ފާއިތުވި 66 އަހަރު ތެރޭގައި ވައިގެ ދަތުރުފަތުރުގެ ނުރައްކާތެރި ހަތް ޙާދިސާއަކާ މިސްރު ކުރިމަތިލާން ޖެހިފައިވެ އެވެ. އެގޮތުން 1956 އިން 2016 އަށް ބަލާއިރު މިސްރުގެ ހަ މަތިންދާބޯޓެއް ވެއްޓި ބޭރު ގައުމުތަކުގެ ތިން މަތިންދާބޯޓެއް މިސްރަށް ވެއްޓިފައިވެ އެވެ. ތިރީގައި މި ވަނީ ފާއިތުވި 66 އަހަރު ތެރޭގައި މިސްރަށް ކުރިމަތިވި މަތިންދާބޯޓު ވެއްޓުމުގެ ކާރިސާތަކެވެ.

  • 31 އޮގަސްޓް 1950 :މިތާރީޚުގައި ޓްރާންސް ވޯލްޑް އެއާލައިން ގެ ޑިސީ 10 އެއް މަރުކާގެ މަތިންދާބޯޓެއް ގާހިރާގެ ކައިރީގައިވާ މިސްރުގެ ވާދީ އައްނަތްރޫން ސަރަހައްދަށް ވެއްޓި އެއިން ދަތުރުކުރި 55 މީހުން މަރުވެފައިވެ އެވެ. އެ ބޯޓު ވެއްޓުނީ ގާހިރާ އިންޓަނޭޝަނަލް އެއަރޕޯޓުން ފުރައިގެން އިޓަލީ ރޯމް އަށް ދަތުރުކުރަނިކޮށެވެ. އެ ބޯޓު އުދުއްސާގަތްތަނާ އޭގެ އެއް އިންޖީނުގައި ރޯވުމުން ޕައިލެޓް މަސައްކަތް ކުރީ އަނބުރައި ގާހިރާ އެއަރޕޯޓްގައި ޖެއްސުމަށެވެ. އެބޯޓު ވެއްޓުނީ ގާހިރާ އެއަޕޯޓަށް އެނބުރި ޖައްސަން އައި ވަގުތު ބޯޓުގެ އެއް އިންޖީނު ބޯޓާ ވަކިވެ ބޯޓުގައި އަލިފާން ރޯވުމުގެ ސަބަބުންނެވެ.

