20 May 2016, 17:35
އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަހުލުވެރިކޮށް މަގުމަތީގެ ރައްކާތެރިކަން ދެމެހެއްޓުމަށް ކުރާ މަސައްކަތްތައް އިތުރު ކުރުމަށް ޕިކަޕް ޑްރައިވަރުންނަށް ހާއްސަ ކްލާސްތަކެއް ފުލުހުން ކުރިއަށްގެންދަން ފަށައިފި އެވެ.
ފުލުހުން ބުނީ، ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން އިންތިޒާމުކޮށްގެން މާލޭގައި ކުރިއަށް ގެންދާ އެ ކުލާސްތަކަކީ އެއްގަމުދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް ޕިކަޕް ޑްރައިވަރުން އަހުލުވެރިކުރުވުމަށް ހިންގަމުންދާ ކުލާސްތަކެއް ކަމަށެވެ.
ޕިކަޕް ޑްރައިވަރުން ގާނޫނަށް އަހުލުވެރިކުރުވުމަށް ފުލުހުން ކުރިއަށްގެންދާ ކުލާސްތަކުގެ ތެރެއިން --- ފޮޓޯ/ ފުލުހުން
އެ ކުލާސްތަކުގައި ގާނޫނުތަކާއި ގަވާއިދު ތަކާއި ގުޅިގެން ޑްރައިވަރުންގެ ހިތްތަކުގައި އުފެދިފައި ހުރި ސުވާލުތަކަށް ޖަވާބުދީ މަގުމަތީގެ ރައްކާތެރިކަން ދެމެހެއްޓުމުގައި ޕިކަޕް ޑްރައިވަރުންގެ ގޮތުން ކޮށްދެވިދާނެ ކަންކަމާމެދު މަޝްވަރާކުރެވޭނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މިދިޔަ އަންގާރަ ދުވަހު ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ ކުލާސްތަކުގައި ގާތްގަނޑަކަށް 200 ޕިކަޕް ޑައިރަވަރުން ބައިވެރިވާއިރު، ކޮންމެ ޑްރައިވަރަކު ވެސް ބައިވެރިވާނީ އެއްދުވަހުގެ ކުލާހެއްގައެވެ.