21 May 2016, 02:45
ރާއްޖޭން ބޭރުގައި ތިބެ ރާއްޖޭގެ އިގްތިސާދު ހަލާކޮށް، ގައުމަށް ގައްދާރުވާ މީހުންނަށް ދިވެހި ރައްޔިތުން "ޓާޓާ" ބުނަންޖެހޭ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީންގެ ވެރިކަމުގެ ދައުރު ދެ ބައިވުމާ ގުޅިގެން ކުރިއަށް ގެންދިޔަ "ފަހި 913"ގެ ހަރަކާތްތައް ނިންމުމަށް ދަރުބާރު ގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ، ދިވެހި މުޖުތަމައުގެ ތެރޭގައި ދިވެހިންނަށް ދެރަގޮތް ހަދައި ދިވެހިންނާ ދުޝްމަނު ބަޔަކު އުޅޭ ކަމަށެވެ.
އެގޮތުން، ރާއްޖޭން ބޭރުގެ ގައުމުތަކުގައި ތިބެގެން ރާއްޖެ ބަދުނާމުކޮށް ރާއްޖޭގެ އިގްތިސާދު ފުޑުފުޑުކޮށްލަން ކެނޑިނޭޅި ބަޔަކު މަސައްކަތް ކުރަމުންދާއިރު އެފަދަ މީހުން ރާއްޖެ އައުމުގެ ޖާގަ ގާނޫނު އަސާސީން ދީގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދިވެހި ރައްޔިތަކަށްވާނަމަ އެފަދަ މީހުންނަށް ނޫނެކޭ ބުނަންޖެހޭ، އެފަދަ މީހުންނަށް ޓާޓާ ބުނަން ޖެހޭ. އެފަދަ މީހުންނަށް ދިވެހިރާއްޖެއަށް އައުމުގެ ޖާގަ ގާނޫނު އަސާސީން ދީގެންވެސް ނުވާނެ. ރާއްޖެއަށް ގައްދާރުވާ ބޭފުޅަކު ރާއްޖެއަށް ނައުމަށްޓަކާ އައިސް ނޫޅުމަށްޓަކާ ގާނޫނެއް ހަދަންޖެހޭ،" ސިޔާމް ވިދާޅުވި އެވެ.
އެމްޑީއޭގެ ލީޑަރު ވިދާޅުވީ ސަރުކާރުން ކުރަމުންގެންދާ ކަންތައްތަކުގެ ސަބަބުން ރާއްޖެ ބާރަށް ކުރި އަރައި ރައްޔިތުން ބޭނުންވާ ކަންތައްތައް ފުއްދައި ދެމުންދާތީ، އެކަން "ހަޖަމް" ނުކުރެވިގެން ހަސަދަވެރިވާ ބަޔަކު އެބަތިބި ކަމަށެވެ.
ރައީސަކަށް ހުންނެވީ ދިވެހިން ބޭނުންވެގެން އުޅުނުފަދަ ރައީސެއް ކަމަށް ފާހަގަކުރައްވައި ސިޔާމް ވިދާޅުވީ، ސިންގަޕޫރުފަދަ ގައުމަކަށް ރާއްޖެ ހެދޭނީ "ގަޓު" ހުރި ރައީސަކާ އެކުގައި ކަމަށެވެ.