އާއިލާއިން ތަހަންމަލް ކުރަންޖެހުނު ހިތްދަތިކަންތަކާ ގުޅިގެން ސިޔާސީ ދާއިރާއިން ދުރަށް ދިއުމަށް އަނބިކަނބަލުން ފާތުމަތު އިބްރާހިމް ބާރު އެޅުއްވި ކަމަށާއި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސިޔާސީ މަސައްކަތުގައި "އެންމެ ވަރުގަދައަށް" މިހާރު މަސައްކަތްޕުޅު ކުރައްވަނީ އެކަމަނާ ކަަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ދައުރު ދެ ބައިވުމާ ގުޅިގެން ކުރިއަށް ގެންދިޔަ "ފަހި 913"ގެ ހަރަކާތްތައް ނިންމުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސިޔާސީ ދާއިރާއިން ދުރަށް ވަޑައިގަތުމަށް އަނބިކަނބަލުންނާއެކު ދޮށީ ދެ ދަރިން ވެސް އެދިވަޑައިގެންނެވި ކަމަށެވެ.

އެމަނިކުފާނު މިރޭ ވިދާޅުވީ އެ ވާހަކައަކީ އާއިލާގެ "ވަރަށް އެތެރޭގެ" ވާހަކައެއް ކަމަށެވެ.

"އަޅުގަނޑު ދަރިވަރުވީ ރައީސް މައުމޫންގެ މަދުރަސާއިން. އަޅުގަނޑު ވަޒީރުކަން ކުރަމުން ގޮއްސަ، އަޅުގަނޑުގެ ވަޒީރުކަމުގެ ފަހު ދުވަސްކޮޅުން ފެށިގެން ދެން ރާއްޖެއަށް ވެރިވެގެން މިދިޔަ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި އެންމެ ބޮޑު އަގެއް ދައްކަން ޖެހުނު އެކަކަށް އަޅުގަނޑު ވެގެން ދިޔަ. ވަރަށް ހިތްދަތި ދުވަސްތަކެއް އަޅުގަނޑުމެން ހޭދަކުރީމު. އެވާހަކަ ދެއްކުމެއް ނޫން މީގެ ބޭނުމަކަށް ވަނީ...،" ރައީސް ޔާމީން ވިދާޅުވި އެވެ.

"ފުރޮޅިގެން ދިޔަ ގޮތް ދަންނަވާލަން ބޭނުންވަނީ."

ރައީސް ޔާމީން ވިދާޅުވީ ސިޔާސީ ދާއިރާގައި ދިމާވި ގޮންޖެހުންތަކުގައި "ކޮންމެ ދުވަހަކު" ކަހަލަ ގޮތަކަށް އެމަނިކުފާނުގެ އާއިލާއިން "ހިތްދަތިކަން ތަހަންމަލް ކުރަންޖެހުނު" ކަމަށެވެ.

ރައީސް ޔާމީންގެ ދެކަނބަލުންނަށް ތިން ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ. އެއީ ދެ ފިރިހެން ބޭފުޅުންނާއި އަންހެން ބޭފުޅެކެވެ.

"އަޅުގަނޑު ސިޔާސީ ހަރަކާތުން ރިޓަޔާކުރަން، ނޫޅެން އެންމެ ބޮޑަށް ބާރުއަޅަމުން ގެންދިޔައީ މިއަދުގެ ފަސްޓް ލޭޑީ. ހަމައެއާއެކު އަޅުގަނޑު ބޮޑު ދެ ކުދިން ވެސް އެއްގޮތަކަށް ވެސް ބޭނުމެއް ނުވޭ، އަޅުގަނޑު ސިޔާސީ ހަޔާތުގައި ކުރިއަށްދާކަށް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް އިޝާރާތް ކުރެއްވި ހިތްދަތި ދުވަސްތަކަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނު ހައްޔަރުކޮށް، އާރަށުގައި ބަންދު ކުރުމުން އާއިލާއަށް ދިމާވި ހިތްދަތި ދުވަސްތަކުގެ ވާހަކަ ކަމަށް ބެލެވެ އެވެ. ދެހާސްދިހަ ވަނަ އަހަރު ރައީސް ޔާމީން ހައްޔަރުކޮށްގެން ފުލުހުން ގެންދިޔަ ދުވަހު، ތުއްތު ދަރިކަލުން ސާޖިދު އަބްދުﷲ ޔާމިން އެމަނިކުފާނަށް ކަޅިހަމަ ކުރައްވައިގެން ހުރެ ކަރުނަ އަޅައި ރޯންފެށި ވާހަކަ ބަންދުގެ މުއްދަތުގެ ޝަރީއަތުގައި ރައީސް ޔާމީން އޭރު ކިޔައިދެއްވި އެވެ. ސުޕްރީމް ކޯޓުގައި ބޭއްވި ޝަރީއަތެއްގައި އެ ވާހަކަފުޅު ކިޔައިދެއްވި ދުވަހު ރައީސް ޔާމީނަށް ކީރިތި ކުރެވިގެން، ވާހަކަފުޅު ކުރިއަށް ނުގެންދެވިގެން ގޮނޑީގައި އިށީންނެވި އެވެ.

އެމަނިކުފާނު އެ ވާހަކަ ޝަރީއަތުގައި އެ ދުވަހު ވިދާޅުވާން ޖެހުނީ ފުލުހުން އެމަނިކުފާނު ގެއަށް ވަދެ، ހައްޔަރު ކުރި ގޮތް ކިޔައިދޭން ޖެހުމުންނެވެ.

ކަންކަން ބަދަލުވެ، ފުރޮޅިގެން ގޮސްފި ކަމަށް ވިދާޅުވެ، އަނބިކަނބަލުންނަށް ތައުރީފު ކުރައްވައި ރައީސް ޔާމީން މިރޭ ވިދާޅުވީ އެމަނިކުފާނުގެ ސިޔާސީ މަސައްކަތުގައި އެންމެ ވަރުގަދައަށް މިއަދު މަސައްކަތްޕުޅު ކުރައްވަނީ މެޑަމް ފާތުން ކަމަށެވެ.

"އެއީ މާޒީ. ދަންނަވާލަން ބޭނުންވަނީ މި އުޅޭ ވާހަކައަކީ ކަންތައްތައް ބަދަލުވެގެން މިދާ ގޮތް. ކަންތައްތައް ބަދަލުވެގެންދާއިރު އަޅުގަނޑުގެ ސިޔާސީ މަސައްކަތުގައި އެންމެ ވަރުގަދައަށް، އެންމެ ވަރުގަދައަށް، މަސައްކަތްޕުޅު ކުރައްވަނީ ފަސްޓްލޭޑީ،" ރައީސް ޔާމީން ވިދާޅުވި އެވެ.