މާފުށީ ޖަލުގެ ގައިދީންތަކަކަށް ފޯނާއި ބެޓެރީތަކެއް އެތެރެކޮށްދޭން އުޅުނު ކަމަށް ބުނާ ފުލުހެއްގެ މައްސަލަ ޑިޕާޓްމަންޓް އޮފް ރިހެބިލިޓޭޝަން ސާވިސަސް (ޑީޕީއާރުއެސް) އިން ބަލަން ފަށައިފި އެވެ.

ޑީޕީއާރުއެސްގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ރަޝީދު ވިދާޅުވީ ޗާޖްކޮށްފައި އޮތް ދެ ތިން ބެޓެރީ އަކާއި ފޯނެއް ރޭ މާފުށީ ޖަލަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައިވާ މައްސަލައެއް ބަލަން ފަށާފައިވާ ކަމަށެވެ. އަދި އެކަން ހިނގި ގޮތް ރަނގަޅަށް ސާފު ވާނީ ހާދިސާ ރިޕޯޓު ލިބުމުން ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވެސް ވަނީ އެކަން ކަށަވަރު ކޮށްދެއްވައިފަ އެވެ.

ރަޝީދު ވިދާޅުވީ މާފުށީ ޖަލުގެ އެއްބައި މިހާރު ބޭނުން ކުރަމުންދަނީ ފުލުހުން ކަމަށާއި އެ ގޮތުން ޔުނިޓް ދޭއްގެ އެއްފަޅީގައި ފުލުހުންގެ ތަހުގީގަށް ހައްޔަރުކޮށްފައި ތިބޭ މީހުން ބަލަހައްޓަމުން ގެންދާ ކަމަށެވެ. އަދި މިހާރު މާފުށީ ޖަލު ބޭނުން ކުރަމުންދާ އެންމެން ވެސް ބޭނުން ކުރަނީ އެއްގޭޓެއް ކަމަށެވެ.