20 May 2016, 15:49
އައިފަލް ޓަވަރަކީ ހަމަލޮލުން އެތަނެއް ބަލާލަން ކޮންމެ މީހަކު ވެސް ބޭނުންވާނެ ތަނެކެވެ. އެތަނަށް އަހަރަކު ހަތް މިލިއަން މީހުން ޒިޔާރަތްކުރާ ކުރުމަކީ އެކަން ސާބިތުކޮށް ދޭ ހެއްކެކެވެ. އެހެންކަމުން 300 ޔާޑުގެ ބޮޑު ސަރަހައްދެއްގައި ހަދާފައިވާ އެ ޓަވަރަށް އަރަން ބޭނުން ނުވާނީ ވަކި ކާކު ހެއްޔެވެ.
އެ ފުރުސަތުވެސް ލިބުމަކީ ދުރުގަ އޮތް ކަމެއް ނޫނެވެ. އަންނަ މަހު 10 ވަނަ ދުވަހު ފްރާންސްގައި ފަށާ ފުޓްބޯޅައިގެ ބޮޑު އީދު، ޔޫރޯ ފުޓްބޯޅަ މުބާރާތަށް އައިފަލް ޓަވަރުގައި އެޕާޓްމަންޓެއް ހަދަން ވަނީ ނިންމާފައެވެ.
ނަމަވެސް އެ ނަސީބު ލިބޭނީ ނަސީބުގަދަ ހަތަރު މީހަކަށް އެކަންޏެވެ. ނަސީބުވެރިއަކަށް ހޮވޭ މީހަކަށް، އާއިލާ ނުވަތަ ރައްޓެހި ފަސް މެމްބަރުން ގެނައުމުގެ ފުރުސަތު އޮވެ އެވެ.
ރެންޓަލް ކުންފުންޏެއް ކަމަށްވާ، ހޯމްއަވޭ އިން މިވަނީ އައިފަލް ޓަވަރުގެ ފުރަތަމަ ފަންގިފިލާ މީހުންނަށް ދިރިއުޅޭ ތަނަކަށް ހަދަން ނިންމާފައެވެ. މި ދަންނަވަނީ 173 ފޫޓު މަތީގެ ވާހަކަ އެވެ. ހައުސްމޭނިއަން ސްޓައިލަށް ހަދާ އެ ތަނުން، ޕެރިހުގެ މަޝްހޫރު ތަންތަން ކަމަށްވާ ސެކްރި ކްއާ އާއި އާކް ޑު ތުރިއަންފަ އަދި ސެނު ކޯރު ފެންނާނެ އެވެ.
އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ އިއްޔެ އެވެ. މުބާރާތުގައި ހަމައެކަނި ކޮށްލަންޖެހޭ ކަމަކީ ރެއަކަށް އައިފަލް ޓަވަރުގެ އެޕާޓްމަންޓުގައި ހޭދަކޮށްލުމުގެ ފުރުސަތު ލިބިއްޖެނަމަ ކުރާނެ ކަންތައް ހިއްސާކޮށްލުމެވެ.