  • 30 ޖުލައި 1952: މިސްރުގެ ގައުމީ އެއަރލައިން ކަމަށްވާ އިޖިޕްޓް އެއަރ ގެ މަތިންދާބޯޓެއްގައި އަލިފާން ރޯވުމުގެ ސަބަބުން ގާހިރާގެ އިރުމަތީގައިވާ އަލްމާޒާ އެއާޕޯޓަކަށް ކުއްލި ޙާލަތުގައި އެ ބޯޓު ޖެއްސިއެވެ. އޭރުގެ އެބޯޓުގައި 33 މީހުން ތިއްބެވެ. އެހާދިސާގައި އެބޯޓުގެ ބައެއްމީހުން ޒަޚަމްވެ ބޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް އެއްވެސް ފަސިންޖަރަކު މަރުވެފައެއް ނުވެއެވެ.
  • 5 ސެޕްޓެމްބަރު 1952 :އިޖިޕް އެއަރގެ މަތިންދާބޯޓެއް ގާހިރާގެ އަލްމާޒާ އެއަރޕޯޓަށް ވެއްޓި އެ ބޯޓުގެ ފަޅުވެރިންގެ ތެރެއިން ތިން މީހުން މަރުވި އެވެ.
  • 21 ސެޕްޓެމްބަރު 1973 :މިސްރުގެ އަވަށްޓެރި ލީބިޔާގެ ގައުމީ އެއަރލައިން ކަމަށްވާ "ލީބިޔަން އަރަބް އެއަރލައިން" ގެ ބޮއިންގް 727 މަރުކާގެ މަތިންދާބޯޓެއް މިސްރުގެ ސައިނާގެ މަތިން އުދުހެމުން ދަނިކޮށް އިސްރާއީލުން އިސްރާއީލުގެ ފައިޓަރޖެޓް ދެ މަތިންދާބޯޓުގެ ދެބޯޓުން ޙަމަލާދީ ލީބިޔާގެ ފަސިންޖަރު ވައްޓާލިއެވެ. އިސްރާއީލުން ގަސްދުގައި ހިންގި އެޖަރީމާގައި އެބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން 108 މީހުން މަރުވިއެވެ. ސަލާމަތްވީ އެންމެ ފަސްމީހުންނެވެ. އޭގެތެރޭގައި އެބޯޓުގެ ކޯ ޕައިލެޓް ހިމެނެއެވެ.
  • 3 ޖަނަވަރީ 2004 :މިސްރުގެ އަމިއްލަ އެއަރލައިން އެއްކަމަށްވާ ފްލަޝް އެއަރލައިންސް ގެ ބޯޓެއް މިސްރުގެ ޝަރްމުއްޝައިޚް އިން ގާހިރާއަށް ދަތުރުކުރަނިކޮށް ރަތްކަނޑަށް ވެއްޓި އެއިން ދަތުރުކުރި 148 މީހުން މަރުވިއެވެ. އެބޯޓުން ދަތުރުކުރީ މުޅިންވެސް ފަރަންސޭސި ފަތުރުވެރިންނެވެ.
  • 1989 :މިސްރުގެ ގައުމީ އެއަރލައިން ކަމަށްވާ "އިޖިޕްޓް އެއަރ" ގެ ބޯޓެއް އެމެރިކާއިން ފުރައިގެން މިސްރަށް އައުމުގެ މަގުމަތީގައި އެޓްލާންޓިކް ކަނޑަށް ވެއްޓި އެބޯޓުގެ ހުރިހާ ފަސިންޖަރުންނާއި ފަޅިވެރިން މަރުވެފައިވެއެވެ. ފަހުން އެބޯޓުގެ ބައިތަކާއި ފަސިންޖަރުންގެ ހަށިތައް ފެނިފައިވެއެވެ. އެބޯޓުގެ ފަސިންޖަރުންގެ ތެރޭގައި ގިނައީ އެމެރިކާގައި އަސްކަރީ ތަމްރީންތަކެއް ހެދުމަށްފަހު އެނބުރި ގައުމަށް ދިއުމަށް ދަތުކުރި މިސްރު ސިފައިންގެ އިސް އޮފްސަރުންނެވެ. މީގެއިތުރުން މިސްރުގެ ނިއުކްލިޔަރ ސައެންޓިސްޓުންގެ ދެމީހުންވެސް އެބޯޓުން ދަތުރުކުރިއެވެ. މިޙާދިސާގެ ފަހަތުގައި އިސްރާއީލުގެ ޖާސޫސީ އިދާރާ މޫސާދް ވާކަމަށް ތުހުމަތު ކުރެވިފައިވެއެވެ. ނަމަވެސް ތަހްގީގުން މިކަން ހާމަވެފައެއް ނުވެއެވެ.
  • 15 ޖަނަވަރީ 2008 :މިސްރުގެ ނިއުކްލިޔަރ އެނަޖީ އެޖެންސީ ގެ ކުޑަ މަތިންދާބޯޓެއް ގާހިރާއިން ބޫރު ސައީދަށް ކުރި ދަތުރެއްގައި އެބޯޓު ވެއްޓި އެއިން ދަތުރުކުރި އެންމެން މަރުވިއެވެ.
  • 29 ޖުލައި 2011 :މިސްރުގެ ގައުމީ އެއަރލައިން ކަމަށްވާ އިޖިޕްޓް އެއަރ ގެ ބޮއިންގް 777 މަރުކާގެ މަތިންދާބޯޓެއް ގާހިރާ އެއަރޕޯޓުން އުދުއްސައި ގަންނަން އުޅެނިކޮށް އެބޯޓުގައި އަލިފާން ރޯވުމުގެ ސަބަބުން އެބޯޓުގެ ބައެއް ފަސިންޖަރުން ޒަޚަމްވިއެވެ. އަދި 310 ފަސިންޖަރުން ސަލާމަތްވިއެވެ.
  • 31 އޮކްޓޯބަރ 2015 :ރަޝިޔާގެ ފަސިންޖަރު މަތިންދާބޯޓެއް މިސްރުގެ ޝަރްމުއްޝައިޚް އެއަރޕޯޓުން ފުރައިގެން މޮސްކޯ އަށް ދަތުރުކުރަމުން ދަނިކޮށް ސައިނާގެ އަލްއަރީޝް ގެ ކައިރިއަށް ވެއްޓި އެއިން ދަތުރުކުރި އެންމެ މަރުވިއެވެ. މިބޯޓު ވެއްޓުނީ އައިއެސް ޖަމާއަތުގެ ޓެރަރިސްޓް ހަމަލާއެއްގައިކަން ތަހްގީގްތަކުން ވަނީ ހާމަވެފައެވެ.

އެންމެފަހުން އިއްޔެ ވެއްޓުނީ އިޖިޕްޓް އެއަރ ގެ އެއަރބަސް އޭ 320 މަރުކާގެ މަތިންދާބޯޓެކެވެ. ޕެރިހުން ފުރައިގެން ގާހިރާއަށް ދަތުރުކުރަނިކޮށް އިއްޔެ ވެއްޓުނު މިބޯޓުން ދަތުރުކުރި 66 މީހުންވެސް މަރުވެފައިވާކަމަށް ވަނީ ބެލެވިފައެވެ. އެބޯޓު މެޑިޓަރޭނިޔަން ކަނޑަށް ވެއްޓުނުކަން ވަނީ ކަށަވަރުވެފައެވެ. އެބޯޓުގެ ބައިތައް ހޯދުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ. (ނޫސްއެޖެންސީތައް)