މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އަށް ކުއްޔަށް ދޫކޮށްފައިވާ ހދ. ނާގޯށީގައި ތަރައްގީ ކުރާ ރިސޯޓު އަންނަ އަހަރު ހުޅުވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްޓީޑީސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައި ވަނީ، ރިސޯޓު ހެދުމަށް އެމްޓީޑީސީއަށް ކުއްޔަށް ދޫކުރި ހދ. ނާގޯށި، 2007 ވަނަ އަހަރު ތްރީކޭ އިންޓަނޭޝާނަލް ކިޔާ ކުންފުންޏަކަށް ސަބް ލީޒް ކުރެވިފައިވާ ކަމަށެވެ.

އަހަރީ ރިޕޯޓުގައި ބުނެފައި ވަނީ، ރިސޯޓުގެ މަސައްކަތް ހަލުއި ކުރުމަށްޓަކައި ޕާޓްނަރެއްގެ ގޮތުން، ބަހްރައިންގެ ތަޖުރިބާކާރު ކުންފުންޏެއް މިދިޔަ އަހަރު އެ މަސައްކަތުގެ ތެރެއަށް ގެނެސްފައިވާ ކަމަށެވެ.

އަދި މި ރަށުގައި ތަރައްގީ ކުރާ 600 އެނދުގެ، ފައިވް ސްޓާ ލަގްޒަރީ ރިސޯޓު އަންނަ އަހަރުގެ މެއި މަހުގައި ހުޅުވާނެ ކަމަށާއި މިހާތަނަށް އެ ރިސޯޓުގެ 50 ޕަސަންޓު މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީޑީސީން ބުނެ އެވެ.

ނާގޯށީގެ އިތުރުން، އެމްޓީޑީސީން ކުއްޔަށް ހިފި ތިން ރަށެއްގައި ރިސޯޓު ހިންގަމުން ދެ އެވެ. އެއީ ތައިލެންޑްގެ މައިނާ އިންޓަނޭޝަނަލް ލަބުއަން ލިމިޓެޑަށް ސަބްލީޒް ކޮށްގެން ބ. ހުރަވަޅީގައި ހިންގާ އަނަންތާރާ ކިހަވަށް ވިލާޒްއާ، ގދ. މަގުދުއާގައި ތުރުކީގެ އަހްމަޓް އައިޑެނީޒް އިންސާޓްއާ ގުޅިގެން ތަރައްގީކޮށް، ހިންގާ އަޔާދާ މޯލްޑިވްސްގެ އިތުރުން އޯ ޕްލަސް އީ ހޯލްޑިންގްސްއާ ގުޅިގެން ދ. އެނބޫދޫފުށި އަދި އޮޅުވެލީގައި ހިންގާ ޕާ އެކުއަމް ނިޔާމަ މޯލްޑިވްސް އެވެ.

ނަމަވެސް، އެ ކުންފުންޏަށް ދޫކުރި ގިނަ ރަށްރަށުގެ އެގްރިމެންޓް ސަރުކާރުން ބާތިލު ކޮށްފައި ވެސްވެ އެވެ. އެއީ ހއ. އުލިގަމު ސިޓީ ހޮޓެލް މަޝްރޫއު އާއި، ގއ. ވޮޑަމުލާއާއި، ނ. އެކުޅިވަރު އަދި ގއ. ކޮނޑޭމަތީލާބަދޫ އެވެ.