ޑެސްކްޓޮޕް ޕީސީ ތަކަށް ސަން ގައި ޝާއިއު ކުރާ ޚަބަރު ތަކުގެ ސުރުޚީތައް ފޮނުވައިދިނުމުގެ ޚިދުމަތް ސަން އޮންލައިން އިން ރޭ ތަޢާރަފުކޮށްފި އެވެ. މި ޚިދުމަތް ތަޢާރަފު ކުރުމުން ޑެސްކްޓޮޕް ޕިސީ އާއި ލެޕްޓޮޕް ތަކުން ގޫގުލް ކްރޯމް، ފަޔަރ ފޮކްސް އަދި ސަފާރީ މެދުވެރިކޮށް އިންޓަނެޓު ބޭނުން ކުރާ ފަރާތްތަކަށް ސަންގެ ނިއުސް އެލާޓް ލިބެމުން ދާނެ އެވެ.

އިއުލާނާއި އެނައުންސްމެންޓް އަދި ވަޒީފާގެ ފުރުސަތުތައް ފަދަ މުހިންމު މައުލޫމާތު ތަކަށް ޚާއްސަކޮށްގެން ރޭ ސަން މީޑިއާ އިން ތަޢާރަފު ކުރި "ސަން ލިސްޓް" އާ އެކު ތައާރަފު ކުރި މި ޚިދުމަތުގެ ސަބަބުން، ޚަބަރާއި މައުލޫމާތު ހޯދައި އަޕްޑޭޓްވެ ތިބުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ފަސޭހަ ކަމެއް ލިބިގެން ދާނެ އެވެ.

މި ޚިދުމަތާ ގުޅޭ ގޮތުން ސަން ގެ އިންހައުސް ޑިވެލޮޕިން ޓީމުގެ ޑިވެލޮޕަރ އަބްދުﷲ އަލްޒަމް ވިދާޅުވީ، ޑެސްކްޓޮޕް ޕީސީ ތަކުން ގޫގަލް ކްރޯމް، ފަޔާފޮކްސް ނުވަތަ ސަފާރީ މެދުވެރިކޮށް ސަން އޮންލައިން އަށް ވަނުމުން ސަންގެ ނޯޓިފިކޭޝަންއާ ގުޅޭ ކުޑަކުޑަ ވިންޑޯއެއް މަތީ ކަނަށް އަރާނެ ކަމަށެވެ. ސަން ގެ ޚަބަރު ތަކުގެ ނޯޓިފިކޭޝަން ޕީސީ އަށް ލިބިވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން އެ ވިންޑޯ މެދުވެރިކުރައްވައި ނޯޓިފިކޭޝަން "އެލައު" ކުރައްވަން ޖެހިވަޑައިގަންނަވާނެ އެވެ.

އަލްޒަމް ވިދާޅުވީ ނޯޓިފިކޭޝަން "އެލައު" ކުރައްވަން ޖެހިވަޑައިގަންނަވާނީ އެއް ފަހަރު ކަމަށާއި އޭގެ ފަހުން ސަން އިން ޝާއިއު ކުރަމުން ގެންދާ ޚަބަރުތަކުގެ ނޯޓިފިކޭޝަން ޕީސީގެ ތިރިއަށް ކުޑަކުޑަ ވިންޑޯއެއް މެދުވެރިކޮށް އަރަމުންދާނޭ ކަމަށެވެ.

ސަން މީޑިއާ އިން އަލަށް މި ތަޢާރަފު ކުރި ޚިދުމަތާ ގުޅޭ ގޮތުން ސަން މީޑިއާ ގުރޫޕުގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު މުހައްމަދު (ހިރިގާ) ވިދާޅުވީ ރާއްޖޭގައި މި ވަގުތު އޮތް އެންމެ ބޮޑު އޮންލައިން ނޫހުގެ ހައިސިއްޔަތުން ޚަބަރާއި މައުލޫމާތު ފަސޭހަ ކަމާ އެކު ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދެއްވުމަކީ ސަން ގެ ޒިންމާއެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެ ގޮތުން ތެދު މައުލޫމާތު އިތުބާރާ އެކު ގެނެސްދިނުމަށް ސަން އިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަން އިން އަލަށް މި ތަޢާރަފުކުރި ޚިދުމަތާ ގުޅޭ ގޮތުން ސަން މީޑިއާ ގުރޫޕުގެ ޖެނެރަލް މެނޭޖަރު ސޭލްސް އެންޑް މާކެޓިން މިންހާ ފާއިޒް ރަޝާދު ވިދާޅުވީ، ޚަބަރާއި މައުލޫމާތު ފެތުރުމުގެ ތެރެއިން މާކެޓަށް އަންނަ ބަދަލުތައް ދިރާސާކޮށް، އެ އިރަކަށް ގެންނާން ޖެހޭ ޒަމާނީ ބަދަލުތައް ގެނައުމަށް ސަން އިން އަބަދުވެސް މަސައްކަތް ކުރާ ކަމަށާއި ފަސޭހަ ކަމާ އެކު މައުލޫމާތު ލިބިދިނުމަކީ ސަންގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ.

"އެކި ބްރައުޒަރތައް ހުޅުވައި، މިނިމައިޒްކޮށްލައިގެން ތިބުމަކީ މިއަދު ހުރިހާ މާހައުލެއްގައި ވެސް އާންމު ކަމެއް. ވަކީން ޚާއްސަކޮށް ދިވެހީންގެ މަސައްކަތު މާހައުލުގައި އެކަން މި އޮތީ ސްޓައިލް އަކަށް ވެފައި. އެ ގޮތުން އެންމެ ގިނަ ބަޔަކު ހުޅުވައި މިނިމައިޒް ކޮށްލައިގެން ތިބޭ ބްރައުޒަރ ތަކަށް އެބަވޭ ރާއްޖޭގެ އޮންލައިން ނޫސްތައް. ސަން ގެ ނިއުސް ނޯޓިފިކޭޝަން އެކްޓިވް ކުރެއްވުުމުން އިރު އިރު ކޮޅާ އާ ޚަބަރެއް ސަން އަށް އަރުވައިފިތޯ ބައްލަވަން ސައިޓްގެ ބްރައުޒަރ ހުޅުވާކަށް ނުޖެހޭނެ. ކޮންމެ އާ ޚަބަރަކާ އެކު ޕީސީގެ ތިރިއަށް ނޯޓިފިކޭޝަން އަރަމުން ދާނެ،" މިންހާ ވިދާޅުވި އެވެ.

މިންހާ ވިދާޅުވީ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ޚަބަރާއި މައުލޫމާތު ފަސޭހަ ކަމާ އެކު ގެނެސްދިނުމަށް އިތުރު ފީޗާތައް ވެސް ސަން އިން ވަރަށް އަވަހަށް ތައާރަފު ކުރަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ޑެސްކްޓޮޕް ޕީސީ ތަކަށް ޚަބަރު ނޯޓިފިކޭޝަން ފޮނުވައިދިނުމުގެ ޚިދުމަތް އިއްޔެ ސަން އިން ފެށި އިރު، މޯބައިލް ފޯނުތަކަށް ޚަބަރު އެލާޓް ފޮނުވައިދޭ ޚިދުމަތް ވެސް ސަން އޮންލައިން އިން އަންނަނީ ދެމުންނެވެ. އަދި އެ ޚިދުމަތް ރާއްޖެ އަށް އަލަށް ތަޢާރަފު ކުރީ ވެސް ސަން އިންނެވެ. ސަން އޮންލައިން އަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ގިނަ މީހުންނަ ވަންނަ ވެބްސައިޓެވެ.