ސަރުކާރުގެ މަސައްކަތް އެއްކޮށް ނިމޭނީ ދުނިޔޭގެ އެންމެ ބޮޑު ކަނޑު، އެޓްލާންޓިކް ކަނޑު ހުރަސްކޮށް ޔޫރަޕާއި އެމެރިކާގެ ހިސާބުތަކަށް ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން ދަތުރުކުރާ ހިސާބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުއް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ދައުރު ދެ ބައިވުމާ ގުޅިގެން ކުރިއަށް ގެންދިޔަ "ފަހި 913"ގެ ހަރަކާތްތައް ނިންމުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޑޮމެސްޓިކް ސިވިލް އޭވިއޭޝަން އިންޑަސްޓްރީއަކީ މުސްތަގުބަލަށްބަލާއިރު ކާމިޔާބު އިންޑަސްޓްރީއެއް ނޫން ކަމަށެވެ. އެތެރޭގެ އުނދުހުންތަކާއެކު ފެށި މޯލްޑިވިއަންއާމެދު ކޮންމެ މީހަކު ވެސް ފަހުރުވެރިވާނެ ކަމަށް ރައީސް މިރޭ ވިދާޅުވި އެވެ.

"މޯލްޑިވިއަންގެ މަސައްކަތް އެ ދަނީ އެކި ހިސާބުތަކަށް ފުޅާކުރަމުން. އުދުއްސާ ފިޔަގަނޑު ފުޅާވަމުން އެ ދަނީ، އުދުއްސާ މިންވަރު މަތިވަމުން އެ ދަނީ. ދާ މަންޒިލްތައް އިތުރުވަމުން އެ ދަނީ. ޗައިނާއަށް ދަތުރު އެބަކުރޭ. ދެ އަހަރުގެ ބައިން އެކަމަކަށް ނުފެދޭ. އަޅުނގަޑުމެންގެ މަސައްކަތް ނިމޭނީ ފުޅާވެގެން ގޮސް އެޓްލާންޓިކް ކަނޑު ހުރަސްކޮށް ހިސާބަށް މޯލްޑިވިއަން އުދުހޭ ދުވަހުން،" ރައީސް ވިދާޅުވި އެވެ.

މޯލްޑިވިއަންއަށް 16 އަހަރުވެފައިވާއިރު، ޑޯނިއާ 228 މަރުކާގެ ދެ ބޯޓަކާއި ބޮމްބާޑިއާ ޑޭޝް 8 މަރުކާގެ އެއް ބޯޓާއެކު ފަށައިގަތް އެ ކުންފުނި، ރާއްޖޭގެ ތިން ޑޮމެސްޓިކް އެއާޕޯޓެއް ދަނީ ހިންގަމުންނެވެ. އަދި އެ ކުންފުނިން އަންނަނީ ފަސް ގައުމަކުން 20 މަންޒިލަކަށް ދަތުރުކުރަމުންނެވެ. ނަމަވެސް މެދު އިރުމަތީގެ ގައުމުތަކަށާއި ޔޫރަޕް އަދި އެމެރިކާގެ އެއްވެސް ގައުމަކަށް އަދި މޯލްޑިވިއަންގެ ދަތުރުތަކެއް ފަށާފައެއްނުވެ އެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ސަރުކާރުން ފަށާފައިވާ މަސައްކަތްތައް 913 ގެ ދެވަނަ ޓާމް ނިމުމުން ވެސް ނުނިމޭނެ ކަމަށެވެ. އެގޮތުން، އެމަނިކުފާނު ވަނީ އެކި ދާއިރާތަކަށް ވަކިވަކިން އިޝާރާތްކުރައްވައި ސަރުކާރުގެ މަސައްކަތް ނިމޭނެ ހިސާބު ހިއްސާކޮށްފަ އެވެ.

