ޔޫރަޕްގެ ފުޓްބޯޅަ ސީޒަން ނިންމާލުމަށް ފަހު ޔޫރޯއަށް ތައްޔާރުވުމުގެ ކުރިން ގިނަ ކުޅުންތެރިން އަރާމްކޮށް ޗުއްޓީ ހޭދަކޮށްލަން ދުނިޔޭގެ އެކި ހިސާބުތަކުގެ ހިތްގައިމު މަންޒިލްތައް ހިޔާރުކުރަމުންދާ މި ދަނޑިވަޅުގައި އާސެނަލްގެ ޖަރުމަނު ތަރި ހިޔާރު ކުރީ އުމްރާ އަށް ދިއުމަށެވެ.

އެކުވެރި އަރިބި އިމާރާތުގެ ސަރަޖަހް ނިއުސް އިން ރިޕޯޓް ކުރި ގޮތުގައި ސީޒަން ނިންމާލުމަށް ފަހު މިދިޔަ ހޯމަ ދުވަހު މެދުއިރުމައްޗަށް ކުރި ދަތުރުގައި އޮޒިލް ވަނީ އިއްޔެ ސައުދީ އަރަބިއްޔާގެ މައްކާ އަށް ގޮސް ކުރު އުމުރާ އެއް ފުރިހަމަ ކޮށްފައެވެ.

މީގެ އިތުރުން އޮޒިލް ވަނީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ސޫރިއާގެ ގިނަ އަދަދެއްގެ ކުޑަކުދިން ދިރިއުޅެމުންދާ އުރުދުންގެ ޒާޓަރީ ރެފިއުޖީ ކޭމްޕަށް ޒިޔާރަތްކޮށް އެ ކުދިންނާއެކު ފުޓްބޯޅަ މެޗެއް ކުޅެ އެ ކުދިންނަށް ގިނަ އަދަދެއްގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މެދު އިރުމައްޗަށް ކުރަމުންދާ ދަތުރުގައި އޮޒިލް ސީރިއާގެ މުސްލިމު ކުޑަކުދިން ތަކަކާއި އެކު --- ފޮޓޯ: ޓިވިޓާ

އާސެނަލް ލީގުގެ ދެ ވަނާގައި މި ސީޒަން ނިންމާލުމުގައި މުހިންމު ދައުރެއް އޮޒިލް އަދާކުރިއިރު އޭނާ ވަނީ މި ސީޒަނުގައި އެ ޓީމްގެ އެންމެ ގިނަ ގޯލު ޖަހަން އެހީތެރިވި ކުޅުންތެރިއާއަށް ވެސް ވެފައެވެ. ނަތީޖާއެއްގެ ގޮތުން އޮޒިލް ވެގެން ގޮސްފައި ވަނީ އެ ޓީމްގެ ސަޕޯޓަރުން ހޮވި ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިއާގެ އެވޯޑް ވެސް ހާސިލް ކޮށްފަ އެވެ.

މި ވަގުތު ދުބާއީގައި ހުރި އޮޒިލް ވަނީ އަންނަ މަހު 10 ގައި ފްރާންސްގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ޖަރުމަނުން ނެގި 27 ކުޅުންތެރިންގެ ސްކޮޑުގައި ވެސް ހިމެނިފައެވެ.