12 May 2011, 10:35
އަލްޖަޒީރާގެ ޝޭން ވޮން ޔޫން ލިޔުނު ރިޕޯޓްގެ ތަރުޖަމާ: މުހައްމަދު ނަސީމް
ޕާކިސްތާންގެ އެބޮޓް އާބާދުގައި ހުންނަ ވީރާނާ ގެއެއްގެ ތެރޭގައި އުސާމާ ބިން ލާދިން މަރާލުމާއި އޭގެ ފަހުން އޭނާއާ މެދު ކުރި ކަންތައްތަކާމެދު މިހާރު އެތައް ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
އުސާމާ ބިން ލާދިން މަރާލެވިއްޖެކަން އެމެރިކާގެ ރައީސް ބަރަކު އޮބާމާ މިމަހުގެ ދެ ވަނަ ދުވަހު އިއުލާން ކުރެއްވި އިރު ވިދާޅުވެފައި ވަނީ އުސާމާ މަރާލެވުނީ ހަމަލާތައް ބަދަލުކުރުމަށް ފަހުގައި އެހެން ގޮތެއް ނެތިގެން ކަމަށެވެ. ނަމަވެސް އޮބާމާ ދެއްކެވި ވާހަކަ ފުޅުގެ އިތުބާރު ގެއްލިގެން ދިޔައީ އުސާމާ މަރާލުމުގެ ކުރިން އޭނާގެ އަތުން ހަތިޔާރު އަތުލެވިފައިވާ ކަމަށް ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ ވިދާޅުވުމާ ގުޅިގެންނެވެ.
އުސާމާ ބިންލާދިން މަރާލުމުގައި އެމެރިކާއިން ގާނޫނާ ހިލާފު އެތައް ކަމެއް ހިންގާފައިވާ ކަމަށް ކުރެވުނު ތުހުމަތުތަކަށް އެމެރިކާގެ އެޓާނީ ޖެނެރަލް ދެއްވީ އެންމެ ޖަވާބެކެވެ. އޭނާ ވިދާޅުވީ އެމެރިކާއިން ހިންގި އޮޕަރޭޝަނަކީ ގާނޫނީ ގޮތުން ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައެޅިފައިވާ ޖަމާއަތަކާ ދެކޮޅަށް އަމިއްލަ ނަފުސުގެ ދިފާއުގައި ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
އެމެރިކާގެ އޮޕަރޭޝަނަކީ ގާނޫނާ އެއްގޮތަށް ހިންގި ކަމެއްކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާއާއި އެމެރިކާ ސަރުކާރުގެ އެހެން އިސްވެރިން ވިދާޅުވަމުން ގެންދެވި ނަމަވެސް އެކަމާ މެދު އުފެދޭ އެތަކެއް ސުވާލު އަދިވެސް އެބަހުއްޓެވެ.
އުސާމާ ބިން ލާދިން މަރުވި އިރު އޭނާއަކީ ހަތިޔާރަކައި ނުލައި ހުރި މީހެކެވެ. އެހެން ވިއްޔާ އެމެރިކާގެ ސީލް ކޮމާންޑޯއިންގެ ބަޑީގެ ވަރުގަދަ ހަމަލާތައް އެއީ އަމިއްލަ ނަފްސުގެ ދިފާއުގައި ކުރިކަމެއް ކަމަށް ހަދާނީ ކިހިނެތް ހެއްޔެވެ؟
އުސާމާއަށް ހަމަލާދީ މަރާލުމުގެ ގާނޫނީ ހައްގު އެމެރިކާއަށް ލިބިގެންވޭ ހެއްޔެވެ؟ ޕާކިސްތާންގެ ސަރުކާރަށް ނޭނގި އެ ގައުމުގެ ފަސްގަނޑުގައި އަސްކަރީ ހަރަކާތެއް ހިންގުމުގެ ގާނީ ހައްގު އެމެރިކާއަށް ލިބިގެން ވޭ ހެއްޔެވެ؟ އުސާމާ ވަޅުލުން އެހާ އަވަސް ކުރީ ކީއްވެހެއްޔެވެ؟ މިސުވާލުތަކަށް ޖަވާބު ދިނުމަށް ވަރަށް އެކަށީގެންވާ ބޭފުޅުން ތަކެއް ވަނީ މިސުވާލުތަކުގެ ޖަވާބު ދެއްވާފަ އެވެ.