ރައީސް ޔާމީން ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރާއި ބައިގެ ތެރޭގައި އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތްއެއްކޮށް ނިމި ބޭސްފަރުވާގެ ހިދުމަތްދޭން ފެށައި ސަރަހައްދުގައި ލިބޭ އެންމެ މަތީގެ ފެންވަރުގެ ބޭސްފަރުވާ ރައްޔިތުންނަށް ލިބޭތަން ބަލަން ބޭނުންފުޅުވާ ކަމަށެވެ.

އަވަށްޓެރި ގައުމުތަކުންނާއި ދުރު ގައުމުތަކުގެ ރައްޔިތުން ވެސް ރާއްޖެއަށް ސިއްހީ ފަރުވާއަށް އަންނަ ދުވަހަކީ ސަރުކާރުގެ އަމާޒު ހާސިލްވާނެ ދުވަސް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުޓްސަލް ދަނޑުތަކާއި ބަށި ކޯޓުތަކާއި ކުޅިވަރު އެރީނާތައް ކުރިއަށް އޮތް ދެ އަހަރާ ބައިގެ ތެރޭގައި އަޅާ ނިމުނު ނަމަވެސް، އެކަން ނިމުނު ކަމަށް ވާނީ ސަރަހައްދުގެ ގައުމީ މުބާރާތްތަކުގައި ދިވެހި އެތްލީޓުން ބައިވެރިވެ، ރާއްޖެއަކީ ކުޅިވަރުގައި ވަރުގަދަ ގައުމަށްވުމުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އަދުލު އިންސާފަކީ ކޮންމެ މީހަކު ވެސް ބޭނުންވާ ކަމެއް ކަމަށާއި ރައްޔިތުން އިތުބާރުކުރާ އަދުލު އިންސާފުގެ ދާއިރާ ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އިތުބާރު ހުރި އަދުލު އިންސާފެއް ގާއިމްކުރުމުން ސަރުކާރުގެ މަސައްކަތް ނިމުނީ ކަމަށެވެ.

ހުޅުމާލޭގައި އަޅާ މެރީނާތަކަކީ އެންމެ މުއްސަނދި މީހުންނަށް ވެސް މަގުބޫލުތަނަކަށްވުމާއި ރާއްޖެއަކީ އެންމެ ގިނަ މީހުން އަންނަ ބޭނުންވާ "މަދީނާ"އަކަށް ވެގެން ދިޔުމަކީ އުއްމީދު ކުރައްވާ ކަމެއް ކަމަށް ވެސް ރައީސް ޔާމީން މިރޭ ވިދާޅުވި އެވެ. އަދި އެކަން ހާސިލްވުމުން ސަރުކާރުގެ މަސައްކަތް ނިމުނީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގެ ބައިނަލްއަގްވާމީ އެއާޕޯޓު ތަރައްގީގެ މަޝްރޫއަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، އެއާޕޯޓް ނިމުމުން ސިންގަޕޫރު އަދި ދުބާއީގައި ދޭ ހިދުމަތްތަކާ ރާއްޖެއާ އަޅާކިޔާލުމުން ސަރުކާރުގެ މަސައްކަތް އެ ދާއިރާއިން ނިމުނީ ކަމަށެވެ.

ތައުލީމީ ދާއިރާއިން ދިވެހި ޓީޗަރުން ކިޔަވައި ދޭ ދަރިވަރުން ބޭރުގެ ޔުނިވާސިޓީތަކުން ރަންވަނަތައް ހޯދުމާއި ސަރުކާރުގެ ޒުވާނުން ގެދޮރުވެރިކުރުވުމުގެ ޕްރޮގްރާމްގެ ތެރެއިން ޒުވާނުންނަށް އުފާވެރިކަމާއެކީގައި ގެދޮރުވެރިކަމުގެ ހިޔާ ލިބޭ ދުވަހަކީ ސަރުކާރުގެ މަސައްކަތް ނިމޭނެ ދުވަސް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.