ދިވެހި އަސްކަރިއްޔާގެ އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަށް ފުޅާ ދާއިރާއެއްގައި ޕާކިސްތާނުގެ އަސްކަރިއްޔާގެ އިސްބޭފުޅުންނާއެކު އެމްއެންޑީއެފުން މަޝްވަރާކޮށްފި އެވެ.

އެ މަޝްވަރާތައް ކުރިއަށް ގެންދިޔައީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަޙްމަދު ޝާހިދު ޕާކިސްތާނަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގަ އެވެ. އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމަނިކުފާނު ވަނީ މިއަދު ރާއްޖެ ވަޑައިގެންފަ އެވެ.

ޝާހިދު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅާ ގުޅޭ ގޮތުން އެމްއެންޑީއެފުން ބުނީ އެމަނިކުފާނުގެ ދަތުރުފުޅަކީ އިސްލާމްއާބާދުގައި ބޭއްވި ސްޓާފް ޓޯކްސްގައި ބައިވެރިވެވަޑައި ގެންނެވުމަށް ކުރެއްވި ދަތުރުފުޅެއް ކަމަށެވެ.

އެ ދަތުރުފުޅުގައި ދިވެހި އަސްކަރިއްޔާގެ އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށާއި ދެ ޤައުމުގެ އަސްކަރިއްޔާގެ ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރި ކަމަށެވެ.

ވައިސް ޗީފް އޮފް ޑިފެންސް ޝާހިދުގެ ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި އެމްއެންޑީއެފްގެ ޕްރިންސިޕަލް ޑައިރެކްޓާ އޮފް އޮޕަރޭޝަންސް އެންޑް ޓްރޭނިން ކާނަލް ޙާމިދު ޝަފީޤާއި ކެޕްޓަން މުޙައްމަދު ފަހުމީ ބައިވެރިވެވަޑައިގެންނެވި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.