އޮބާމާގެ ސަރުކާރުގެ ސިޔާސަތަކީ ހަތިޔާރު އެޅި ހަމަނުޖެހުމެއްގައި ނުވަތަ އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށް ބުނެ އެމެރިކާއިން ހިންގާ މީހުން މެރުމާއި ސިޔާސީ ފަރާތްތައް އަވަހާރަކޮށްލުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ނުބެލުމެވެ. އެގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓަށް ލަފާދޭ މުޝީރެއްކަމަށްވާ ހެރަލްޑް ކޯ މިދިޔަ އަހަރުގެ މާޗްމަހު އެމެރިކަން ސޮސައިޓީ އޮފް އިންޓަނޭޝަނަލް ލޯގެ ޖަލްސާއެއްގައި ތަގުރީރު ކުރައްވަމުން ވިދާޅުވެފައި ވަނީ ސިޔާސީ އަވަހާރަކުރުން ތަކަކީ އެމެރިކާގެ އެތެރޭގެ ގާނޫނުގައި މަނާކަކަމެއް ކަމަށް ވިޔަސް އެމެރިކާއިން އަމިއްލަ ދިފާއުގައި ކުރާ ކަންކަމުގައި އެއީ ހުއްދަ ކަމެއް ކަމަށެވެ.
އެމެރިކާގެ އިސް ފަރާތްތަކުން މިގޮތަށް މިކަން މާނަކުރެއްވިޔަސް އުސާމާ މަރާލީ ގާނޫނާ އެއްގޮތަކަށް ނޫން ކަމަށް ބުނުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. ހަތިޔާރަކާ ނުލައި ހުރި އުސާމާ ބިންލާދިންއަށް އެމެރިކާގެ ސީލް ކޮމާންޑޯއިން ހަމަލާދިން އިރު އޭނާގެ ފަރާތުން އެސިފައިންނަށް ނުރައްކަލެއް އޮތްކަމަކަށް ނުބެލެވޭނެއެވެ. އެހެން ކަމުން ސީލް ކޮމާންޑޯއިން އޭނާ މަރާލީ އަމިއްލަ ދިފާއުގައި ކަމަށް ބުނެވޭކަށް ނެތެވެ.
އެމެރިކާއިން އުސާމާ މައްޗަށް ތުހުމަތުކުރާ ކަންތައްތައް އޭނާގެ މައްޗަށް ޝަރީއަތްކޮށްގެން ސާބިތުނުކޮށް މަރާލުމަކީ އެމެރިކާއަށް ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫންކަމަށް ގާނޫނީ ބައެއް މާހިރުން ބުނަމުންދާ ދިއުމަށް އެމެރިކާއިން ދީފައި ވަނީ އަދި އެއްގޮތަކަށް ވެސް ގަބޫލު ނުކުރެވޭނެ ކަހަލަ ޖަވާބެކެވެ.
" އުސާމާ ބިންލާދިންގެ މައްސަލާގައި ގާނޫނީ ބަހުސެއް ނުކުރެވޭނެ" އެމެރިކާ ސަރުކާރުން ކިއުބާގައި ހިންގާ އަނިޔާވެރި ޖަލުގެ ކަންކަމުގައި އިސްކޮށް އުޅުއްވާ ބޭފުޅަކު ވިދާޅުވިއެވެ.
