ސަރުކާރުގެ ދެ އަހަރާ ބައިގައި ސަރުކާރުން ފައްޓާފައިވާ މަސައްކަތްތައް ފަސް އަހަރުގެ ދައުރަކުން އެއްކޮށް ނިންމައެއް ނުލެވޭނެ ކަމަށާއި ނަމަވެސް އެއްވެސް ގޮތަކަށް ރާއްޖޭގެ ވެރިކަން ބޭނުންފުޅުވެގެން ނޫޅުއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުއް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސްގެ ރިޔާސީ ދައުރު ދެ ބައިވުން ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި "ފަަހި 913"ގެ ހަރަކާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ތައުލީމު ހާސިލް ކުރައްވަން އުޅުއްވި ދުވަސްވަރުން ފެށިގެން ދެކެމުން އައި ހުވަފެނަކީ "ކަންކަން ނިންމުމުގެ ބާރުވެރި" މަގާމަކަށް އައުން ކަމަށެވެ.

ނަމަވެސް، އެއްވެސް ގޮތަކަށް ވެރިކަން ބޭނުންވެގެން ނޫޅުއްވާ ކަމަށާއި ވެރިކަން ގެއްލިގެން ލޮލު ފިޔަ ނުޖެހިގެން އުޅެން ނުޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުނގަޑަކީ ހަމަ އެއްގޮތަކަށް ވެސް މި ދަންނަވަނީ ދިވެހި ރައްޔިތުންގެ ކުރިމަތީގައި ވެރިކަން ކުރަން އުޅޭ މީހެއް ނޫން. އަޅުނގަޑަކަށް ހަމަ ލޮލު ފިޔަ އެއްވެސް ނުނިދި ހަމަގައިމު ވެސް ނުދާނެ ވެރިކަން ނެތިގެންނެއް،" ރައީސް ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ވެރިކަމަށް އައުމަށް އެމަނިކުފާނު ކެމްޕޭން ކުރައްވާތީ ވާދަވެރި ބޭފުޅުން އެކަމަށް ހިތްބަރު ނުކެރެއްވުމަށް އެދިވަޑައިގެންފަ އެވެ.

"އެހެން ބޭފުޅުން ވެސް ކެމްޕޭން ކުރައްވަންވީ، އެހެން ބޭފުޅުން ކެމްޕޭން ކުރައްވަން ރާއްޖޭގެ ރައްޔިތުންގެ ވޯޓު ބޭނުންފުޅު ކަމަށްވަންޏާ ރާއްޖެ ވަޑައިގެން އެބޭފުޅުން ކޮށްދެއްވާނެ ކަންކަމާ މިހާތަނަށް ކޮށްދެއްވާފައިވާ ކަންތަކުގެ ވާހަކަ ވިދާޅުވާށޭ. އެއަށް ޖާގަ އެބޭފުޅުންނަށް ލިބިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި އުސޫލްތަކެއް ދެމެހެއްޓުމަށް އެއްވެސް މީހަކު އިސްތިސްނާ ނުކޮށް ގާނޫނު ބާރު ހިންގަން ޖެހޭ ކަމަށް ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ ސަރުކާރުގެ ވޭތުވެދިޔަ ދެ އަހަރާ ބައިގައި ސަރުކާރުގައި މަސައްކަތް ކުރައްވާ އެކި ސަބަބުތަކާ ހުރެ ސަރުކާރުން ވަކިވެވަޑައިގަންނަވާފައިވާ ބައެއް ބޭފުޅުންނާއި ރައީސް ނަޝީދަށާއި އިދިކޮޅު އެމްޑީޕީގެ އިސް ބޭފުޅުންނަށް ވެސް ތަސައްލީ ލިބެން އެމަނިކުފާނު ބޭނުންފުޅުވާ ކަމަށެވެ.

ނަމަވެސް، އުސޫލުތަކަށް ތަބާވުމަކީ އެންމެން ގަބޫލުކުރާ ކަމެއް ކަމަށާއި އިސްތިސްނާއެއް ނެތި ގާނޫނުގެ ބާރު އެބޭފުޅުންގެ މައްޗަށް ހިންގާތީ އެމަނިކުފާނުގެ މައްޗަށް ހިތްބަރު ނުކުރެއްވުން އެދޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

މީގެ އިތުރުން، ޒުވާނުންގެ ތެރެއިން ކުށްކޮށްފައިވާ ބައެއް ޒުވާނުން އޮބްޒަވޭޝަންގައި ގެންގުޅޭތީ އެ ޒުވާނުންގެ ކިބައިންނާއި ރިސޯޓް ހަދަން ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން އެ ރަށެއް ހަދަން ނުފަށައިގެން ޖޫރިމަނާއެއް ނަގަމުންދާތީ އެކަމަށް ހިތްބަރު ނުކުރުމަށް ރައީސް ޔާމީން ވަނީ އެދިވަޑައިގެންފަ އެވެ.

ރައީސްގެ މިރޭގެ ވާހަކަފުޅުގައި ސިއްހީ އަދި ތައުލީމީ ދާއިރާ އާއި އަދުލު އިންސާފުގެ ދާއިރާގެ އިތުރުން ޒުވާނުންނަށް ސަރުކާރުން ކޮށްދެއްވަން ފައްޓަވާފައިވާ މަސައްކަތްތައް ނުނިމޭ ކަމަށް އިޝާރާތްކުރައްވާ ވާހަކަފުޅުދައްކަވާފަ އެވެ.