20 May 2016, 00:22
އަވަށްޓެރި ސްރީ ލަންކާއަށް ކުރަމުންދާ ވިއްސާރާގައި އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، ބައެއް ހިސާބުތަކުގެ ބިންގަނޑު ކަނޑައިގެން ގޮސް ހާލުގައި ޖެހިފައިތިބި މީހުންނަށް އެހީވުމުގެ ފުރުސަތު ލަންކާގައި ހުންނަ ދިވެހިންގެ ސެންޓަރުން ހުޅުވާލައިފި އެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ) ނުވަތަ ސޯސަންވިލާ ހިންގެވުމާ ހަވާލުވެ ހުންނެވި، ލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަންގެ ތާޑް ސެކްރެޓަރީ އަބްދުއްރަޝީދު އާދަމް ވިދާޅުވީ، ލަންކާގައި ހާލުގައި ޖެހިފައިތިބި ރައްޔިތުންނަށް އެހީވުމަށް ފައިސާގެ އިތުރުން ތަކެތި ވެސް ހަދިޔާކުރެވޭނެ ކަމަށެވެ.

ލަންކާގައި ފެންބޮޑުވެ ހާލުގައި ޖެހިފައިތިބި ރައްޔިތުންނަށް އެހީވުމަށް ލަންކާގައި ހުންނަ ސޯސަންވިލާގައި ފަށާފައިވާ ހަރަކާތައް ދަނީ ބޮޑު ތަރުހީބެއް ލިބެމުން --- ފޮޓޯ/ އެމްއީސީސީ
އެގޮތުން، މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން ރޭގަނޑު 10:00 އަށް ސޯސަންވިލާ އިން އެހީ ބަލައިގަންނަމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަބްދުއްރަހީމު ވިދާޅުވީ، އެތަކެތި ލާންކަގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ލަންކާގައި ހަރަކާތްތެރިވާ މުސްލިމް ޖަމާއަތެއް ކަމަށްވާ ޖަމިއްޔަތުއް އުލަމާ އިން ކަމަށެވެ.
ސްރީ ލަންކާއަށް ކުރަމުންދާ ވިއްސާރާގައި، ބޯކޮށް ވާރޭވެހި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މިހާތަނަށް ފަންސާހަށްވުރެ ގިނަ މީހުން މަރުވެފައިވާކަން ވަނީ ކަށަވަރު ކުރެވިފަ އެވެ. ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން 350،000 ވަރަކަށް މީހުން ވަނީ އެ މީހުންގެ ގެދޮރު ދޫކޮށް ދާން ޖެހިފަ އެވެ. ހާލުގައި ޖެހިފައިވާ މީހުން ސަލާމަތް ކުރުމަށް އަރަނާޔަކާގައި 300 ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް ލަންކާގެ އޮފިޝަލުން ވިދާޅުވި އެވެ.

ލަންކާގައި ފެންބޮޑުވެ ހާލުގައި ޖެހިފައިތިބި ރައްޔިތުންނަށް އެހީވުމަށް ލަންކާގައި ހުންނަ ސޯސަންވިލާގައި ބަހައްޓާފައި ހުރި ފައިސާ ފޮށި --- ފޮޓޯ/ އެމްއީސީސީ
ސަން އަށް މައުލޫމާތު ދެއްވަމުން ސްރީ ލަންކާގައި ހުންނަވާ ރާއްޖޭގެ ހައި ކޮމިޝަނަރު ޒާހިޔާ ޒަރީރު މިއަދު ވިދާޅުވީ، އެގައުމުގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، ފެން ބޮޑުވި ނަމަވެސް މިހާތަނަށް އެއްވެސް ދިވެއްސަކަށް ގެއްލުމެއްވެފައިވާ ކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.
ނަމަވެސް، 13000 އަށްވުރެ ގިނަ ދިވެހިން އުޅެމުން އަންނަ ލަންކާގައި ދިވެހިން އުޅޭ ސަރަހައްދުތަކުގައި ވެސް ކޮންމެވެސް ވަރަކަށް ފެންބޮޑުވި ކަމަށް އެކަމަނާ ވިދާޅުވި އެވެ.