ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނެޓްބޯލް އެސޯސިއޭޝަންގެ ފަރާތުން އިންތިޒާމް ކޮށްގެން ކުޑަކުދިންނަށް ނެޓްބޯޅަ ދަސްކޮށްދިނުމުގެ ގޮތުން ފެސްޓިވަލެއް ބާއްވައިފިއެވެ.

އިސްކަންދަރު ސްކޫލްގައި މިއަދު ހަވީރު ކުރިއަށް ގެންދިޔަ އެ ފެސްޓިވަލްގައި ބައިވެރިކޮށްފައި ވަނީ އުމުރުން 10 އަހަރާއި 14 ދެމެދު ކުދިންނެވެ.

ކުޑަކުދިންނަށް އަމާޒް ކޮށްގެން އިސްކަންދަރު ސްކޫލް ގައި މިއަދު ބޭއްވި ނެޓްބޯޅަ ވައިޑީޕީ ފެސްޓިވަލްގެ ތެރެއިން --- ސަން ފޮޓޯ: އަހުމަދު މުޖުތަބާ

އެ ޕްރޮގުރާމް ފެށުމުގެ ގޮތުން ގައުމީ ނެޓްބޯޅަ ޓީމުގެ ކުޅުންތެރިން މެޗެއް ކުޅުނެވެ. ކުޑަކުދިންނަށް ނެޓްބޯލް ދަސްކޮށްދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ވެސް އެ ކުޅުންތެރިންގެ އެހީތެރިކަމާ އެކުގަ އެވެ.

ނެޓްބޯޅަ އެސޯސިއޭޝަންގެ ވައިޑީޕީ ޕްރޮގްރާމްގެ ދަށުން ނެޓްބޯޅަ ކުޅެން ބޭނުންވާ ކުދިންނަށް އެ ކުޅިވަރު ދަސްކޮށްދިނުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން ދެވަނަ އިވެންޓް މިއަދު ނިންމާލިއިރު އެ ޕްރޮގްރާމްގެ ދަށުން ފުރަތަމަ ޕްރޮގްރާމް މިދިޔަ ހުކުރު ދުވަހު ވިލިމާލޭގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ކުޑަކުދިންނަށް އަމާޒް ކޮށްގެން އިސްކަންދަރު ސްކޫލް ގައި މިއަދު ބޭއްވި ނެޓްބޯޅަ ވައިޑީޕީ ފެސްޓިވަލްގެ ތެރެއިން --- ސަން ފޮޓޯ: އަހުމަދު މުޖުތަބާ

ނެޓްބޯޅަ އެސޯސިއޭޝަނުން ބުނީ ނެޓްބޯޅައަށް ކުޑަކުދިން އަހުލުވެރިކުރުމުގެ ގޮތުން ތަފާތު އެކި ޕްރޮގްރާމްތަށް ހިންގުމަށް ހަމަޖެހިފައިވާ ކަމަށާއި މުސްތަގުބަލްގައި އެއަށްވުރެ ފޯރި ގަދަ ހަރަކާތްތައް ވެސް ކުރިއަށް ގެންދިއުމަށް ރާވަމުން އަންނަ ކަމަށެވެ.