ކުރުގޮތަކަށް ބުނާ ނަމަ ބޭނުން ވަނީ ދަނޑުމަތީގެ ލީޑަރަކަށް ވާން،" އީއެސްޕީއެން އަށް ދިން އިންޓަވިއުއެއްގައި ޕޮގްބާ ބުންޏެވެ.
ޕޮގްބާ ބުނީ، އޭނާގެ ހުވަފެން ހަގީގަތަކަށް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެކަން ކޮންމެވެސް ވަރަކަށް ހާސިލުވަމުން އަންނަ ކަމުގެ އިހްސާސް ވެސް ކުރެވޭ ކަމަށެވެ.
"އަހަރެން އަދި ގަބޫލެއް ނުކުރަން އަހަރެންނަކީ ފުރިހަމަ ކުޅުންތެރިއެއް ކަމަކަށް. އަސްލު އަހަރެންނަށް އަދި އެއްވެސް ކަމެއް ނުކުރެވޭ. ފުޓްބޯޅައިގައި އަދި އެއްވެސް ކަމެއް ހާސިލުވީ ކަމަކަށް ނުދެކެން،" ޕޮގްބާ ބުންޏެވެ.
އޭނާ ބުނީ، އިޓަލީ ލީގު ކާމިޔާބު ކުރެވުނު ނަމަވެސް، ޗެމްޕިއަންސް ލީގާއި ވޯލްޑް ކަޕްގެ އިތުރުން ޔޫރޯ ވެސް އުފުލައިލުމުގެ ނަސީބު އަދި ނުލިބޭ ކަމަށާއި ކުރިއަށް އޮތް ޔޫރޯ ކާމިޔާބު ކުރެވިއްޖެ ނަމަ ކޮންމެވެސް ވަރެއްގެ ކާމިޔާބެއް ލިބުނީ ކަމަށް ބެލެވިދާނެ ކަމަށެވެ.
ޕޮގްބާގެ އެ އުންމީދު ފުރިހަމަކުރުމަށް ފްރާންސް އިން ޔޫރޯ އަށް ނެގި 23 ކުޅުންތެރިންގެ ސްކޮޑުގައި އޭނާ ހިމެނިފައިވާ އިރު، އެ މުބާރާތުގައި އެންމެ ބޮޑަށް ވިދާލާނެ އެއް ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ވަނީ ބެލެވިފަ އެވެ.