މޯލްޑިވްސް ޕޮލިޓެކްނިކުން ހިންގާ 12 ކޯހަކުން 200 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ އެވެ.

ޕޮލިޓެކްނިކްގެ އޮޑިޓޯރިއަމްގައި އިއްޔެ ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އެ ސެންޓަރުން ދަސްވެނިވި 230 ޒުވާނުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އަދި ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު އެވެ.

ރަސްމިއްޔާތުގައި އެކި ކޯސްތަކުން މޮޅު ނަތީޖާ ހޯދި ޒުވާނުންނަށް ވަނީ އެވޯޑް ވެސް ދީފައެވެ.

ދަސްވެނިވި ދަރިވަރުންނާ މުހާތަބް ކުރައްވައި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވަނީ، މަރުކަޒުން ދަސްވި ހުނަރެއް އިތުރަށް ތަރައްގީ ކުރުމަށް އެ ހުނަރެއްގެ ބޭނުން އެންމެ އެދެވޭ ފައިދާ ހުރި ގޮތެއްގައި ހިފައި ކުރިއަށް ދެވޭނެ މަގު ހޯދުމަށް ނަސޭހަތްތެރިވެފައެވެ.

"އިތުރަށް ދިރާސާކޮށް އެ ހުނަރު އިތުރަށް ތަރައްޤި ކުރެވޭނެ އާ ގޮތްތައް ހޯދާށޭ، އެއަށްވުރެ ވެސް އިތުރަށް އެއްޗެއް ދަސްކުރަން ބޭނުންނަމަ، ކަންކަން އެނގޭ އެހެން މިހުން ކައިރީ އަހައިގެން ވެސް ތިމާގެ ހުރި ހުނަރެއް ތަރައްޤީ ކުރުމަށް މަސައްކަތް ކުރުމަކީ ލަދުވެތި ކަމަކަށް ނުހަދާށޭ، އަދި ތިމާއަށް ލިބިފައިވާ ހުނަރެއް އެހެން މިހުންނާ ހަމައަށް ފޯރުކޮސްދިނުމަކީ އުފަލަކަށް ހަދާށޭ،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

އެކަމަނާ ވިދާޅުވީ، މިއަދު ދަސްވެނިވި ދަރިވަރުން ވަޒީފާއަށް ނުކުމެ އާމްދަނީ ހޯދަން ފެށުމުން އެކަމުގެ ސަބަބުން ފައިދާ ކުރާނީ ހަމައެކަނި އެ ކުދިންނަށާއި އެކުދިންގެ އާއިލާތަކަށް އެކަނި ނޫން ކަމަށެވެ. އޭގެ ފައިދާ އެ ކުދިންގެ ރަށަށާއި އަތޮޅާއި ގައުމުގެ އިތުރުން ރާއްޖޭގެ އިގްތިސާދަށް ކުރާ ފައިދާ ބޮޑުވާނެ ކަމަށެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި އަދި ސަރަހައްދުތަކުގައި ޒަމާނުއްސުރެ ކުރެވެމުން އަންނަ ހާއްސަ މަސައްކަތްތައް ގެއްލިގެން ދިޔަ ނުދިނުމަކީ މުހިއްމު ކަމެއް ކަމަށް ފާހަގަކުރައްވާ މިނިސްޓަރު އައިޝަތު ޝިހާމް ވަނީ، އަތްކަން ކުރުމުގެ ދާއިރާއިން އާ ކޯހެއް ފަށައިގެން ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ.

ސެޓްފިކެޓް ލެވެލް 3 އިން ޖުވެލަރީ ޑިޒައިން އެންޑް މޭކިން ކޯސް، ނުވަތަ "އަތްކަން ކުރުން" ދަސްކޮށް ދޭ އެ ކޯހަކީ ތަޖްރިބާކާރު މާހިރުންގެ އެހީތެރިކަމާއެކު ފަރުމާކުރެވި އެމްކިޔުއޭ ގަބޫލުކުރާ ކޯހެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ކޯސް ކުރިއަށް ދަނީ ދ. ރިބުދޫގައި ގާއިމްކޮށްފައި ހުންނަ ލާނިން ސެންޓަރުގައެވެ.

މީގެ އިތުރުން، ރާއްޖެއިން ބޭރުގެ ތަޖްރިބާކާރުންގެ އެހީތެރިކަމާއިއެކު ސެޓިފިކޭޓް 3 އިން ހެއާ އެންޑް ބިއުޓީ ތެރަޕީ ކޯހެއް ފަރުމާކުރެވި، ކޯހުގައި ކިޔަވައިދުނުމަށް ބޭނުންވާ ވަސީލަތްތަކާއެކު އެކޯސް ވެސް ފެށިގެން ކުރިއަށްދާކަން މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

މޯލްޑިވްސް ޕޮލިޓެކްނިކް އިން ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ހިންގަން ފަށާފައިވާއިރު، މާލެ ފިޔަވައި ރާއްޖޭގެ ހަ ސަރަހައްދެއްގައި އެ ސެންޓަރުގެ ކެމްޕަސްތައް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.