އެމެރިކާގެ ރައީސް ރަސްމީ ގެކޮޅު ވައިޓް ހައުސްގެ ކައިރީގައި ހަތިޔާރު އަޅައިގެން ހުރި މީހެއްގެ ގަޔަށް ބަޑި ޖަހައި، ޒަހަމްކޮށްލައިފި އެވެ.

ވައިޓް ހައުސްއަށް ހަމަލާން ދޭން އުޅުނު ކަމަށް ތުހުމަތު ކުރެވިގެން ބަޑި ޖަހައި ޒަހަމްކޮށްލި މީހާއަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފަ އެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އޭނާގެ ގަޔަށް ބަޑި ޖެހީ ވައިޓް ހައުސްގެ ސެކިއުރިޓީ ޗެކްޕޮއިންޓަށް އައިސް ބަޑިއެއް ދެއްކުމުންނެވެ. އޭނާގެ ގަޔަށް ބަޑި ޖެހީ ސީކްރެޓް ސާވިސްގެ އެޖެންޓުންނެވެ.

އެ ހާދިސާއާ ގުޅިގެން ވައިޓް ހައުސް ސަރަހައްދު ވަނީ ބަންދުކޮށްފަ އެވެ. އަދި ފުލުހުން ދަނީ އެ ސަރަހައްދުގެ އަމަން ބަލަހައްޓަމުންނެވެ.

ހާދިސާ ހިނގި ވަގުތު އެމެރިކާގެ ރައީސް ބަރަކް އޮބާމާ ގެކޮޅުގައި ނޫޅުއްވަ އެވެ. ނަމަވެސް އެވަގުތު ނައިބް ރައީސް، ޖޯ ބައިޑަން ހުންނެވީ ވައިޓް ހައުސްގަ އެވެ. އޮބާމާ ވަޑައިގެންނެވީ މެރީލޭންޑަށް ގޯލްފު ކުޅުއްވުމަށެވެ.