20 May 2016, 14:00
މާލެ ހުޅަނގު ދެކުނު ފަރާތު ޓީޖެޓީ ސަރަހައްދު ފަޅަށް ވަންނަން ދިޔަ ދޯންޏެއް ސުނާމީ ބިނާ މައިޒާނުގައި ޖެހި، ގެއްލުންތަކެއް ލިބުމުން ދޯނީގެ ކެޕްޓަން ހައްޔަރުކޮށްފި އެވެ.
މިއަދު ހެނދުނު 10:30 އެހާކަންހާއިރު ހިނގި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ. ނަމަވެސް ސުނާމީ ބިނާ މައިޒާގެ ހުޅަނގު ދެކުނު ފަރާތު ވަށައިގެން ޖަހާފައިވާ ރެއިލިންއަށް ގެއްލުންތަކެއް ލިބިފައިވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް އިސްމާއިލް އަލީ ވިދާޅުވީ "ފްރެޝް-6" ނަމަކަށް ކިޔާ ދޯންޏެއް ސުނާމީ ބިނާ މައިޒާނުގެ ހުޅަނގު ދެކުނު ފަރާތުގައި ޖެހުމުން، އެ މައިޒާނުގެ ރެއިލިންގެ 25 ފޫޓެއްހާތަން ހަލާކުވެފައިވާ ކަމަށެވެ.
އެ ހާދިސާއާ ގުޅިގެން ފްރެޝް-6 ދޯންޏާއި އެ ދޯނީގެ ކެޕްޓަން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީން ކުރި ޓްވީޓެއްގައި އެ އެކްސިޑެންޓުގައި ސުނާމީ ބިނާ މައިޒާނަށް ލިބިފައިވާ ގެއްލުންތަކުގެ ފޮޓޯ އާންމުކޮށްފައިވެ އެވެ. ފޮޓޯއިން ފެންނަ ގޮތުން އެ އެކްސިޑެންޓުގައި ދޯންޏަށް ވެސް ގެއްލުންތަކެއް ލިބިފައިވެ އެވެ.

ސުނާމީ ބިނާ މައިޒާނުގެ ރެއިލިންގައި ޖެހުނު ދޯނި --- ފޮޓޯ/ ޓްވީޓާ
ކުރީގެ ތިއް ރުއް ޕާކަށް ސުނާމީ ބިނާ ބަދަލުކޮށް ތަރައްގީ ކޮށްފައިވާ ސުނާމީ ބިނާ މައިޒާނަކީ ގާތްގަނޑަކަށް ތިން މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ ތަނެކެވެ. މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހު ކުލަ ގަދަ ރަސްމިއްޔާތަކާ އެކު ސުނާމީ ބިނާ މައިޒާން ހުޅުވައިދެއްވީ، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.