ފްރާންސުގެ ޕެރިހުން މިސްރުގެ ގާހިރާއަށް ދަތުރު ކުރަމުން ދަނިކޮށް ރާޑަރަށް ގެއްލުނު އިޖިޕްޓްއެއާގެ އެމްއެސް804 ފްލައިޓުގެ ބައިތައް ކަނޑުމަތިން ފެނިފައިވާކަން އެ އެއާލައިނުން ކަށަވަރުކޮށްދީފި އެވެ.

އެ އެއާލައިނުން ދާދި ދެންމެ އަކު ދިން ޕްރެސް ސްޓޭޓްމަންޓެއްގައި އެއާލައިންގެ ނައިބު ރައީސް އަހުމަދު އާދިލް ވިދާޅުވީ، ބޯޓު ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ މީހުންނަށް ބޯޓުގެ ބައިތައް ފެނިފައިވާ ކަމަށެވެ.

ބޯޓުގެ ބައިތައް ފެނިފައި ވަނީ ކާޕަތޯސް އައިލެންޑު ކައިރިންނެވެ. އެކަން މިހާރު ބޯޓުން ދަތުރު ކުރި ފަސިންޖަރުންގެ އާއިލާތަކަށް އަންގާފައިވާ ކަމަށް އެއާލައިނުން ވަނީ ބުނެފަ އެވެ.

ރާޑަރަށް ގެއްލުނު އިރު ފްލައިޓުގައި ތިބީ 59 ފަސިންޖަރުންނާއި 10 ކުރޫއިންނެވެ. އޭގެ ތެރޭގައި ތިން ކުޑަކުދިން ހިމެނޭ ކަމަށް އިޖިޕްޓްއެއާ އިން ވަނީ ބުނެފަ އެވެ.

އެމްއެސް804 ރާޑަރުން ގެއްލުނު އިރު ބޯޓު ދަތުރު ކުރަމުން ދިޔައީ އިރުމަތީ މެޑިޓެރޭނިއަންގެ 11،300 މީޓަރު މަތިން ކަމަށާއި ބޯޓާ ގުޅުން ކެނޑުނީ ގާހިރާގެ ގަނޑިން 02:30 ގައި ކަމަށް މިސްރުގެ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ. އަދި އޭރު ބޯޓު އޮތީ މިސްރުގެ ވައިގެ ސަރަހައްދުގެ 10 މޭލު އެތެރޭގައި ކަމަށްވެސް އޮފިޝަލުން ވިދާޅުވި އެވެ.

އެ ހާދިސާ އާއި ގުޅިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން މިސްރުގެ އޭވިއޭޝަން މިނިސްޓަރު ވިދާޅުވީ ބޯޓު ވެއްޓުނީ މެކޭނިކަލް މައްސަލައެއް ޖެހިގެން ނުވަތަ ޓެރަރިސްޓު ހަމަލާއަކުން ކަމަށް ވެދާނެ ކަމަށެވެ.

ނަމަވެސް ބޯޓު ވެއްޓުނީ މެކޭނިކަލް މައްސަލައެއް ދިމާވުމަށް ވުރެ، ބޮޑަށް ޓެރަރިސްޓު ހަމަލާއެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ފްރާންސުގެ ޕްރޮސިކިއުޓަރުން ވަނީ ހާދިސާ ހިނގައިދިޔަ ގޮތް ބެލުމަށް އެގައުމުން ވެސް ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ވިދާޅުވެފަ އެވެ.