އެމެރިކާއިން ބުނަނީ އުސާމާއަކީ އެމެރިކާއާ ހަނގުރާމަކުރަމުންދާ ލަޝްކަރެއްގެ ޖެނެރަލަކަށް ވާތީ އޭނާ މަރާލުމަކީ ގާނޫނީ ގޮތުން ވިސްނަން ޖެހޭ ކަމެއް ނޫންކަމަށެވެ. ނަމަވެސް ޕާކިސްތާންގެ ސިޔާދަތަށް އަރައިގަތުމަށް އޮތީ ގާނޫނީ ކޮން ހައްގެއްތޯ ކުރެވޭ ސުވާލަށް އަދި އެވަރަކުން ޖަވާބެއް ނުލިބެއެވެ.
ބައިނަލް އަގުވާމީ ގާނޫނުތަކާ ބެހޭ މާހިރެއްކަމަށްވާ ޗިޕް ޕިޓްސް ވިދާޅުވަނީ ޕާކިސްތާން ސަރުކާރަށް އެނގުމަކާ ނުލައި އެގައުމުގެ ބިމުގައި އެފަދަ އޮޕަރޭޝަނެއް ހިންގުމަކީ ގާނޫނާ ހިލާފު އަދި އދ ގެ ޗާޓަރާވެސް ހިލާފު ކަމެއް ކަމަށެވެ.
އުސާމާބިން ލާދިން މަރާލުމަށް އެމެރިކާއިން ހިންގި އޮޕަރޭޝަންގައި ގާނޫނީގޮތުން ސުވާލު އުފެދޭ އަނެއް މައްސަލައަކީ އެހާ އަވަހަށް އުސާމާގެ ކަށުކަމާ ކެމީގެ ކަންތައްތައް ކުރުމަށް ފަހު ބަރެއް ބަނދެފައި ކަނޑުގައި ކަނޑުގައި "ވަޅުލި" މައްސަލަ އެވެ.
އިސްލާމީ ގާނޫނުގެ މާހިރެއްކަމަށްވާ މާރިން ކާޓްޒް ވިދާޅުވަނީ އިސްލާމްދީނުގައި މީހުންގެ ޖަނާޒާ ކަނޑުގައި ބޭއްވުން ހުއްދަވަނީ ވަކި ހާލަތެއްގައި ކަމަށެވެ. އެއީ ކަނޑުމަތީގައި މަރުވެ، ހިކިފަސްތަނަކާ ހަމައަށް ގެންދެވެންވާއިރަށް ހަށިގަނޑު ކުނިވެދާނެ ކަމުގެ ބިރު ހީވާ ހާލަތުގައި ކަމަށެވެ.
ކާޓްޒް ވިދާޅުވަނީ އުސާމާ މަރުވީ އެއްގަމުގައި ކަމަށް ވެފައި އޭނާގެ ހަށިގަނޑު ކުނިވިޔަ ނުދީ ބޭއްވުމުގެ ފުރުސަތު މިހާރުގެ ޓެކްނޮލޮޖީގެ އެހީގައި އޮތުމުން އޭނާ ކަނޑު ފެއްތުމަކީ އެއްވެސް ގޮތަކުން އިސްލާމީ އުސޫލަށް ފެތޭ ކަމެއް ނޫން ކަމަށެވެ.
މަރުވުމަށް ފަހު ޖަނާޒާ ބޭއްވުމަށްޓަކައި އާއިލާއާ ހަވާލުކުރުމަކީ އުސާމާއާއި އޭނާގެ އާއިލާއަށް ލިބިގެންވާ ހައްގެކެވެ. އެމެރިކާއިން ބުނަނީ އެމީހުންނަށް މުހިއްމީ އުސާމާ ކުރަމުންދިޔަ ކަންތަކުން އޭނާ ދުރުކުރުމެވެ. އެހެން ހުރިހާ ކަމެއް ދިޔަގޮތަކަށް ދިޔައީއެވެ.